ރާއްޖޭގައި މިހާރު ކަންކަން އޮތްގޮތުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދެމެދު އޮންނަ މުއްދަތަކީ އެންމެ ރަނގަޅު މުއްދަތެއް ނޫން ކަމަށާއި، އެންމެ މަސްލަހަތު ހުރި ގޮތަކީ ރިޔާސީ ދައުރުގެ މެދުތެރެއިން މަޖިލިސް އިންތިހާބު ބޭއްވުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެއެވެ.

ޅ. ކުރެންދޫގައި އެމްޑީޕީގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރާތާ ތިން މަސް ފަހުން މަޖިލިސް އިންތިހާބު ބޭއްވުމުން، މުޅި މަޖިލިސް އޮންނަނީ ރައީސްގެ ބާރުގެ ދަށުގައި ކަމަށެވެ.

"ރައީސް ޔާމީން އިންތިހާބުވެވަޑައިގަތުމަށްފަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ބޮޑުކޮށް ރައްޔިތުންގެ މަޖިލިސް ނެގި. ދެން އައީ އަޅުގަނޑުގެ ވެރިކަމުގެ ދުވަސްވަރު، 2018 ގައި އަޅުގަނޑު އިންތިހާބުވުމަށްފަހު 2019 ގައި އަޅުގަނޑު ނެގިން ޔާމީނަށް ވުރެ ގިނައިން ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ. ދެން މިއައީ ރައީސް މުއިއްޒު،" ރައީސް ސޯލިހު ވިދާޅުވިއެވެ.

"ރައީސް މުއިއްޒު ނަގައިފި އެ އަށްވުރެ ގިނައިން. މާ ގިނައިން ނަގައިފި."

އެހެންވެ ރައީސް ސޯލިހު ހުށަހެޅުއްވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ދެ އަހަރު ބައި ހޭދަވުމަށްފަހު މިޑްޓާމް އިންތިހާބެއްގެ ގޮތުގައި މަޖިލިސް އިންތިހާބު ބޭއްވުމަށެވެ.

އަދި އަނެއް ގޮތަކީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަށްފަހު، މަޖިލީހުގެ ދައުރު ދެ އަހަރު ބަޔަށް ކުޑަކޮށްލުންކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިންތިހާބުތައް އެއްކޮށްލުމަށް ކުރަމުންދާ މަސައްކަތަށް ފާޑުވިދާޅުވަމުން ރައީސް ސޯލިހު ވިދާޅުވީ، ގާނޫނުއަސާސީއަށް މިހާރު ގެންނަން އުޅޭ ބަދަލަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓާ މެދު ރައްޔިތުން ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ.

މިއީ ހެޔޮ ނިޔަތެއްގައި ކުރާ ކަމެއް ނަމަ، ސަރުކާރުން ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމިއްޔާތަކާއި، ޖުޑިޝަރީ އަދި ގާނޫނީ ވަކީލުންނާ މަޝްވަރާކުރަންޖެހޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.