ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ކުޅެން އޮތް މެޗަށް ހާޒިރުނުވުމުން ކްލަބު ގްރީން ސްޓްރީޓްސް ޖޫރިމަނާކޮށް، ޓްރާންސްފާ ބޭންގެ އަދަބެއް ދޭން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ނިންމައިފިއެވެ.
ފުޓުބޯޅަ ފޯމެޓަށް ގެނައި ބަދަލާއެކު މިފަހަރު އޮތީ ލީގުގެ ފުލަށް ދާ ދެޓީމު އޮޓޮމެޓިކުން ރެލިގޭޓްވާނެ ގޮތަށެވެ. މިހަފުތާގެ މެޗުތަކަށް ނުކުތް އިރު، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އޮތީ ރެލިގޭޓް ވެފައެވެ. ދެވަނަ ޖާގައިން ސަލާމަތްވާން ވެލެންސިއާއި ގްރީން ސްޓްރީޓްސްއިން މަސައްކަތް ކުރި އިރު، މިހަފުތާ ވެލެންސިއާއިން ވަނީ ކްލަބު އީގަލްސް ކައިރިން 2-0 އިން މޮޅުވެ، ކުޑަ އުންމީދެއް ހޯދައިފައެވެ.
ގްރީނުން ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެން އޮތް މެޗަށް އެޓީމު ހާޒިރުވެފައި ނުވާ އިރު، ގްރީން ރެލިގޭޝަނުން ސަލާމަތްވާން އޮތް ގޮތަކީ އެ މެޗުން ޕޮއިންޓެއް ހޯދުން ނޫނީ، ފަސް ގޯލަށްވުރެ ކުޑަ ނަތީޖާއެއް ހިފަހައްޓާލުމެވެ. ގްރީނުން ކުޅުންތެރިން ހަމަ ނުވެގެން ކަމަށްބުނެ މެޗު ދޫކޮށްލުމުން އެމެޗުން ބަލިވީ 2-0 އިންނެވެ. އެހިސާބުން ވެލެންސިއާ ވަނީ ރެލިގޭޓް ވެފައެވެ.
އެ މައްސަލަ ވެލެންސިއާއިން ހުށަހަޅާފައިވަނީ މެޗް ފިކް ކުރި ކަމަށް ބުނެއެވެ.
މައްސަލައިގައި އެފްއޭއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ޕްރިމިއާ ލީގު 2026/2025 ގެ ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ގްރީން ސްޓްރީޓްސް 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމާ، އެ ފައިސާ 15 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވާ ކަމަށެވެ. އަދި އެފްއޭއެމް ޑިސިޕްލިނަރީ ކޯޑުގެ ނުވަ ވަނަ މާއްދާގެ ދަށުން އެންމެ އަވަހަށް އަންނަ ޓްރާންސްފާ މާކެޓުގައި ގްރީން ސްޓްރީޓްސްއަށް ހަރަކާތްތެރި ނުވެވޭނެ ގޮތަށް ނިންމާފައިވާ ކަމަށްވެސް އެފްއޭއެމްއިން ބުންޏެވެ.
އެއީ ކުޅުންތެރިން ގަނެ ވިއްކުމުގެ އިތުރުން ޓްރާންސްފާއާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ގޮތަށެވެ.
އޭގެ އިތުރުން އެފްއޭއެމްއިން ވަނީ އެކަހަލަ ކަމެއް ތަކުރާރުކޮށްފިނަމަ، ގްރީން ސްޓްރީޓްސްއަށް ހަރުކަށި އަދަބު ދޭނެ ކަމަށް އިންޒާރުވެސް ދީފައެވެ.
އެފޭއެމްއިން އިތުރަށް މައުލޫމާތު ދީފައިވާ ގޮތުގައި ގްރީން ސްޓްރީޓްސްގެ މި މައްސަލައިގައި ނިންމުން ނިންމާފައި ވަނީ ވެލެންސިއާއިން ހުށަހެޅި މައްސަލައަށްވެސް ރިއާޔަތް ކޮށްގެންނެވެ. ގްރީން ސްޓްރީޓްސްއިން މެޗު ފިކްސް ކުރި ކަމަށް ވެލެންސިއާއިން ހުށަހަޅާފައިވާ އިރު، އެފްއޭއެމް އިން ބުނީ ފިޔަވަޅު އެޅީ އެކަންކަމަށް ރިއާޔަތް ކޮށްގެން ކަމަށެވެ.
އެފްއޭއެމްގެ ސިޓީގައި ބުނީ ނިންމުމާމެދު ހިތްހަމަ ނުޖެހޭ ނަމަ، ހަތް ދުވަހުގެ ތެރޭގައި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު ގްރީން ސްޓްރީޓްސްއަށް ދީފައިވާ ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު