ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ ހަ މެންބަރެއްގެ ނަން އިއްވައި މަޖިލިސް ތަޅުން ދޫކުރައްވައި ނިކުތުމަށް އަންގައިފިއެވެ.

ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނަން އިއްވައި ނިކުންނަން އެންގެވި މެންބަރުންނަކީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރާއި، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދާއި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމާއި، ވައިިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދާއި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދެވެ.

އެ މެންބަރުންގެ ނަން އިއްވައި ނިކުންނަށް އެންގެވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ދެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބިލު ފާސްކުރަން ކުރަންޖެހޭ ބަހުސްގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބުކުރަން ބާއްވާ ރިޔާސީ އިންތިހާބާއެކު، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު، ދެ އިންތިހާބު އެއްކޮށް ބާއްވަން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހެޅި ބިލު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު އިތުރު ބަދަލެއް ނުގެސް ބިލު އޮތްގޮތަށް ފާސްކުރަން ފެންނަ ކަަމަށް ކަނޑައަޅައި، މަޖިލިސް ތަޅުމަށް ވަނީ ފޮނުވައިފައެވެ.

އެ ބިލުގެ ފަހު މަރުހަލާގެ ބަހުސް ފެށުމާއެކު، އެކަމާ ދެކޮޅު ހައްދަވައި ފުރަތަމަ އަޅުގަދަކުރައްވަން ފެއްޓެވީ މެންބަރު މައުރޫފު ޒާކިރެވެ.

އަޑުގަދަ ކުރައްވަމުން ރިޔާސަތުގެ ކުރިމައްޗަށް ނިކުންނަވައި، ޒާކިރު އިހުތިޖާޖު ކުރައްވަމުންގެންދެވީ، މަޖިލިސް ޖަލްސާ ކުރިއަށްގެންދަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ.

ދެ އިންތިހާބު އެއްކޮށްލުމުގެ އިތުރުން މަޖިލީހުގެ ދައުރު ކުރުވާގޮތަށް ބިލުގައި އޮތުމުން އެކަން ފާހަގަކުރައްވައި އޭނާ ގޮވަމުން ދިޔައީ ގާނޫނުއަސާސީ އެގޮތަށް ބަދަލު ކުރުމަކީ ގާނޫނުއަސާސީން މަޖިލީހަށް ދީފައިވާ ބާރެއް ނޫން ކަމަށެވެ. މަޖިލީހަށް ދީފައިވާ ބާރަކީ އިސްލާހު ކުރުމުގެ ބާރު ކަމަށެވެ.

އެ މައްސަލައިގައި ޒާކިރަށް ރިޔާސަތުން އިންޒާރު ދެއްވުމުންވެސް އެކަން ހުއްޓައި ނުކުތުމުން ޒާކިރުގެ ނަން އިއްވައި މަޖިލިސް ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އެންގެވިއެވެ.

އޭގެ ފަހުން ބިލުގެ ބަހުސްގައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި މި ބިލުވެސް މަޖިލީހަށް ހުށަހެޅުއްވި، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ބިލުގެ ބަހުސްގައި ވާހަކަދެއްކެވުމަށްފަހު ފަލާހަށް ދެވަނަ ފުރުސަތު ދެއްވުމުން މަޖިލިސް ހޫނުވިއެވެ.

އެ ހިސާބުން އެމްޑީޕީގެ މެންބަރު ހުސެއިން ޒިޔާދު ނިޒާމީ މައްސަލަ ނެންގެވިއެވެ.

ޒިޔާދު ވިދާޅުވީ، ފަލާހަށް ދެވަަނަ ފުރުސަތެއް ދެއްވީ އޭނާ ފުރަތަމަ ފުރުސަތަށް އެދިވަޑައިގެންފައިވަނިކޮށް އެ ފުރުސަތު ނުދެއްވާ ކަމަށެވެ.

ނަަމަވެސް ރިޔާސަތުން މަޖިލީހުގެ ރައީސް ވިދާޅުވީ، ޒިޔާދު ފުރުސަތަކަށް އެދިވަޑައިގެންނެވުމަށްފަހު ކެންސަލް ކުރެއްވީ ކަމަށެވެ. ނަމަވެސް އެކަމަށް ތަކުރާރުކޮށް ޒިޔާދު ދެކޮޅު ހައްދަވައި ޝަކުވާ ކުރައްވަން ފެއްޓެވިއެވެ.

އެ ހިސާބުން ޖަލްސާ ހޫނުވެ މެންބަރުން އަޑުގަދަކޮށް އެމްޑީޕީ އާއި ޕީއެންސީ މެންބަރުގެ މެދުގައި ސުވާބު ގަދަވިއެވެ.

މަޖިލީހުން އެމްޑީޕީގެ ހަ މެބްބަރުންގެ ނަން އިއްވައި ތަޅުމުން ނިކުންނަން އެންގެވީ އެކަން ނުކުރައްވައި ކޮންމެ މެންބަރަކުވެސް އެ މެންބަރެއްގެ ގޮނޑިއަށް ވަޑައިގަތުމަށް ތަކުރާރުކޮށް އެންގެވުމަށްފަހުގައެވެ.

އެ މެންބަރުންގެ ނަން އިއްވައި މަޖިލިސް ތަޅުމުން ނިކުތުމަށް އެންގެވުމަށްފަހު، އެ މެންބަރުން ނިކުންނަވަންދެން މަޖިލިސް ރައީސް 9:45 ހާއިރު ޖަލްސާ މެދުކަނޑުއްވައިލެއްވިއެވެ.