މިފަހަރުގެ މުބާރާތަށް ހދ. ނައިވާދޫން ނުކުތީ މުހިންމު ބައެއް ކުޅުންތެރިންނާ ނުލައެވެ. އަހުމަދު ހަމީދު (އަންމަޑޭ) އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އަދި ކީޕަރު އަލީ ނާޖިހު (ހޭޓް) ގައުމީ ޓީމާއެކު ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ދިއުމުން، ނައިވާދޫގެ ނަތީޖާއަށް އޭގެން އަސަރު ކުރާނެ ކަމަށް ގަބޫލުކުރެވުނުވެސް މެއެވެ. ހާއްސަކޮށް، މިދިޔަ އަހަރުގެ ރަނަރަޕްގެ ފެންވަރު ސާބިތުކޮށްދެވޭނެތޯ ގިނަ ބަޔަކު ސުވާލުވެސް އުފެއްދިއެވެ.

އެ ސުވާލުތަކަށް އެ ޓީމުން ޖަވާބު ދިނީ ފުރިހަމައަށެވެ. ކޯޗު އަހުމަދު ނާޝިދު ސްކޮޑަށް އިތުބާރުކޮށް، މުބާރާތުގެ އަތޮޅު ބުރު ނިންމާލީ އަތޮޅު ތަށްޓާއެކުގައެވެ. ޒޯން ބުރާ ހަމައިން ގައުމީ ޓީމަށް ދިޔަ ކުޅުންތެރިން، ސާފްގެ ރަސްކަން ހޯދައި އެ ފޯމުގައި ޓީމާ ގުޅުނެވެ. އެ ހިސާބުން ދެން ނައިވާދޫވީ ގިނަ ބައެއްގެ ފެވަރިޓުންނަށެވެ.

ޓީމަށް އައި ބަދަލާއެކުވެސް ޓީމް ގޭމެއް ދަމަހައްޓައި، ޓީމަށް އެންމެ އެކަށޭނެ ސްޓައިލެއްގައި ކުޅުވަމުންދާ ސިކުނޑިއަކީ އެ ރަށަށް ނިސްބަތްވާ އަހުމަދު ނާޝިދެވެ. ރަށު ކޯޗަކަށް ނައިވާދޫ ޓީމުގެ މެނޭޖުމަންޓުން ކުރި އިތުބާރު ކާމިޔާބުވެސް ވެއްޖެއެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ދެ ފައިނަލަކަށް ޖެހިޖެހިގެން ދަތުރުކުރި މަދު ޓީމުތަކުގެ ތެރޭގައި ނައިވާދޫ ހިމެނިއްޖެއެވެ.

11 ފެބްރުއަރީ 2026، ހުޅުމާލެ، ހިޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ނައިވާދޫން ސެމީ ފައިނަލުގައި އޭދަފުށި ބަލިކުރި މެޗުގެ ތެރެއިން ---- ވަން ފޮޓޯ: ހަމްދާން އަހުމަދު

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026ގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބ. އޭދަފުށި ބަލިކޮށް، ނައިވާދޫން ފައިނަލަށް ގޮސްފައިވާ އިރު، މީގެ ކުރިން ޖެހިޖެހިގެން ދެ ފައިނަލް ކުޅުނު ދެ ރަށަކީ ލ. ގަމާއި ތ. ތިމަރަފުއްޓެވެ.

"ނައިވާދޫ ޓީމުން މިދިޔަ އަހަރު ފައިނަލް ނިންމާލި ގޮތަށް، އަހަރެމެން އެ ދުވަހު މުޅި ޓީމު އެއްކޮށް އަޒުމު ކަނޑައެޅީ މިއަހަރުވެސް ފައިނަލް ކުޅެން. އެއީ ވަރަށް އުނދަގޫވެސް ކަމެއް. އެހެންވިޔަސް އެ ދުވަހުން ފެށިގެން ކަނޑައެޅި ޓާގެޓް ހަމަ މިއީ. ދެން މުބާރާތުގެ ފުރަތަމަ ޓާގެޓް މިހާރު މިވަނީ ހާސިލުވެފައި. ދެން އޮތީ ތަށި ނެގުމަށް ވިސްނުން،" ނާޝިދު ސެމީ މެޗަށްފަހު "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

މިދިޔަ އަހަރުގެ ފައިނަލްގެ ހަނދާން ނައިވާދޫން ފިލައިގެން ނުދާނެކަންވެސް ޔަގީނެވެ. އެއީ އެޓީމުން ގޯލްޑަންގައި ކުޅުނު ފުރަތަމަ ފައިނަލްވެސް މެއެވެ. ކ. ކާށިދޫ ކައިރިން ނައިވާދޫ ބަލިވުމަކީ ލިބުނު ފިލާވަޅެކެވެ.

"އަޅުގަނޑުމެންނަށް މިދިޔަ އަހަރު ފައިނަލަށް ދިޔައިރު ފުދޭ ވަރަކަށް ޒުވާން ކުޅުންތެރިން މާ ބޮޑު ތަޖުރިބާއެއް ނެތި ތިބީ. އެހެންވީމަ އެ ފައިނަލާ ތަފާތުވާނެ މިފަހަރު، މި ކުޅުންތެރިން މިހާރު ވަރަށް ބޮޑަށް ހޭނިފައި މިތިބީ މި ޕްރެޝަރުގައި ކުޅެލަން،" ޓީމަށް ކުރާ އިތުބާރަށް ނާޝިދު ބުންޏެވެ.

ނައިވާދޫގެ ޝާއިފް އުފާފާޅުކުރަނީ --- ފޮޓޯ/ އިމޭޖަސް އެމްވީ

ނާޝިދަށް ފައިނަލް ހާއްސަވާ އެހެން ސަބަބެއް އެބައޮތެވެ. އޭނާއަކީ ކުރިން ރަށު ޖާޒީ ލައިގެން، ގޯލްޑަންގެ ތަށްޓަށް އުންމީދާއެކު މަސައްކަތްކުރި ކުޅުންތެރިއެކެވެ. އެ ރޫހަށް ބަދަލެއް ނައިސް މިހާރުވެސް ހުރީ ރަށު ލޯބީގައެވެ.

"އަޅުގަނޑު ފުޓްސަލް ކެރިއަރުގައި މީގެ ކުރިން ދެފަހަރު ނައިވާދޫއާއެކު މި މުބާރާތްވެސް ކުޅެ، ހަމަ ރަނގަޅު ހިސާބަކަށްވެސް ދެވުނު. ދެން ކުރިން ޕްލޭޔަރަކަށް ހުރެފައި، މިހާރު ކޯޗެއްގެ ގޮތުގައި ހުރެވުމަކީ ވަރަށް ބޮޑަށް ޓާގެޓަށް މަސައްކަތް ކުރެވޭނެ ކަމެއް. އެއީ އޭރުވެސް ހުރި ވިސްނުން މިހާރުވެސް މިހުރީ. މި މުބާރާތުގެ ތަށި ރަށަށް ހޯދައިދިނުން،" ނާޝިދު ފާހަގަކުރިއެވެ.

ނައިވާދުއަށް މިރޭގެ ފައިނަލް މުހިންމުވާކަން އެނގޭ ސަބަބެއް ކަމަށް، އެ ރަށުގެ ސަޕޯޓަރުން ފުދެއެވެ. ވާރޭގައި ނަމަވެސް، މުޅި ސަރަހައްދު ފުރާލައި އެއްވާނަކަށް ސަޕޯޓް ދޭނެއެވެ. ކޮންމެ ތަށްޓަކާއެކު އުފާވެސް ފާޅުކުރާނެއެވެ.

ކޯޗު ނާޝިދުގެ ނަޒަރުގައި ގޯލްޑަންގެ ފައިނަލަކީ ނައިވާދޫގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންތަކެވެ.

"މިއީ ހަމަ ބަޔާން ކޮށްދޭންވެސް އުނދަގޫ އިހުސާސެއް ކުރެވޭ ކަމެއް. އެ މަންޒަރު ފެންނާނެ ސަޕޯޓަރުންގެ ފަރާތުންވެސް. އާއިލާތަކާ ރަށުގެ ހުރިހާ ސަޕޯޓަރުންނަށްވެސް މިއީ ތަފާތު އިހުސާސެއް. މިއީ ރަށަށް ހަމަ ބޮޑު އުފާވެރިކަމެއް. އެހެންވީމަ މި ތަށި ނެގުމަކީ މުޅި ރަށުގެވެސް ހަމަ ވަރަށް ބޮޑު އެދުމެއް،" އޭނާ ބުންޏެވެ.

11 ފެބްރުއަރީ 2026، ހުޅުމާލެ، ހިޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ނައިވާދޫން ސެމީ ފައިނަލުގައި އޭދަފުށި ބަލިކުރި މެޗުގެ ތެރެއިން ނައިވާދޫ ސަޕޯޓަރުން ---- ވަން ފޮޓޯ: ހަމްދާން އަހުމަދު

ނައިވާދޫން މިފަހަރުގެ ފައިނަލުގައި ގއ. ދެއްވަދުއާ ދެކޮޅަށް ނުކުންނަ އިރު، މިރެއަކީ ރާއްޖޭގެ ފުޓްސަލްގެ އާ ޗެމްޕިއަނެއް ކަނޑަައެޅިގެންދާނެ ރެއެވެ. މެޗުގެ ރަސްމިއްޔާތު ފަށާނީ 8:15 ގައެވެ.