ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބް އެއްވަރުވެއްޖެއެވެ.
މިރޭ ގައުމީ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗަކީ 2017 ވަނަ އަހަރުގެ ފަހުން ޕްރެޒިޑެންޓްސް ކަޕްގައި ނިއު ރޭޑިއަންޓުން ކުޅުނު ފުރަތަމަ މެޗެވެ. މުބާރާތް 12 ފަހަރު ކާމިޔާބު ކޮށްފައިވާ ނިއުއިން މިރޭ އިދިކޮޅަށް ނުކުތް އޮޑިއަށް މިރޭގެ މެޗަކީ އެ ކްލަބުގެ ތާރީހުގައިވެސް ޕްރެޒިޑެންޓްސް ކަޕްގައި ކުޅުނު ފުރަތަމަ މެޗެވެ.
މިރޭ މެޗުގެ 11 ވަނަ މިނިޓްގައި ނިއުއިން ލީޑު ނެގިއެވެ. އޭރިއާތެރެއަށް ނިއުގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ނެގި ހުރަހަކުން ނައިޖީރިއާގެ ފޯވާޑް އަލް ހާޖީ ގޭރޯ ބޮލުން ޖައްސާލި ބޯޅަ އެ ޓީމުގެ ސިއެރަ ލިއޯންގެ މިޑްފީލްޑަރު ޔާޔާ ބިލިޓީ ވަނީ ގޯލަށް ވައްދާލައިފައެވެ.
އެ ނަތީޖާއިން ފުރަތަމަ ހާފު ނިމުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން ނުވަ މިނިޓް ތެރޭ އޮޑިން އެއްވަރުކުރިއެވެ. އެ ގޯލަކީ އޮޑީގެ މުޒްދާން ހަސަން، ނިއުގެ އޭރިއާތެރެއިން ހަމަލާއެއް ފޮނުވާލަން އުޅެނިކޮށް، ދިފާއުކުރުމުގެ ތެރޭގައި ނިއުގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެ ބޯޅަ ބައިކޮޅަށް ވަނީ އަހުމަދު އިނާން ފައިގައި ޖެހިފައެވެ.
ޕްރެޒިޑެންޓްސް ކަޕް މިއަހަރު ކުރިއަށް ގެންދަން ރާވަފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގައި ހަ ޓީމުން ވާދަކުރާ އިރު، ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމަށް ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުން ސީދާ ޖާގަ ލިބިފައެވެ. ގްރޫޕްތަކަށް ޓީމުތައް ބަހާލާފައި ވަނީ ސީޑު ކޮށްގެންނެވެ.
ލީގު ތާވަލުގެ ފަސް ވަނައިން ފެށިގެން އަށްވަނަ ދިޔަ ހަތަރު ޓީމުގެ މެދުގައި ނޮކައުޓް ޕްލޭ އޮފް މެޗްތަކެއް ކުޅެން ނިންމާފައިވާ އިރު، އެ ޖާގަތައް ހޯދީ ކްލަބު އީގަލްސްއާއި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.
ޕްރެސިޑެންޓްސް ކަޕް
ޕްރެސިޑެންޓްސް ކަޕް
ޕްރެސިޑެންޓްސް ކަޕް
ޕްރެސިޑެންޓްސް ކަޕް