ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026ގެ ކިންގަކަށް ނައިވާދޫގެ ކެޕްޓަން ޔާމީން މުހައްމަދު (ޔާންޓޭ) ހޮވިއްޖެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2026ގެ ފައިނަލުގައި ފަހަތުން އަރައި ގއ. ދެއްވަދޫ ބަލިކޮށް، ހދ. ނައިވާދޫން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައެވެ. މިރޭ ކުޅުނު އެ މެޗުން ނައިވާދޫ މޮޅުވީ 9-3 ގެ ނަތީޖާއަކުންނެވެ.
ފައިނަލް މެޗުގައި ވެސް ޔާންޓެގެ ކުޅުން ފާހަގަކޮށްލެވޭ އިރު، ނައިވާދޫން ޖެހި ނުވަ ގޯލުގެ ތެރެއިން އެއް ގޯލު ކާމިޔާބުކޮށްދިނީ ޔާންޓޭއެވެ. އޭގެ އިތުރުން ވެސް ޔާންޓޭ ވަނީ ޓީމުގެ ޑިފެންސްގައި މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ.
ނައިވާދޫގެ މުހިންމު ކުޅުންތެރިން ކަމަށްވާ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އަހުމަދު ހަމީދު (އައްމަޑޭ) އަދި ގޯލްކީޕަރު އިބްރާހީމް ނާޖިހު (ހޭޓް)، ގައުމީ ޓީމާއެކު ސާފް ފުޓްސަލް ޗެލެންޖުގައި ވާދަކުރުމަށް ދިއުމާ ގުޅިގެން ނައިވާދުއަށް މިފަހަރުގެ މުބާރާތް ވެގެންދިޔައީ ވަރަށް ޗެލެންޖިން މުބާރާތަކަށެވެ.
އެންމެ ފަހުގެ ރަނަރަޕްގެ ގޮތުގައި ވާދަކުރަމުންދިޔަ ނައިވާދުއަށް އެ އުނދަގޫތަކާއެކު ޒޯން ބުރާ ހަމައަށް ޓީމަށް ލީޑަރެއް މުހިންމުވެފައިވާ އިރު، ޔާންޓޭ ވަނީ އެ ދައުރު ވަރަށް ފުރިހަމައަށް އަދާކޮށްފައެވެ. އޭނާގެ ލީޑާޝިޕްގެ ދަށުން ހދ. އަތޮޅުގެ ޗެމްޕިއަންކަމާއި ޒޯން ޗެމްޕިއަންކަން ވެސް ނައިވާދޫން ހޯދިއެވެ.
އެ މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ކ. ގާފަރެވެ. އެންމެ މޮޅު ކޯޗަކަށް ނައިވާދޫގެ ކޯޗު މުހައްމަދު ނާޝިދު އަހުމަދު ނަސީމް ހޮވުނު އިރު، އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ތިމަރަފުށީގެ ގޯލްކީޕަރު ސާއިފް އަލީއެވެ. އަދި އެންމެ ގިނަ ގޯލު ޖަހައިގެން ރަން ބޫޓު ހޯދީ ކަނޑިތީމުގެ ރައުލް ނިޔާޒެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2026ގެ އެންމެ މޮޅު ކުޅުންތެރިން:
- ނައިވާދޫގެ ޔާމީން މުހައްމަދު (ޔާންޓޭ)
- ދެއްވަދޫގެ އަލީ ހައިސަމް (ޗުމްޕު)
- ދުވާފަރުގެ މުހައްމަދު އިޝާމް (ޝަންޓެ)
- މަތިވެރީގެ އަލީ އަލްސަން
- ނައިވާދޫގެ އަހުމަދު ހަލީމް (އައްމަޑޭ)
- އޭދަފުށީގެ ކީޕަރު އަބްދުﷲ ނާސިހު
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް