މުޅި ރާއްޖެ އިންތިޒާރު ކުރަމުން އަންނަ ހިޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލް މިރޭ އޮންނާނެއެވެ. ޖުމުލަ 119 ޓީމާއެކު ފެށި މުބާރާތުގެ ގަދަ ދެ ޓީމު މިރޭ ނުކުންނާނީ ރާއްޖޭގެ ފުޓްސަލްގެ ތާރީހު ލިޔެލުމަށެވެ. ޔަގީނުންވެސް އާ ޗެމްޕިއަނެއް މިރޭ ކަނޑައެޅޭނެއެވެ. މިދިޔަ އަހަރުވެސް އޮތީ އެ ހާލަތުގައެވެ. އާ ޗެމްޕިއަނެއްގެ އިންތިޒާރުގައެވެ. އަނެއްކާވެސް ހަމަ އާ ޗެމްޕިއަނަކަށް ފުރުސަތު ފަހިވެއްޖެއެވެ. ސާބިތުކޮށްދެނީ މުބާރާތުގެ ވާދަވެރިކަމެވެ. މުބާރާތަށް ޓީމުތަކުން ވާ ތައްޔާރީއާއި މުބާރާތުގެ ހައިބަތު ބޮޑު ކަމެވެ.

މިދިޔަ މަހުގެ ތިންވަނަ ދުވަހުން ފެށިގެން އެތައް މަންޒަރެއް ފެނިއްޖެއެވެ. ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި މުބާރާތުން އާ ކަންތައްތަކަކާއެކު މުޅިން އާ ތަރިންތަކެއް އަނެއްކާވެސް ނެރެދީފިއެވެ. ވީޑިއޯ ސަޕޯޓް (ވީއެސް) މުޅިން އަލަށް މުބާރާތުގައި ބޭނުންކޮށް، ކުރިއަށްވުރެ ނިންމުންތައް ހަރުދަނާ ކުރެވިއްޖެއެވެ. އެތައް ހިތްދަތިކަމަކާއެކު ރަށްރަށް އެކީ ތާރީހު ލިޔެލައި، އުފާފާޅުކުރިތަންވެސް ފެނިގެން ގޮސްފިއެވެ.

މުޅި ރާއްޖެ ދިޔައީ މެޗުތައް ބޮޑު ސްކްރީންތަކުގައި އަޅުވައިގެން ބަލަމުންނެވެ. ރަށްރަށުގެ ކެފޭތަކުގައިވެސް އިންތިހާއަށް ފޯރިގަދައެވެ. އިޖުތިމާއީ މަރުކަޒުތަކުގައިވެސް ދިޔައީ އަޑު ގުގުމަމުންނެވެ. ވަކި އުމުރެއް ނެތި، ރަށްރަށުގެ އުފާފާޅުކުރުންތައް ފަޅުފިލުވައިލަދިންވެސް މެއެވެ. އަތޮޅު ތަށްޓާއި ޒޯން ތަށްޓާއެކު އުފާފާޅުކުރުންތައް ތަކުރާރުވެސް ވިއެވެ.

އާދަޔާހިލާފު އެތައް މަންޒަރަކާއި ޖަޒުބާތީ އެތައް މަންޒަރުތަކެއްގެ ތެރެއިން ގޮސް، މުޅި ރާއްޖެ އިންތިޒާރުކުރާ ފައިނަލަކަށް މިރޭގެ ފައިނަލް ވެއްޖެއެވެ. ފައިނަލުގައި ނުކުންނާނީ މުޅިން އަލަށް ރަށުގެ ތާރީހުގައި ގޯލްޑަންގެ ފައިނަލަކަށް ނުކުންނަ ގއ. ދެއްވަދުއާއި މިދިޔަ އަހަރުގެ ފައިނަލުގައިވެސް ކުޅުނު ހދ. ނައިވާދުއެވެ.

ހދ. ނައިވާދޫ - ގއ. ދެއްވަދޫ (ފައިނަލް، 2015)

ނައިވާދޫން މިދިޔަ އަހަރު ގޯލްޑަންގެ ފައިނަލް ކުރުމުގެ ޝަރަފު ހޯދި އިރު، އެ ޓީމަށް ތާރީހީ ތަށްޓާ ހަމައަށް ވާސިލު ނުވެވުނީ ފޯމުގައި އޮތް ކ. ކާށިދޫގެ ސަބަބުންނެވެ. ފައިނަލަށް ދިއުން އެއީ ނައިވާދޫގެ ތާރީހަށް ލިބުނު ބޮޑު ކާމިޔާބީއެއް ނަމަވެސް، އެޓީމުން އެ ހިސާބުން ހުއްޓާލަން ބޭނުން ނުވާކަން ސާފުވަނީ ތާރީހީ ދެވަނަ ފައިނަލަކުން ޖާގަ ހޯދުމާވެސް އެކުގައެވެ. ޔަގީނުންވެސް މިދިޔަ އަހަރުގެ ކާމިޔާބީ ތަކުރާރުކުރެވުމަކީ ރަށަށް ލިބޭނެ ފަހުރެކެވެ. އެހެންކަމުން މިރޭގެ ފައިނަލުގައި ނައިވާދޫ ދޫދޭނެ އެއްވެސް ސަބަބެއް ނެތެވެ. ރަށުގެ ޖޯޝާއި ރޫހުގައި ސަޕޯޓަރުންނަށް ތަށި ނަގައިދިނުން ނޫން ވިސްނުމެއް ނުހުންނާނެއެވެ.

ޓީމުގައި ހުރި ރަށު ލޯބި އޮތް ރަށު ކޯޗެކެވެ. އަހުމަދު ނާޝިދެވެ. އޭނާއަށްވެސް މިރޭގެ ފައިނަލް ހާއްސައެވެ.

11 ފެބްރުއަރީ 2026، ހުޅުމާލެ، ހިޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ނައިވާދޫން ސެމީ ފައިނަލުގައި އޭދަފުށި ބަލިކުރި މެޗުގެ ތެރެއިން ---- ވަން ފޮޓޯ: ހަމްދާން އަހުމަދު

ޓީމުގެ ބަސް - ކޯޗު ނާޝިދު

"ނައިވާދޫ ޓީމުން މިދިޔަ އަހަރު ފައިނަލް ނިންމާލި ގޮތަށް، އަހަރެމެން އެ ދުވަހު މުޅި ޓީމު އެއްކޮށް އަޒުމު ކަނޑައެޅީ މިއަހަރުވެސް ފައިނަލް ކުޅެން. އެއީ ވަރަށް އުނދަގޫވެސް ކަމެއް. އެހެންވިޔަސް އެ ދުވަހުން ފެށިގެން ކަނޑައެޅި ޓާގެޓް ހަމަ މިއީ. ދެން މުބާރާތުގެ ފުރަތަމަ ޓާގެޓް މިހާރު މިވަނީ ހާސިލުވެފައި. ދެން އޮތީ ތަށި ނެގުމަށް ވިސްނުން،"

ގއ. ދެއްވަދުއަށްވެސް މިރެއަކީ ރަށުގެ ކުޅިވަރުގައި ތާރީހީ ރެއެކެވެ. މިއީ އެ ރަށުގެ ތާރީހުގައިވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. ޓީމުގެ ފެންވަރާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތެވެ. ތަޖުރިބާކާރު މޫނުތަކެކެވެ. ގައުމީ ލެވެލްގެ އިތުރުން ސާފް ސަރަހައްދާއި އޭޝިއާގެ އެހެން ފަންތިތަކުގައިވެސް ތަޖުރިބާހުރި، ވަރުގަދަ ކުޅުންތެރިންތަކެކެވެ. ހަމަ ޔަގީނުންވެސް މިރޭގެ ފައިނަލަކީ ދެއްވަދޫގެ ރައްޔިތުންނަށް ޖަޒުބާތީ، އަދި ތާރީހީ ފައިނަލެކެވެ. ރާއްޖޭގެ ފުޓްސަލްގެ ރަސްކަން ހޯދުމަށް އެ ރަށް އޮތީ ކެތްމަދުވެފައިކަންވެސް ޔަގީނެވެ.

11 ފެބްރުއަރީ 2026، ހުޅުމާލެ، ހުޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލަށް ދެއްވަދޫ ދަތުރުކުރި ސެމީ ފައިނަލް މެޗުގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ޓީމުގެ އެންމެ އިސް ދައުރެއް އަދާކުރަމުންދާ އަލީ ހައިޝަމް (ޗުމްޕު) މިދިޔަ އަހަރު ފެނުނީ ޗެމްޕިއަން ކާށިދޫގެ ބެންޗުން ނަމަވެސް، މިރޭ އޭނާ ހުންނާނީ ދެއްވަދޫ ލީޑު ކުރުމުގައެވެ.

ޓީމުގެ ބަސް - އަލީ ހައިޝަމް (ޗުމްޕު)

"މި މުބާރާތުގެ ފައިނަލަށް ދިއުމަކީ ވަރަށް އުނދަގުލުން ކުރެވޭނެ ކަމެއް. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. ވަރަށް އުފާވޭ، މިހާ ބޮޑު މުބާރާތެއްގެ ފައިނަލަށް ކޯޗެއްގެ ގޮތުން ނޫނީ ކުޅުންތެެރިއެއްގެ ގޮތުންވެސް ދަތުރުކުރެވުން. އިރާދަކުރެއްވިއްޔާ، މި ޓީމުގައި މިތިބީ ވަރަށް އެކްސްޕީރިއަންސް ކުޅުންތެރިންތަކެއް. އެހެންވީމަ ބަލިކުރެވޭނެ ކަމަށް ބަލައިގެން ފައިނަލަށް ނުކުންނާނީ،"

މިހާތަނަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކާމިޔާބު ނުވަ މުބާރާތެއްގައި ހަތް ޗެމްޕިއަނުން ފެނިފައިވެއެވެ. އެއީ ތިންފަހަރު މުބާރާތުގެ ތަށި ނެގި ތ. ތިމަރަފުއްޓާއި، ބ. ހިތާދޫގެ އިތުރުން މާލޭގެ މާފަންނާއި ހެންވޭރުގެ އިތުރުން ލ. ގަން އަދި ބ. އޭދަފުއްޓާއި އެންމެފަހުގެ ޗެމްޕިއަން ކ. ކާށިދުއެވެ. އެ ތާރީހީ ލިސްޓަށް މިރޭ އާ ޓީމެއް އިތުރުވެގެންދާނެއެވެ. އާ ޗެމްޕިއަނެއްގެ ނަން ތަށީގައި ލިޔެވިގެންދާނެއެވެ. އާ "ކިންގް"އެއް ހޮވިގެންދާނެއެވެ. ފުޓްސަލްގެ އާ ރަސްގެފާނެއް މިރޭ ކަނޑައެޅޭނެއެވެ.