މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލުގައި ކުޅުމަށްފަހު، މިއަހަރު އަނެއްކާވެސް ފައިނަލަށް ދިޔުމަކީ އުނދަގޫވާނެ ކަމެއް ނަމަވެސް، އެކަމަށް ޓީމު އޮތީ ތައްޔާރަށް ކަމަށް އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަހުމަދު ހަމީދު (އަންމަޑޭ) ބުނެފިއެވެ.

ރާއްޖޭގެ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތުގައި، ޖެހިޖެހިގެން ދެވަނަ ފައިނަލަކަށް ދިއުމަށް ނައިވާދޫން މަސައްކަތް ކުރަމުން އަންނަ އިރު، އެޓީމުން މިރޭ ސެމީ ފައިނަލްގައި ވާދަކުރާނީ 2024 ވަނަ އަހަރުގެ ޗެމްޕިއަން ބ. އޭދަފުއްޓާ ދެކޮޅަށެވެ. ނައިވާދޫން ކުއާޓާ ފައިނަލްގައި އއ. މަތިވެރި ބަލިކޮށްފައިވާ އިރު، އަންމަޑޭގެ ނަޒަރުގައި ފައިނަލަށް ދިޔުން އެއީ އުނދަގޫ ކަމެއް ނަމަވެސް، އެ އުންމީދު ޓީމުގައި އެބައޮތެވެ.

"ޓީމު ވަރަށް ރަނގަޅަށް ތައްޔާރުވެފަ އޮތީ. މަތިވެރީގެ ކުޅުން ބަލައި، އެޓީމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ނުކުތީ. ދެން ޓާގެޓަކީ މިހާރު ހަމަ ފައިނަލް. ސެމީ މެޗުވެސް އުނދަގޫވާނެ. އުނދަގޫވިޔަސް ނުކުންނާނީ އެންމެ ބެސްޓް ނެރެެގެން މޮޅުވާން،" އަންމަޑޭ ބުންޏެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި ނައިވާދޫ ބަލިވީ ކ. ކާށިދޫ ކައިރިންނެވެ. އެ ކާމިޔާބީއާ ހަމައަށް މި އަހަރުވެސް ދިއުމަކީ އެންމެ މުހިއްމު ޓާގެޓް ކަމަށް އަންމަޑޭ ފާހަގަކޮށްފައިވާ އިރު، އޭނާ ދެކޭ ގޮތުގައި ޓީމަށް އޮތް އެންމެ ބޮޑު ފަސޭހައަކީ ސްކޮޑު ވަރުގަދަވުމެވެ.

"މިދިޔަ އަހަރުގެ ކާމިޔާބީ ދެމެހެއްޓުމަކީ އުނދަގޫކަމެއް. އެއީ ބައިވެރު މެޗުތަކެއް ކުޅެފަ މި އަންނަން ޖެހެނީ މި ހިސާބަށް. ދެން ޒުވާން ކުޅުންތެރިންތަކެއް ޓީމުގައި ތިބުމާވެސް އެކު، އަނިޔާތައް ތަންކޮޅެއް މަދު. އެހެންވެކަންނޭނގެ މި ހިސާބަށް މިދެވެނީ. ރަނގަޅު ސްކޮޑެއް އޮތުމާއެކު އެ ފަސޭހަ އެބައޮތް. ސެމީއަށް މި ނުކުންނަނީ ސީދާ މޮޅުވާން،" ދާދިފަހުން ގައުމީ ފުޓްސަލް ޓީމާއެކު ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އަންމަޑޭ ބުންޏެވެ.

އަންމަޑޭގެ އިތުރުން އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި ކީޕަރު އިބްރާހީމް ނާޖިހު (ހޭޓް) ވެސް މިފަހަރު ޓީމާ ގުޅުނީ ޒޯން ބުރަށެވެ. އެއީ ގައުމީ ޓީމާއެކު ސާފް ޗެމްޕިއަންޝިޕަށް ދިއުމުންނެވެ. އެ ކުޅުންތެރިންނާއެކު ޓީމު މިހާރު ވަރުގަދަވެފައިވާ އިރު، ނައިވާދޫން ސެމީ ފައިނަލުގައި އޭދަފުއްޓާ ވާދަކުރާ މެޗު އޮންނާނީ މިރޭ 8:00 ގައެވެ.