ކ. ތިލަފުށި ވެމްކޯ ސައިޓުގައި މަސައްކަތްކުރަމުން ދިޔަ ބަންގްލަދޭޝްގެ އަމީން މިއާގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ސްރީ ލަންކާގެ މީހާ އިތުރު 10 ދުވަހަށް ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށުގެ ތުހުމަތެވެ.

ތިލަފުށިން ގެއްލިގެން ހޯދަމުންދިޔަ އަމީން މަރުވެފައި އޮއްވައި ފެނިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 26 ގައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ މަރުވެފައިވަނީ އެކްސްކަވޭޓަރެއްގެ ދަތްގަނޑުން ޖެހި ވެއްޓި، ކުނިތަކާއެކު ހަށިގަނޑު އެހެން ދިމާލަކަށް ބަދަލުކުރެވިގެންނެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެކްސްކަވޭޓަރު ދުއްވަން އިން ލަންކާ ރައްޔިތެއް ކަމަށްވާ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ، 32އ އެވެ.

އެފަހަރު ފުލުހުން އޭނާގެ ބަންދުގެ މުއްދަތު ޖަހަން ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

އެ މުއްދަތު ހަމަވެގެން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިއަދުން ފެށިގެން 10 ދުވަހުގެ މައްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ބަންދު އަމުރުގައިވާ ގޮތުން އޭނާއަށް ފުލުހުން ކުރަނީ ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށުގެ ތުހުތަމެވެ. އެ ތުހުމަތު ކުރެވުނީ މީނާ ދުއްވި އެކްސްކަވޭޓަރުން ޖެހި މީހަކު ނިޔާވެފައިވާ މައްސަލައެއްގައި ކަމަށްވެސް ބުނެފައިވެއެވެ. އަދި ހެއްކެއްގެ ބަޔާނަށް ބަލާއިރު މީނާ ފިލައިގެން ދާން އުޅޭ ކަމަށް ބެލެވޭ ކަމަށްވެސް އަމުރުގައިވެއެވެ.

އޭނާ ރާއްޖޭގައި މަސައްކަތް ކުރަމުން ދަނީ ގަވާއިދާހިލާފަށް ކަމަށް އައިއޯ ފާހަގަކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ އަމީން މިއާ މަރުވީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތް ކުރަނިކޮށް ކަމަށެވެ.

އެގޮތުން އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.