އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީގެ އިތުރުން އާސެނަލުން ކުޅުނު މެޗުތައްވެސް ކާމިޔާބުކޮށްފިއެވެ.
ޔުނައިޓެޑުން އާ ކޯޗު މައިކަލް ކެރިކާއެކު ތަފާތު ފޯމެއްގައި ކުރިއަށްދާ އިރު، އެޓީމުން ރޭ ޓޮޓެންހަމް ބަލިކުރީ 2-0 އިންނެވެ. މިއީ ޔުނައިޓެޑުން ޖެހިޖެހިގެން މޮޅުވި ހަތަރުވަނަ މެޗެވެ. ކެރިކް ހަވާލުވިފަހުން އެޓީމުން ކުޅުނު ހުރިހާ މެޗެއްވެސް އަދި ވަނީ ކާމިޔާބުކޮށްފައެވެ.
އެއްވަނައިގައި ލީޑު ދަމަހައްޓަމުންދާ އާސެނަލުން ރޭ އަމިއްލަ ދަނޑުގައި 3-0 އިން ސަންޑަލޭންޑްގެ މައްޗަށް ކުރި ހޯދި އިރު، ޗެލްސީން ވަނީ ވުލްވްސް ކައިރިން ރަށުން ބޭރުގައި 3-1 އިން މޮޅުވެފައެވެ.
ތާވަލަށް ބަލާއިރު އާސެނަލަށް އެއީ މުހިންމު މޮޅެކެވެ. އެޓީމުން 25 މެޗުން އެއްވަނައިގައި އޮތީ 56 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީން މިރޭ ލިވަޕޫލާ ދެކޮޅަށް ނުކުންނަ އިރު، ސިޓީއަށް 24 މެޗުން ލިބިފައިވަނީ 47 ޕޮއިންޓެވެ.
ޔުނައިޓެޑުން ވަނީ މޮޅާއެކު ހަތަރު ވަނައިގައި މަގާމު ދަމަހައްޓައިފައެވެ. އެއީ 25 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ. ޗެލްސީ ފަސް ވަނައިގައި އޮތީ 25 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ.
ޔުނައިޓެޑުން ކުޅުނު މެޗުގެ ކުރީކޮޅުގައި އެޓީމަށް ފައިދާ ނަގަން ފުރުސަތު ލިބުނީ 29 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ކެޕްޓަން ކްރިސްޓިއަން ރޮމޭރޯއަށް ދެއްކި ރަތް ކާޑާއެކުގައެވެ. ކަސެމީރޯއަށްއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކައިފައެވެ.
އޭގެ 10 ވަރަކަށް މިނެޓް ފަހުން ރަނގަޅު ފްރީކިކް ރޫޓިންއެއްގައި ޔުނައިޓެޑުން ލީޑު ނެގިއެވެ. ބްރޫނޯ ފެނާންޑޭޒް ކޯނަރެއްގައި ޖައްސާލި ބޯޅަ، ކޯބީ މައިނޫ ބައިންދާލުމުން ގޯލު ޖެހީ ބްރަޔަން އެމްބުއޭމޯއެވެ.
އޭގެފަހުންވެސް ޔުނައިޓެޑުން ނުރައްކާ ކުރަމުން ގޮސް، ދެވަނަ ހާފުގައި އެޓީމުގެ ދެވަނަ ގޯލު ޖަހައިދިނީ ފެނާންޑޭޒްއެވެ.
އާސެނަލުން ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް، އެޓީމުން ލީޑު ނެގީ މާޓިން ޒުބިމެންޑީ ޖެހި ގޯލަކުންނެވެ. އޭގެފަހުންވެސް އާސެނަލުން ބޮޑަށް ނުރައްކާ ކޮށްފައިވާ އިރު، ވިކްޓޯ ޔޯކެރޭޝް ވަނީ ދެވަނަ ހާފުގައި ދެ ގޯލު ޖަހައި އާސެނަލަށް މެޗުން ތިން ޕޮއިންޓް ޔަގީން ކޮށްދީފައެވެ.
ޗެލްސީން ކުޅުނު މެޗުގައި ތަފާތު ދެއްކީ ކޯލް ޕާމާއެވެ. އޭނާ ވަނީ ފުރަތަމަ ހާފުގައި ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ޕާމާގެ ފުރަތަމަ ދެ ގޯލުވެސް ޖެހީ ޕެނަލްޓީގައެވެ. އެ ދެ ޕެނަލްޓީއަކީވެސް އޭރިއާ ތެރެއިން ޖުއާއޯ ޕެޑްރީއަށް ކުރި ފައުލަށް ދިން ދެ ޕެނަލްޓީއެވެ.
އޭގެފަހުން ޕާމާ ވަނީ 38 ވަނަ މިނެޓުގައި ހެޓްރިކް ފުރިހަމަކޮށް، ތިންވަނަ ގޯލު ޖަހައިފައެވެ.
ދެވަނަ ހާފުގައި ވުލްވްސްގެ ގޯލު ޖެހީ ޓޮލޫ އަރޮކޮޑާރޭއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު