ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި މަޔޯކާ ބަލިކޮށް، ތާވަލުގެ އެއްވަނައިގައި ލީޑު ދަމަހައްޓައިފިއެވެ.

ބާސާއިން ރޭ އަމިއްލަ ދަނޑުގައި މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. އެ ތިން ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ބާސާ އޮތީ 23 މެޗުން 58 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ރެއާލް މެޑަރިޑަށް 22 މެޗުން 54 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމުން މި ހަފުތާ ކުޅޭ މެޗުގައި މިރޭ ނުކުންނާނީ ވެލެންސިއާއާ ދެކޮޅަށެވެ.

މެޗުގެ ކުރީކޮޅުގައި މަޔޯކާއަށް ހުސް ފުރުސަތެއް ލިބި ބޭކާރުވި އިރު، އަނެއްކޮޅުން ބާސާއިން ވަނީ 29 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އެ ގޯލު ޖަހައިދިނީ ރޮބާޓް ލެވަންޑޯސްކީއެވެ.

އޭގެ އިތުރުން ފުރަތަމަ ހާފުގައި ލެމީން ޔަމާލަށް ލިބުނު ހުސް ފުރުސަތެއް އޭނާ އަތުން ގެއްލުނު ނަމަވެސް، 61 ވަނަ މިނެޓުގައި އޭނާ ވަނީ ދެވަނަ ގޯލު ޖަހައި ބާސާއަށް ހަމެޖެހުން ހޯދައިދީފައެވެ.

ބާސާގެ ތިންވަނަ ގޯލު ޖަހައިދިނީ ބަދަލަކަށް މެޗަށް ނުކުތް މާކް ބާނަލްއެވެ.