ކޮމަންވެލްތުގެ ކޮންމެ މެންބަރު ގައުމަކަށް ވެސް އެ ގައުމެއްގެ ތަރައްގީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ އިހުތިޔާރު އޮންނަންވާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިގޮތަށް ވިދާޅުވީ އެންޓީގާ އެންޑް ބާބިޔުޑާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި މިއަދު ކުރިއަށްދިޔަ އެގްޒެކެޓިވް ސެޝަން ދޭއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ކޮމަންވެލްތުން ވިލުންތެރި ބައިވެރިވުންތަކަށް އިސްކަންދޭނެ ތިން ދާއިރާއެއް ފާހަގަކުރައްވައިފައެވެ. އެއީ މުއައްސަސާތަކުގެ ގާބިލުކަން އިތުރުކޮށް އިސްނަގައިގެން މަސައްކަތް ކުރުމަށް މީހުން ބާރުވެރިކުރުވުމާއި ގައުމީ ލަނޑުދަނޑިތަކަށް އިހުތިރާމް ކުރުމާ އެކު އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ގާބިލުކަން އަށަގެންނެވުމާއި ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް އެންމެން ގުޅިގެން އަމަލީ މަސައްކަތްތަކަކަށް ބަދަލުކުރުމެވެ.
"ވަގުތީ ބޭނުންތަކުގެ އިތުރުން ދެމެހެއްޓެނިވިގޮތެއްގައި ގާބިލުކަން އިތުރުކުރުމާއި އެއްބާރުލުން ދިނުމުގައި ގައުމީ މަސްލަހަތުތަކަށް އިހުތިރާމް ކުރެވި، ކޮންމެ މެންބަރު ގައުމަކަށް ވެސް އެގައުމެއްގެ ތަރައްގީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ އިހުތިޔާރު އޮންނަންވާނެ،" އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވީ މޫސުމީ ވިލުންތެރިކަމުން ފެށިގެން ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ހަމައަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި ތަޖުރިބާ ހިއްސާ ކުރުމާއި އަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ގުޅިގެން ހައްލުތައް ހޯދުމުގައި އެއްބާރުލުން އިތުރު ކުރުން މުހިންމު ކަމަށެވެ.
ކޮމަންވެލްތް ވަރުގަދަވުމަކީ ގައުމުތަކުގެ އަމިއްލަ ބާރާއި ގާބިލުކަމުގެ މައްޗަށް ބިނާވެ ކުރިއެރުމަށް މަގުފަހިކޮށްދޭ ޖަމާއަތަކަށް ކޮމަންވެލްތްވުން ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
އަދި 2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ އަމާޒުތައް ތަކުރާރުކުރައްވައި، 2030 ވަނަ އަހަރުގެ ނިޔަލަށް ޑިޖިޓަލް އިގުތިސާދަކީ ޖީޑީޕީގެ 15 އިންސައްތައަށް ހެދުމަށާއި 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހަކަތައިގެ 33 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މި ލަނޑުދަނޑިތަކަކީ އިތުރަށް ވިލުންތެރި ރާއްޖެއެއް ބިނާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ބައެއްކަން ފާހަގަކުރައްވަމުން، ނައިބު ރައީސް ވިދާޅުވީ ގައުމީ ތަރައްގީގެ އެންމެ ބޮޑު ބާރަކީ އަދި އޭގެ މަންފާ ހައްގުވާ ބަޔަކީ ރައްޔިތުން އަދި ހާއްސަކޮށް ޒުވާނުން ކަމަށެވެ. ޒުވާނުންނަށް ހުނަރާއި އިލްމާއި ފުރުސަތުތައް ފަހިކޮށްދިނުމަކީ މި ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކުރެވޭ ބޮޑު އިންވެސްޓްމެންޓެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބޭރުން އަންނަ ގޮންޖެހުންތައް، ހާއްސަކޮށް ދުނިޔޭގެ ސަޕްލައި ޗޭނަށް އަރާ ބުރޫތަކާއި އިގުތިސޯދީ ނުރައްކާތަކުގެ ސަބަބުން، ދުރުރާސްތާގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި އިންވެސްޓްކުރުމަށް ގައުމުތަކަށް އޮތް ފުރުށަތު ހަނިވަމުންދާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ
އަދި ވިލުންތެރިކަން އިތުރުކުރަނިވި ބައިވެރިވުންތަކުގެ ތެރެއިން، ގައުމުތަކުގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގައި ކޮމަންވެލްތަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
ކޮމެންޓް