ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލުގައި ފަހަތުން އަރައި ގއ. ދެއްވަދޫ ބަލިކޮށް، ހދ. ނައިވާދޫން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލަކަށް ދެއްވަދޫން ފުރަތަމަ ފަހަރަށް މިރޭ ނުކުތް އިރު، ނައިވާދޫން ވަނީ މިދިޔަ އަހަރުގެ ފައިނަލުގައި ކުޅެފައެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ނައިވާދޫ ބަލިވީ ކ. ކާށިދޫ އަތުންނެވެ. އޭރު ކާށިދޫގެ ކޯޗަކަށް ހުރީ މިފަހަރު ދެއްވަދޫގެ ޓީމުން ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދާ ތަޖުރިބާކާރު ކުޅުންތެރިޔާ އަލީ ހައިސަމް (ޗުމްޕު) އެވެ. މިރޭ ކުޅުނު ފައިނަލް މެޗުގައި ދެއްވަދޫ އަތުން ނައިވާދޫ މޮޅުވީ 9-3 ގެ ނަތީޖާއަކުންނެވެ.
މިރޭ ކުޅުނު މެޗުގެ ފުރަތަމަ 15 ސިކުންތުގެ ތެރޭގައި ދެއްވަދޫން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ނައިވަދޫން ނުވިސްނައި ހުއްޓައި، މުހައްމަދު އިމްރާން (އިންމި) ދިން ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ދެއްވަދުއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އެވެ.
އެ ގޯލަށްފަހު ހިތްވަރާއެކު ކުޅެމުންދިޔަ ނައިވާދޫން ވަނީ ތިން މިނެޓުގެ ތެރޭގައި ނަތީޖާ ހަމަހަމަކޮށްފައެވެ. އިންމި ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނައިވާދުއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަހުމަދު ހަލީމް (އައްމަޑޭ) އެވެ.
އޭގެ ފަހުން ވެސް ނައިވާދޫން ފުލުފުލުގައި އެޓޭކުކުރުމަށް މަސައްކަތްކުރަމުންދިޔައެވެ. ނަތީޖާއެއްގެ ގޮތުން ނައިވާދޫގެ ކުޅުންތެރިން ހުއްޓުވުމަށް ދެއްވަދޫގެ ކުޅުންތެރިންނަށް ފަސް މިނެޓުގެ ތެރޭގައި ހަތަރު ފައުލުކުރަން ޖެހުނެވެ. ހާއްސަކޮށް ނައިވާދޫގެ އަބްދުﷲ ޝާފިއު (ޝާއްޕެ)ގެ ނުރައްކާ ފާހަގަކޮށްލެވެއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނައިވާދޫން ވަނީ އިތުރު ތިން ގޯލު ކާމިޔާބުކޮށްފައެވެ. ނައިވާދުއަށް އެ ގޯލުތައް ކާމިޔާބުކޮށްދިނީ ޝާއްޕެ އާއި ކެޕްޓަން ޔާމީން މުހައްމަދު (ޔާންޓެ) އަދި އައްމަޑޭއެވެ. އޭގެ ތެރެއިން އައްމަޑޭ ޖެހި ގޯލަކީ، ޕެނަލްޓީ އޭރިއާ ތެރެއިން ދެއްވަދޫގެ ކީޕަރު އިބްރާހީމް ޝަޒްލީލް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ.
ހާފުގެ ފަހުކޮޅުގައި ހޫނުކޮށް ދިޔަ އިރު، ރެފްރީންނަށް ވަނީ ވީޑިއޯ ސަޕޯޓް (ވީއެސް) ބޭނުންކޮށްގެން ނިންމުންތަކެއް ނިންމަން ޖެހިފައެވެ. އަދި ނައިވާދޫގެ ފައުލްތައް ހަމަވެގެން ދެއްވަދުއަށް ދުރު ދެ ޕެނަލްޓީއެއް ވެސް ލިބިގެންދިޔައެވެ. ނަމަވެސް އެ ޕެނަލްޓީތައް ނައިވާދޫގެ ކީޕަރު އިބްރާހީމް ނާޖިހު (ހޭޓް) ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން ނައިވާދޫ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވެސް ފެނިގެންދިޔައީ ވަރަށް ފޯރިގަދަކޮށެވެ. އެގޮތުން ދެ ޓީމުން ވެސް ވަނީ ފުރުސަތުތަކެއް ހޯދައި، ހަމަލާތަކެއް އުފައްދައިފައެވެ. ދެއްވަދޫގެ ރާއްކޮ ފޮނުވާލި ހަމަލާއެއް ނައިވާދޫގެ ކީޕަރު ހޭޓް މަތަކުރި އިރު، ނައިވާދޫގެ މައިޝާން ފޮނުވާލި ދެ ހަމަލާއެއް ދެއްވަދޫގެ ކީޕަރު ޝަޒްލީލް ވަނީ މަތަކޮށްފައެވެ. އޭގެ އިތުރުން ނައިވާދޫގެ ޝާއްޕެއަށް ލިބުނު ފުރުސަތެއް ވެސް ފާހަގަކޮށްލެވެއެވެ.
ދެއްވަދޫން ކުރަމުންދިޔަ އެޓޭކުތަކުން އެ ޓީމަށް ދެވަނަ ގޯލެއް ކާމިޔާބުކުރެވުނީ ދެވަނަ ހާފު ފެށިތާ އަށް މިނެޓު ފަހުންނެވެ. ހުޒައިފަތު ރަޝީދު (ހުޒޭ) ފޮނުވާލި ހަމަލާ، ނައިވާދޫގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ ރާއްކޮގެ ފައިގައި ޖެހިފައެވެ.
އޭގެ ތިން މިނެޓު ފަހުން ނައިވާދޫން ވަނީ އަނެއްކާވެސް ގޯލެއް ޖަހައި ތިން ގޯލުގެ ލީޑެއް ހޯދައިފައެވެ. ނައިވާދުއަށް ލިބުނު ހިލޭ ޖެހުމަކުން ޝާއްޕެ ޖައްސާލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނައިވާދުއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މައިޝާންއެވެ.
މާގިނައިރުތަކެއް ނުވަނީސް، ދެއްވަދުއަށް ކައިރިކައިރީގައި ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ރާއްކޮ ފޮނުވާލި ހަމަލާ ގޯލުގެ ދަނޑިއަށް އަމާޒުވި އިރު، ރީބައުންސް ބޯޅައިން އިންމި ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ނައިވާދޫގެ ކީޕަރު ހޭޓްއެވެ.
އެ ބޯޅަ ދެއްވަދޫ އަތުން ގެއްލުމާއެކު ކައުންޓާގައި ނައިވަދޫން ވަނީ އިތުރު ގޯލެއް ޖަހައި، ހަތަރު ގޯލުގެ ލީޑެއް ހޯދައިފައެވެ. ކުރިއަށް ގޮސް ޝާއްޕެ ދިން ބޯޅަ ވަރަށް ހުސްކޮށް ހުރެ، ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނައިވާދުއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ވިޝާން (ވިޝާންޓެ) އެވެ.
މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް، ދެއްވަދޫން ވަނީ ގޯލެއް ޖަހައި ކުޑަ އުންމީދެއް ހޯދައިފައެވެ. ފަސޭހަކަމާއެކު ނައިވާދޫ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ދެއްވަދުއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އިންމިއެވެ.
ދެއްވަދޫން ޕަވާޕްލޭގައި ކުޅެމުންދަނިކޮށް، ނައިވާދޫން ވަނީ އަނެއްކާވެސް ހަތަރު ގޯލުގެ ލީޑެއް ހޯދައިފައެވެ. ދެއްވަދޫ ކުޅުންތެރިން އަތުން ބޯޅަ ގެއްލުމާއެކު ކުރިއަށް ގޮސް، ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ނައިވާދުއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޝާއްޕެއެވެ.
މެޗުގެ އެންމެ ފަހު މިނެޓުގައި ނައިވާދޫން ވަނީ އިތުރު ދެ ގޯލު ކާމިޔާބުކޮށްފައެވެ. ދެއްވަދޫގެ ހުރިހާ ކުޅުންތެރިން ކުރިއަށް ނުކުމެ ކުޅެމުންދަނިކޮށް، ލިބުނު އެ ދެ ފުރުސަތުގައި ނައިވާދުއަށް އެ ގޯލުތައް ކާމިޔާބުކޮށްދިނީ މައިޝާން އާއި ޝާއްޕެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް