ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބުކުރަން ބާއްވާ ރިޔާސީ އިންތިހާބާއެކު، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު، ދެ އިންތިހާބު އެއްކޮށް ބާއްވަން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ފާސްކުރަން ނެގި ވޯޓު، އިދިކޮޅު އެމްޑީޕީން ބޮއިކޮޓްކޮށްފިއެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި އެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.

އެ ވޯޓުގައި އެމްޑީޕީއަށް ނިސްބަަތްވެވަޑައިގަންނަވާ 12 މަޖިލިސް މެންބަރުން ވެސް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އެ ވޯޓު ނަގާފައިވަނީ، ބިލުގެ ފަހު މަރުހަލާގެ ބަހުސް ފެށުމާއެކު، އެކަމާ ދެކޮޅު ހަދައި އަޑުގަދަކުރަން ފެށުމުން އެމްޑީޕީގެ ހަ މެންބަރެއްގެ ނަން އިއްވައި އެ މެންބަރުން ނުކުންނަވަންދެން ވަގުތުކޮޅަކަށް މަޖިލިސް މެދުކަނޑާލުމަށްފަހުއެވެ.

އެ ވަގުތުކޮޅުގެ ތެރޭގައި މަޖިލިސް ބޭރުގައި އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ވިދާޅުވީ އެއީ މުޅީން ގޯސް އިސްލާހެއް ކަމަށާއި އެ އިސްލާހު ގެންނަނީ ގާނޫނުއަސާސީއާ ކުޅުމަކީ، ދައުރު ދަންމާލުމަކީ އަދި ދައުރު ކުޑަކުރުމަކީ އެއީކީ އެއްވެސް ކަހަލަ މަންފާއެއް އޮތް ކަމެއް ނޫން ކަމަށް ރައްޔިތުންނަށް ދެއްކުމަށް ކަމަށެވެ.

"ރައްޔިތުން ކައިރިއަށް ދިއުމަކީ މި ބޭފުޅުން ގަބޫލުކުރާ ކަމެއް ނޫން. ރައްޔިތުންގެ އަޑުއެހުމަކީ މި ބޭފުޅުން ގަބޫލުކުރާ ކަމެއް ނޫން، ދަންނަވެސް ކަމެއް ނޫން. އެހެންވީމާ އެކަން މިއަދު ކުރަމުން މިދަނީ. މި ވޯޓުގައި އަޅުގަނޑުމެން ބައިވެރިވާކަށް ބޭނުމެއް ނޫން، އެމްޑީޕީ އެއްކޮށް މި ވޯޓު ބޮއިކޮޓްކުރާނަން،" އޭނާ ވިދާޅުވިއެވެ.

ގަފޫރު ވިދާޅުވީ އެ އިސްލާހަށްފަހު ދެން ޕީއެންސީން ހުށަހަޅާނީ ރިޔާސީ އިންތިހާބު 2030 ނުވަތަ 2028 އަށް ފަސްކުރުމަށް ކަމަށާއި އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ މި ގައުމުގައި އޮތް ޑިމޮކްރެޓިކް ވެށި ގެއްލުވާލައި، ހުދުމުހުތާރު ވެރިކަމަކަށް ގައުމު ބަދަލުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ސިލްސިލާ ޕްރޮގްރާމުގެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބިލު ފާސްކޮށްފައިވަނީ، ވޯޓުގައި ބައިވެރިވީ 73 މެންބަރުންގެ ތެރެއިން 72 މެންބަރުންގެ ވޯޓާއެކުއެވެ. ރިޔާސަތު ބެލެހެއްޓެވި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވޯޓު ދެއްވީ ބިލު ފާސްކުރުމަށެވެ. އެ ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވި ހަމައެކަނި މެންބަރަކީ އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާނެވެ.