ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލަށް ދިޔުމަކީ ގއ. ދެއްވަދޫގެ ތާރީހުގައިވެސް ބޮޑު ކާމިޔާބީއެއް ކަމަށާއި، ސެމީ ފައިނަލަށް ނުކުންނާނީ އެ ކާމިޔާބީ އެހެން ހަރުފަތަކަށް ގެންދަން ކަމަށް އަހުނަފް ރަޝީދު (އަހުއްކޮ) ބުނެފިއެވެ.

ދެއްވަދޫން މިފަހަރު މުބާރާތުގެ ސެމީއަށް ދަތުރުކުރީ ފޯރިގަދަ ކުއާޓާ ފައިނަލްގައި، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތ. ތިމަރަފުށި ބަލިކޮށްގެންނެވެ. ތިމަރަފުށި ކައިރިން ދެއްވަދޫ މޮޅުވީ ޕެނަލްޓީގައެވެ. އެ މެޗު ޕެނަލްޓީއަށް ދިޔައީ އެންމެ ފަހު ވަގުތު ދެއްވަދޫން ގޯލް ޖަހައިގެންނެވެ. އެ މޮޅާއެކު ދެއްވަދޫގެ ސަޕޯޓަރުން ތަފާތު ރޫހެއްގައި އުފާފާޅުކޮށްފައިވާ އިރު، އަހުއްކޮއަށްވެސް ކުރެވުނީ ތަފާތު ތަޖުރިބާއެކެވެ.

"އަލްހަމްދުﷲ ފުރަތަމަ ކަމަކަށް. މިއީ އަދި ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް ޓީމަށް މިހާ ހިސާބަށް މި ދަތުރުކުރެވުނީ. މެޗަށް ނުކުތީ، މުބާރާތުގެވެސް އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް. މިއީ ފައިނަލެއް ކަމަށް ދެކިގެން މި ނުކުތީ. މެޗުން މޮޅުވީ އެއްކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް އިތުބާރުކޮށްގެން ޓީމުން ކުރި މަސައްކަތުން. މި ކާމިޔާބީއަށް އަސްލު ވަރަށް ޕްރައުޑް ވޭ. ދެން ރަށުގެ ރައްޔިތުންގެ ސަޕޯޓަރުންގެ ފަރާތުންވެސް މި ކާމިޔާބީ ފެނޭ." އަހުއްކޮ އެމެޗަށްފަހު ބުންޏެވެ.

ސެމީގައި ދެއްވަދޫ ނުކުންނަނީ ވިލިމާލެއާ ދެކޮޅަށެވެ. އެމެޗަކީ ވަރުގަދަ ވާނެ މެޗެއް ކަމަށް އަހުއްކޮ ބުންޏެވެ.

"ތިމަރަފުށި ބަލިކުރެވުމަކީ ވަރަށް ބޮޑު ހިތްވަރެއް. އެހެންވީމަ ސެމީ މެޗަށް ނުކުންނާނީ އެ ހިތްވަރާއެކު،" އަހުއްކޮ އިތުރަށް ބުންޏެވެ.

ދެއްވަދޫއާއި ވިލިމާލެ ވާދަކުރާ ސެމީ މެޗު އޮންނާނީ މިރޭ 10:00 ގައެވެ.