އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނީޓާކުރުމަށާއި އޮބްޒާވަރުންގެ ގޮތުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނީ އެ ދެ އިންތިހާބުގައި މޮނީޓަރުންގެ ގޮތުގައާއި އޮބްޒާވަރުންގެ ގޮތުގައި ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތްކުރުމަށް މިއަދުން ފެށިގެން މިމަހުގެ 28 ވާ ހޮނިހިރު ދުވަހުގެ 15:00ގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި ކަމަށެވެ.
އޮބްޒާވަރުންގެ ޝަރުތުތައް:
- އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން
- ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން
- ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާއަތަކުން ނުވަތަ އަމިއްލަގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއްނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ނުވުން
- އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން
- އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ އިގުރާރުވެފައިވާ މީހަކު ކަމުގައިވުން
- ފާއިތުވި ފަސް އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންތިހާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
މޮނީޓަރުންގެ ޝަރުތުތައް:
- އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން
- ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން
- ކަމާ ގުޅުންހުރި މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭޝަނެއްގައި މަސައްކަތްކުރާ މީހެއްކަން މި ކޮމިޝަނަށް ކަށަވަރުވާ މީހެއް ކަމުގައިވުން. ނުވަތަ، ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތްކުރާ މީހެއްކަން އީސީއަށް ކަށަވަރުވާ މީހެއްކަމުގައިވުން
- އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.
- އިންތިހާބުގައި އިތުރު އެހެން މަގާމަކަށް ކުރިމަތިލައިފައިވާ މީހެއްކަމުގައި ނުވުން
- ފާއިތުވި ފަސް އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންތިހާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން އަދި އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އީސީން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ އިގުރާރުވެފައިވާ މީހަކު ކަމުގައިވުން
އެ ދެ އިންތިހާބުގެ އޮބްޒާވަރުންގެ ގޮތުގައި ސިޔާސީ ޕާޓީތަކުންނާއި، ޖަމިއްޔާ ޖަމާއަތްތަކުންނާއި، އަމިއްލަ ފަރާތްތަކަށް އޮބްޒާވަރުންނަށް ވުމަށް އެދި ފޯމު ހުށަހަޅޭނެއެވެ. އެގޮތުން ސިޔާސީ ޕާޓީތަކުން އޮބްޒާވަރުންގެ ގޮތުގައި ހުށަހަޅަން ޖެހެނީ ސިމެދަ ޕޯޓަލް މެދުވެރިކޮށް އެ ޕާޓީއަކަށް ދީފައިވާ ލޮގިންއިންއެވެ.
ޖަމިއްޔާތަކުން އޮބްޒާވަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅަން ޖެހެނީ، އެ ޖަމިއްޔާތަކުން ކަނޑައަޅާ ޑޭޓާ ލިއޭޒަންއެއް މެދުވެރިކޮށް މައި ޕޯޓަލް އިންނެވެ. އަމިއްލަ ގޮތުން އޮބްޒާވަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅާނީ، އީސީގެ މައި ޕޯޓަލް އިންނެވެ.
އީސީން ބުނީ އެ ދެ އިންތިހާބުތަކުގައި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، އޮބްޒާވަރުންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް އަމަލުތައް ބަހެއްޓުމަށް ސަމާލުކަންދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އެ ދެ އިންތިހާބުގައި މޮނިޓަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅަން ޖެހެނީ، ނޫސް މަޖައްލާތަކަށާއި، ހަބަރު ފަތުރާ އިދާރާތަކަށް ކަނޑައަޅާ ޑޭޓާ ލިއޭޒަނެއް މެދުވެރިކޮށް އީސީގެ މައި ޕޯޓަލް އިންނެވެ. އެގޮތުން ކޮންމެ މީޑިއާއަކުން ޑޭޓާ ލިއޭޒަނަކަށްވުމަށް "މޮނިޓަރުންގެ މައުލޫމާތު ހުށަހެޅުމަށްޓަކައި ޑޭޓާ ލިއޭޒަންއަކަށްވުމަށް އެދޭ ފޯމު" ފުރިހަމަކޮށް [email protected] އަށް އީ-މެއިލްކުރަންޖެހެއެވެ. އެ ފޯމާއެކު މީޑިއާ/ބްރޯޑްކާސްޓަރުގެ ރަޖިސްޓަރީ ނުވަތަ ލައިސަންސް ކޮޕީ އަދި ޑޭޓާ ލިއޭޒަންގެ އާއިޑީކާޑުގެ ކޮޕީ ހުށަހަޅަންޖެހެއެވެ.
ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ސިޔާސީ ޕާޓީތަކަށާއި، ޖަމާއަތްތަކަށް ފާސްދޫކުރެވޭނީ، އެއިން ކޮންމެ ސިޔާސީ ޕާޓީއަކަށާއި، ޖަމިއްޔާއަކަށް، އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ އަދަދަށްވުރެ ދިހަ އިންސައްތަ އިތުރުނުވާ ގޮތަށެވެ. އަދި ވޯޓުލާ މަރުކަޒުގައި ކޮންމެ ހައިސިއްޔަތަކުން އެއްފަހަރާ ހަރަކާތްތެރިވެވޭނީ އެއް އޮބްޒާވަރަށެވެ.
ފާތިމަތު ލިއުޝާ
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން