ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފިއެވެ.
ޕެންޝަން އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ޗެއާޕާސަން ހޮވުމުގެ ކަންކަން ކުރިއަށްގެންދާނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީއަކުން ކަމަށެވެ. ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ތިން މީހަކު ޝޯޓު ލިސްޓް ކުރާނެކަމަށް ޕެންޝަން އޮފީހުން ބުންޏެވެ. އަދި އެ ތިން މީހުންނަކީ ޝަރުތު ހަމަވާ ބައެއްކަން ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ)އިން ޔަގީންކުރާނެ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.
ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމުގެ ޝަރުތުތައް:
- ވިޔަފާރި، އިގުތިސޯދީ ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކޮށްފައިވުން
- ޕެންޝަން ނުވަތަ އިންވެސްޓްމެންޓުގެ ދާއިރާގައި މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވުން
އެ ޝަރުތުތަކުގެ އިތުރުން ޕެންޝަން ގާނޫނުގެ އަށްވަނަ މާއްދާގެ ނ އަދި ރ ގައި ކަނޑައަޅާފައިވާ ހުރިހާ ކަންކަމަށް ރިއާޔަތްކުރާނެ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.
ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރު 2:00 އަށް ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.
ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް މިމަހުގެ ފުރަތަމަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކާލުމަށްފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން އުޅޭތީ، އެކަމާ ހިތްހަމަޖެހިވަޑައިނުގެން ޕެންޝަން އޮފީހުގެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން ޝުޖާތާ ހަލީމް، ބޯޑު މެންބަރުގެ މަގާމުން ސަރުވަޝް އާދަމް، ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފައުޖީ އަދި ބޯޑު މެންބަރު މުހައްމަދު މާދިން ލަތީފް ހިމެނެއެވެ.
މުހައްމަދު އިޝާން
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް