ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި އަލް އަސްރު ޖަމިއްޔާ ގުޅިގެން، އާންމުންނަށް ހުޅުވާލައިގެން ވަރަށް ހާއްސަ ދަރުހެއް މިރޭ ހުޅުމާލޭގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
އެޗްޑީސީން މއިަދު ބުނީ "ﷲ ގެ ނިޔާއަށް ރުހުން" މި މައުޟޫއަށް ހާއްސަކޮށްގެން މިރޭ ދަރުސް ދެއްވާނީ އައްޝައިހް މުހައްމަދު އިބްރާހީމް (ނައިފަރު) ކަމަށެވެ.
ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައި ހުޅުމާލެ ރުއްގަނޑު ދޭއް ސަރަހައްދުގައެވެ.
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ މި ދަރުހަށް ވީހާވެސް ގިނަ މީހުން ދިއުމަށް އަލް އަސްރު ޖަމިއްޔާއާއި އެޗްޑީސީން އެދެއެވެ.
އެޗްޑީސީން ބުނީ މިއީ، ހުޅުމާލޭގައި ދީނީ ދަރުސްތައް ދިނުމާއެކު ގުރުއާން ކްލާސްތައް ކުރިއަށްގެންދިއުމަށް، އަލް އަސްރު ޖަމިއްޔާއާއި އެޗްޑީސީއާ ދެމެދު 2025 ސެޕްޓެމްބަރު މަހު ސޮއިކުރި މެމޮރެންޑަމް އޮފް އަންޑަސްޓޭޑިން (އެމްއޯޔޫ) ގެ ދަށުން ކުރިއަށްގެންދާ ދަރުހެއް ކަމަށެވެ.
އެއް އަހަރު ދުވަހުގެ އެ އެމްއޯޔޫގެ ދަށުން، ހުޅުމާލޭގައި ގުރުއާން ކްލާސްތައް ކުރިއަށްގެންދަނީ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނެގުމަކާ ނުލައި، މުޅިން ހިލެއެވެ. އެ ގުރުއާން ކްލާސްތަކުގައި ބައިވެރިވުމަށް މިދިޔަ ހަފްތާގައި ހުޅުވާލުމުން 100 އަށްވުރެ ގިނަ ކުޑަކުދިން އެ ކްލާސްތަކުގައި ބައިވެރިވެފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އަލް އަސްރާއެކު ވެވުނު އެ އެއްބަސްވުމަކީ، ދީނަށް ލޯބިކުރާ މުޖުތަމައުއެއް ބިނާކުރުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ.
އެގޮތުން، ކުރިއަށްއޮތްތަނުގައިވެސް މުޖުތަމައުއަށް ފައިދާހުރި އެފަދަ ގިނަ ޕްރޮގުރާމުތައް ހިންގުމަކީ އެ ކޯޕަރޭޝަންގެ އަމާޒެއް ކަމަށް އެޗްޑީސީން ބުންޏެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ