މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ޕެންޝަން ފަންޑުގެ އަދަދު 30.3 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ދުސިތު ޑީ2 ފޭދޫ މޯލްޑިވްސްގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން މިއަދު ފެށި މި އަހަރުގެ މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ޕެންޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުހައްމަދު ވިދާޅުވީ، ރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) ގައި 204،549 މީހުން ބައިވެރިވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިދިޔަ ސެޕްޓެމްބަރުގެ ނިޔަލަށް ޕެންޝަން ފަންޑު 30 ބިލިއަނަށް ވުރެ މައްޗަށް އަރާފައިވާ ކަމަށާއި މިދިޔަ 12 މަސް ތެރޭގައި އެ ފަންޑުން 16.8 މިލިއަން ރުފިޔާ ރިޓަޔަމެންޓް ޕެންޝަންގެ ގޮތުގައި ދޫކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުން ދޫކުރާ ޕެންޝަންގެ ގޮތުގައި މިދިޔަ 12 މަސް ދުވަހުގެ ތެރޭގައި 158 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޕެންޝަން އޮފީހުގެ ޑޭޓާ ޕޯޓަލްގައި ޝާއިއުކޮށްފައިވާ، 2026 ސެޕްޓެމްބަރު 30 ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފަންޑުގެ ދަށުން މެނޭޖް ކުރާ ޖުމްލަ އެސެޓްސްގެ އަގަކީ 30.3 ބިލިއަން ރުފިޔާ. އަދި ދިވެހިރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) ގައި 204,549 މީހުން ބައިވެރިވެފައިވޭ،" އޭނާ ވިދާޅުވިއެވެ.

ޔަޒްމީދު ވިދާޅުވީ، ޕެންޝަން އޮފީހުން އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖޭގައި ކުރެވޭ އިންވެސްޓްމަންޓްތައް ޑައިވާސިފައިކޮށް އެންމެ ފައިދާ ހުރި ގޮތުގައި ޕޯޓްފޯލިއޯ އެކުލަވައިލުން ކަމަށެވެ.

އޭނާ ވިދާޅުވީ، އަންނަ އޮތް ޖީލަށް މާލީ ރައްކާތިކަން ކަށަވަރުކުރުމަށްޓަކައި ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އިންވެސްޓްމެންޓްތަކަށް އިސްކަން ދޭން ޖެހޭ ކަމަށެވެ.

"ކޮންމެ އިންވެސްޓްމަންޓަކީ ވެސް ހަރުދަނާ ހިންގުމުގެ ނިޒާމެއްގެ ތެރެއިން، ހިރާސްތައް ވަޒަންކުރެވިފައިވާ، އަދި މާލީ ގޮތުން ފައިދާ ހުރި ކަމެއްކަން ސާބިތުވާ އިންވެސްޓްމަންޓަކަށް ވާންޖެހޭނެ" އޭނާ ވިދާޅުވިއެވެ.

ޔަޒްމީދު ވިދާޅުވި ގޮތުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި މާލީ ފައިދާ އެކުލެވިގެންވާ، ފަންޑަށް ދިގުމުއްދަތުގެ ނަފާ ލިބޭނެ ފުރުސަތުތައް ދެނެގަތުމަށެވެ.