ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު އައްޔަންކޮށްފިއެވެ.

ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލުމުން 19 ބޭފުޅަކު ވަނީ އެ މަގާމަށް ކުރިމަތިލައްވައިފައެވެ. އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު، ހަމަ އެ މަހުގެ 21 ވަނަ ދުވަހަށް މުއްދަތު ހަމަވާ ގޮތަށެވެ.

އެ މުއްދަތު ހަމަވެ، ޖޭއެސްސީން މިދިޔަ ހޯމަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ނިންމާފައިވަނީ ފަނޑިޔާރުގެ މަގާމަށް ރައޫފް އަދި ޝަފީއު އައްޔަންކުރުމަށެވެ.

ޖޭއެސްސީން ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުން ވަނީ ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރައްވައިފައެވެ. އެ ދެ ބޭފުޅުންނަށް ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ ދެ ގޮނޑި ހުސްވީ އެ ކޯޓުގައި ގިނަ ދުވަހު މަސައްކަތްކުރެއްވި ފަނޑިޔާރު މުހައްމަދު ނިޔާޒު މިދިޔަ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހު ރިޓަޔާކުރެއްވުމާއި، އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރައްވަން ނިންމާފައިވާ ރައޫފަކީ ސުލޫކީ މައްސަލައެއް ބަލައި މަގާމުން ވަކިކުރަން ނިންމުމުން ފަނޑިޔާރުގެ މަގާމުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ. ރައޫފް ވަނީ ޕީއެންސީގެ ޓިކެޓުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކެޔޮދޫ ދާއިރާއަށް ވާދަކުރައްވައިފައެވެ. ނަމަވެސް އެ އިންތިހާބު އޭނާއަށް ވަނީ ނާކާމިޔާބުވެފައެވެ.