އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ބަޔަކު ގޮވައިގެން ހޮސްޕިޓަލަށް ދިޔަ އެމްބިއުލާންސެއް ވެސް އެކްސިޑެންޓު ވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ ހިތަދޫ ޑެއިޒީ މަގާއި އެޅެދީދީ މަގު ގުޅުނު ކަންމަތިން ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ލިބުނީ ރޭ 9:30 ހާއިރު ކަމަށެވެ.

އެ އެކްސިޑެންޓުގައި ދެ ސައިކަލުގައި ތިބި ހަތަރު މީހުންނަށް އަނިޔާވެފައިވާ ކަމަށާއި އެމީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ އެ ދެ ސައިކަލު ވެސް ދުއްވީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް ދެ މީހަކު ކަމަށެވެ. މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

އެނގިފައިވާ ގޮތުގައި، އެ އެކްސިޑެންޓުގައި އަނިޔާވި މީހުން ގޮވައިގެން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ދިޔަ އެމްބިއުލާންސް ވެސް ވަނީ އެކްސިޑެންޓުވެފައެވެ.

ފުލުހުން ބުނީ ހިތަދޫ ބޮޑުމަގުން ދުއްވާފައި ދިޔަ އެމްބިއުލާންސް ކާރެއްގައި ޖެހި އެކްސިޑެންޓުވެފައިވާ ކަމުގެ ރިޕޯޓް ރޭ 9:59 ހާއިރު ލިބިފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި މީހަކަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓުގައި ހިމެނޭ ކާރު ޓޯކޮށް، މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.