އިންފްރާސްޓްރަކްޗާ އާއި އިއާދަކުރަނިވި ހަކަތަ އާއި ފެނުގެ ރައްކާތެރިކަމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ ދާއިރާތަކުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ރާއްޖެއަށް ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިނިސްޓާ މިހެން ވިދާޅުވީ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން މިއަދު ފެށި މި އަހަރުގެ މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި އަހަރުގެ ފޯރަމްގެ ޝިއާރަކީ "ގްރީން ފައިނޭންސް: ސަސްޓެއިނަބަލް އިންވެސްޓްމަންޓް އެންޑް ފައިނޭންޝަލް ސެކިއުރިޓީ އިން ދަ މޯލްޑިވްސް" އެވެ.
މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ ބަޖެޓާއި ބައިނަލްއަގުވާމީ ހިލޭ އެހީގެ އިތުރުން އަމިއްލަ ވިޔަފާރިތަކުގެ ރައުސްމާލާއި ދިގު މުއްދަތުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ހޯދަންޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖެ ފަދަ ކުޑަ އިގުތިސޯދެއްގައި އެފަދަ ބޮޑެތި ބަދަލުތައް ގެނެވޭނީ ސަރުކާރުގެ ވަސީލަތްތަކުން އެކަނި ނޫން ކަމަށެވެ. އެކަމަށްޓަކައި ބައިނަލްއަގުވާމީ ރައުސްމާލާއި ފަންނީ އެހީތެރިކަން ބޭނުންވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންކަމުން، އިގުތިސޯދީ ފައިދާތަކަށް ފުންކޮށް ނުބަލައި މިފަދަ މުހިންމު އިންވެސްޓްމަންޓްތަކަށް ހުރަސް އެޅުމަކީ އިގުތިސޯދަށް ގެއްލުންވާނެ ކަމެއް ކަމަށާއި ސަރުކާރުގެ އަމާޒަކީ ދެފުށް ފެންނަ، ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރެވޭ ޒިންމާދާރު އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔުން ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖޭގެ އިގުތިސާދަށާއި ތަރައްގީގެ އަމާޒުތަކަށާއި ރައްޔިތުންގެ ދިރިއުޅުމަށް އޮތް ސީދާ ނުރައްކަލެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަން ދެމެހެއްޓުމާއި ރަށްތައް ހިމާޔަތް ކުރުމުގައި ކަނޑުތަކާއި ގުދުރަތީ ވެށި މުހިންމު ދައުރެއް އަދާކުރާ އިރު، މި ވަސީލަތްތައް ރައްކާތެރި ކުރުމަކީ އިގުތިސޯދީ އަދި މާލީ ގޮތުން މަޖުބޫރު ކަމެއް ކަމަށެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮޕް-31 ގައި އިސްކަންދެއްވި މައިގަނޑު ތިން ކަމެއް ކަމަށްވާ، ކްލައިމެޓް ފައިނޭންސް، ބައިނަލްއަގުވާމީ މާލީ އޮނިގަނޑު އިސްލާހުކުރުން އަދި އަމަލީ ގޮތުން ތަންފީޒު ކުރުމަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ކުދި ޖަޒީރާ ގައުމުތަކުގެ ހާލަތަށް ރިއާޔަތްކޮށް، ފަސޭހައިން ލިބޭ އަދި ހިލޭ އެހީގެ މައްޗަށް ބިނާވާ މާލީ އެހީތެރިކަން މުހިންމު ކަމަށެވެ.
އިބްރާހިމް ޒަކީ
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ކޮމެންޓް