މާލޭގައި، މީގެ ހަތް އަހަރު ކުރިން ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެފައިވާތީ، އުޅަނދު ދުއްވަންހުރި ފަރާތް 115،200 ރުފިޔާއިން ޖޫރިމަނާކުރަން ކުރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ޖޫރިމަނާކޮށްފައިވަނީ ހދ. ކުޅުދުއްފުށި، ރަސްރީތި، އަލީ މުހައްމަދެވެ.

އަލީ މުހައްމަދު 2018 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 12:49 އެހާކަންހާއިރު އިންޑަސްޓްރިއަލް ޒޯން ސަރަހައްދުން، ސައިކަލުގައި ބާރު ސްޕީޑްގައި ދުއްވަމުން ދަނިކޮށް އެ މަގުން އިރުން ހުޅަނގަށް، ދުއްވާފައި ދިޔަ ސައިކަލުގައި ޖެހި އެކްސިޑެންޓްވުމުގެ ސަބަބުން އެސައިކަލު ދުއްވަން އިން ނ. މަރޮށި އައްސޭރި، އިބްރާހީމް ވަސީމްގެ ބޮލުގެ ނާށިގަނޑުގައި ރެނދުލައި އިބްރާހީމް ވަސީމްއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.

އެހެންވެ ދައުލަތުން ވަނީ އަލީ މުހައްމަދުގެ މައްޗަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާކޮށްފައެވެ. އެ ދައުވާއަށް އަލީ މުހައްމަދު ވަނީ އިއުތިރާފުވެފައެވެ. އަދި ވަނީ އިއުތިރާފުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އަދަބު ކަނޑަޅައިދިނުމަށް ޝަރީއަތުގައި އެދިފައެވެ. ދައުލަތުންވެސް ވަނީ އިއުތިރާފުގެ އެއްބަސްބުން ބަލައިގަނެ، އެއްބަސްވުމާ އެއްގޮތަށް އަދަބު ކަނޑައަޅައިދިނުމަށް ޝަރީއަތުގައި އެދިފައެވެ.

ޝަރީއަތުން ވަނީ އެ އިއުތިރާފުގެ އެއްބަސްވުން ބަލައިގެންފައެވެ.

އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތުން މި މައްސަލައިގައި އަލީ މުހައްމަދުގެ މައްޗަށް މައްޗަށް ކަނޑައެޅޭނެ އަސްލީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އިއުތިރާފުގެ އެއްބަސްވުމުގައި ދައުލަތާއި، އަލީ މުހައްމަދު އެއްބަސްވެފައިވަނީ އެ ޖަލު ހުކުމް 115،200 ރުފިޔާގެ ޖޫރިމަނާގެ އަދަބަކަށް ބަދަލު ކުރުމަށެވެ.

އެހެންވެ ގާޒީ ހުކުމްކުރެއްވީ އަލީ މުހައްމަދުގެ މައްޗަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ސާބިތުވާތީ، އެކަމުގެ އަދަބެއްގެ ގޮތުގައި އޭނާ 115،200 ރުފިޔާއިން ޖޫރިމަނާކުރުމަށެވެ. އަދި އެ ފައިސާ 24 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކައި ހަލާސްކުރުމަށްވެސް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.