ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގަދަ 16 ގެ ވާދަވެރިކަން ނިމި، ރާއްޖޭގެ އެންމެ ގަދަ އަށް ޓީމު ޔަގީންވެއްޖެއެވެ. ރާއްޖޭގެ ޗެމްޕިއަންކަމަށް ޓީމުތަކުން ކުރާ ދަތުރުގައި މިރެއަކީވެސް ހާއްސަ ރެއެކެވެ. މަރުގެ ކުރިމަތިލުންތަކެއް ފެނިގެންދާނެއެވެ. މޮޅުވުން ނޫން އިތުރު ގޮތެއް އެއްވެސް ޓީމަކަށް ނޯންނާނެއެވެ.

ޗެމްޕިއަނުންގެ ކުރިމަތިލުންތަކެކެވެ. މިރޭގެ ކުއާޓާއަށް ނުކުންނަ ޓީމުތަކުގެ ތެރެއިން އަތޮޅު ތަށި ގެއްލިފައި އޮތީ އެންމެ ޓީމަކަށެވެ. އެއީ ގއ. ދެއްވަދުއަށެވެ. އެ ތަށި ދެއްވަދުއަށް ގެއްލުނު ނަމަވެސް އެޓީމުން ޒޯން ކާމިޔާބުކުރިއެވެ. އަދި ދެން ހުރި ހުރިހާ ޓީމަތަކަކުންވެސް ފައިނަލް ބުރަށް ނުކުންނާނީ ޒޯން ތަށްޓާއެކުގައެވެ.

މިރޭގެ މެޗުތަކަކީ ޓީމުތަކުގެ ހަގީގީ ފެންވަރު ވަޒަން ކޮށްލަންވެސް ލިބޭނެ ފުރުސަތަކަށްވާނެއެވެ. ހާއްސަކޮށް ސްކޮޑުގެ ވަރުގަދަކަން މިރޭ ފެނިގެންދާނެއެވެ. އެއީ ކުއާޓާ ފައިނަލުން ފެށިގެން މުބާރާތް ކުޅެވިގެންދާނީ ގަޑި ހުއްޓައިގެން ކަމަށްވާތީއެވެ.

ބ. އޭދަފުށި - ރ. ދުވާފަރު (2000، ގްރައުންޑް 1)

ކުރީގެ ޗެމްޕިއަނެއް ކަމަށްވާ އޭދަފުއްޓަކީ އަބަދުވެސް ގަދަ ބާރެކެވެ. މިފަހަރު އެޓީމުގެ ތަފާތަކީ އެ ޓީމުގެ ކޯޗު، ތައިލެންޑުގެ ސަންޓިޕާޕް ވަސަން (ބޮސް) ކަމަށް ގިނަ ބަޔަކު ގަބޫލުކުރާނެއެވެ. އޭއެފްސީ ލެވަލް، 1، 2 އަދި 3 ވެސް ފުރިހަމަކޮށްފައިވާ ވަސަންއަކީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ދިހަ އަހަރުވީ ތާރީހުގައި ފެނިގެންދާ ފުރަތަމަ ބިދޭސީ ކޯޗެވެ.

އެ ޝަރަފާއެކު އޭނާގެ ތަފާތު މިހާތަނަށް ފެނިގެންވެސް ދެއެވެ. އޭދަފުށީގެ ގޭމަކީ ޕްރިޑިކްޓް ކުރަން އެހާ ފަސޭހަ ގޭމަކަށް ނުވުމަކީ ދުވާފަރަށް އޮތް އެންމެ ބޮޑު ޗެލެންޖެވެ.

އަނެއްކޮޅުން ނުކުންނަނީ ދުވާފަރެވެ. އެޓީމުން ކުޅުނު ހުރިހާ މެޗަކުންވެސް ވަނީ މޮޅުވެފައެވެ. ގަދަ 16 ގައި އައްޑޫ ހިތަދޫ ކަޓުވާލީވެސް ޔަގީންކަމާއެކުގައެވެ. އެޓީމަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ޒުވާން ކުޅުންތެރިންނާއެކު މުހައްމަދު އިސާމް (ޝަންޓެ) ތަފާތު ފޯމެއްގައި ހުރުމެވެ. މިހާތަނަށް ހަތް މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާ ހޯދި އިރު، ޝަންޓެއަކީ މުބާރާތުގައި އެ ޝަރަފު އެންމެ ގިނައިންވެސް ހޯދި ކުޅުންތެރިޔާއެވެ.

ދުވާފަރުން ގަދަ 16ގައި އުފާފާޅުކުރަނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ހދ. ނައިވާދޫ - އއ. މަތިވެރި (2000، ގްރައުންޑް 2)

ދެޓީމަށްވެސް ގަދަ 16 ގައި ކުރިމަތިވީ ޓަފް ޗެލެންޖެކެވެ. ނައިވާދުއަށް މ. ދިއްގަރު ކައިރިން އުނދަގޫތަކަކާ ކުރިމަތިވި ނަމަވެސް، އެޓީމު މާ ބޮޑަށްވެސް ތައްޔާރުވާނެ ކަމަށް ޓީމުން ބުނެފައިވެއެވެ. ކެޕްޓަން ޔާމީން މުހައްމަދު (ޔާންޓެ) ގަދަ 16 ގެ މެޗަށްފަހު ބުނީ ޓީމަށް އެކަށީގެންވާ ވަރަށް ތައްޔާރު ނުވެވުން އެއީ ފިލާވަޅެއް ކަމަށް ބަލައި، ކުއާޓާއަށް ވިސްނާނެ ކަމަށެވެ.

ޔަގީނެވެ. ނައިވާދޫގެ ފެންވަރު އެބަހުއްޓެވެ. މިދިޔަ އަހަރުގެ ރަނަރަޕްގެ ސްކޯރިން ރޭޓާއި ކުޅުންތެރިން ދެއްކި ހިތްވަރުން، އެއީ އަދިވެސް ފެވަރިޓެކެވެ.

ނައިވާދޫގެ ޝާއިފް އުފާފާޅުކުރަނީ --- ފޮޓޯ/ އިމޭޖަސް އެމްވީ

މަތިވެރިއަށް ގަދަ 16 ގައި ޖެހުނީ ގޮތް ދޫނުކުރާ ލ. އިސްދުއާއެވެ. އެޓީމުން މޮޅުވީ ޕެނަލްޓީގައެވެ. ޓީމުގެ ކެޕްޓަން އިސްމާއިލް ނަސީމް (ބޯވަ) ބުނީ ޓީމުގެ ފޯކަސް ކުއާޓާއަށް ގެއްލުވާނުލާނެ ކަމަށާއި، ގޭމަށް ގެނައި ބަދަލާއެކު އުންމީދުގައި މުޅި ރަށް އޮތް ކަމަށެވެ.

ސަޕޯޓަރުންގެވެސް ފޯރިގަދަ ދެޓީމުގެ ކުރިމަތިލުން އާދަޔާ ހިލާފަށް ފޯރިގަދަ ވާނެއެވެ.

ތ. ތިމަރަފުށި - ހއ. ދެއްވަދޫ (2200، ގްރައުންޑް 1)

ތިމަރަފުއްޓަކީ އަބަދުވެސް މުބާރާތުގެ ފެވަރިޓެކެވެ. ބެޖު މަތީގައި ޖަހާފައި ތިން ތަރިއާއެކު ތިމަރަފުށިން އެއްވެސް ފަހަރަކު ތަށި ނޫން އެހެން އެއްޗަކަށް އަމާޒު ހިފާނެ ކަމަކަށް ބަލައިގެން ނުވާނެއެވެ.

ޓީމުގެ މުހިންމު ދައުރެއް އަދާކުރަމުންދާ އިބްރާހީމް އަސްވަދު (ގަބޭ) ވެސް ވަނީ އެކަން ސާފުކޮށްދީފައެވެ. ގަދަ 16ގެ މެޗަށްފަހު ތިމަރަފުށީގެ ގަބޭ ބުނީ ޓީމަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ބޮޑެތި އަނިޔާތަކެއްގެ މައްސަލަ ކަމަށެވެ. ހާއްސަކޮށް، މުހިންމު ބައެއް ކުޅުންތެރިންނަށް އަނިޔާވުމަކީ ޗެލެންޖެއް ކަމަށް ބުނި ނަމަވެސް، ގަބޭ ބުނީ ޓީމެއްގެ ގޮތުގައި ދުލެއް ނުދޭނެ ކަމަށެވެ.

ތިމަރަފުށި ގޯލް ޖަހައި އުފާފާޅުކުރަނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

އަނެއްކޮޅުން ނުކުންނަ ދެއްވަދުއަށް މިއީ ތާރީހީ ކުއާޓާއެއް ނަމަވެސް، އެޓީމަކީ ތަޖުރިބާގެ ގޮތުން އެންމެ ރަނގަޅު ޓީމެވެ. ގައުމީ ފުޓްސަލް ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ޓީމުގައި ހިމެނޭ އިރު، ގަދަ 16 ގެ މެޗުގައި ވ. ކެޔޮދޫ ބަލިކުރުމަށްފަހު މުހައްމަދު އިމްރާން (އިންމި) ބުނީ ނޮކްއައުޓްގައި އެއްވެސް މެޗެއް ފަސޭހަ ނުވާނެ ކަމަށެވެ. ހާއްސަކޮށް މިހާރު މިއީ މުބާރާތުގައި އެންމެ ސަމާލުވާން ޖެހޭ ހިސާބު ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ދ. ކުޑަހުވަދޫ - ވިލިމާލެ (2200، ގްރައުންޑް 2)

ވާދަވެރިކަން ބޮޑުވާނެ ކުރިމަތިލުމެކެވެ. ވިލިމާލޭން ގަދަ 16 ގައި ކ، ގާފަރު ކަޓުވާލީ ޕެނަލްޓީ ޖަހައިގެންނެވެ. އެ ދިނީ ޔަގީނުންވެސް މެސެޖެކެވެ. ގާފަރަކީ މުބާރާތުގައި އެންމެ ވަރުގަދަ އެއް ނަމެވެ.

ވިލިމާލޭގެ އެންމެ މުހިންމު ކުޅުންތެރިއަކަށް އެ މެޗުގައިވެސްވީ ތޮލާލް ހަސަން (ޓޮޕްލަކް) އެވެ. އަނިޔާއެއްގައި ހުރެ ނަމަވެސް، ޓީމަށް ހިތްވަރުކޮށްދެނީ ކެރިއަރުގައި ތަށި މުހިންމު ކަމުން ކަމަށް އޭނާ ބުންޏެވެ.

ވިލިމާލޭގެ ސަޕޯޓަރުންގެ ފޯރިވެސް އެމެޗުގައި ފެނުނު އިރު، ޓޮޕްލަކްގެ ނަޒަރުގައި އެއީ ޓީމަށް ލިބޭނެ ބޮޑު ހިތްވަރެކެވެ. އަދި ޓީމު މި އޮތް ކިކްގައި ސެމީ ޔަގީންކުރަން ބޭނުންވާ ކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

އަނެއްކޮޅުން ނުކުންނަ ކުޑަހުވަދުއަށް ގޯލްޑަންގެ ކުއާޓާ އަލެއް ނުވާނެއެވެ. ތަޖުރިބާ ބޮޑު، ކާމިޔާބު ނަމެކެވެ. އެހެންކަމުން މެޗުގައި ފެންނާނީ ވާދަވެރި، ހަމަހަމަ ކުޅުމެއް ކަމަށް އަންދާޒާ ކުރެވިދާނެއެވެ.

ކުޑަހުވަދޫގެ ތަރި ޖުމައިލް ޖަމީލް، ގަދަ 16 ގައި ކަނޑިތީމު ބަލިކުރުމަށްފަހު ބުނީ ކުޑަހުވަދޫ ފެށީ ޗެލެންޖްތަކަކާއެކުގައި ނަމަވެސް، މިހާރު ޓީމު އޮތީ ސީދާ ތަށްޓަށް މަސައްކަތް ކުރާ ރޫހުގައި ކަމަށެވެ. އެހެންކަމުން އެއްވެސް ވަރަކަށް މިރޭގެ މެޗަށް ދުލެއް ނުދޭނެކަން ސާފެވެ.

ކުޑަހުވަދޫން ގޯލެއް ޖަހައި އުފާފާޅުކުރަނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ސެމީގެ ޖާގައަކީ ރަށުގެ، އަތޮޅުގެ ޝަރަފަށްޓަކައި ކޮންމެ ޓީމަކަށްވެސް މުހިންމު ޖާގައެކެވެ. އެ ޖާގައަށް މިރޭ ގަދަ އަށް ޓީމު ވާދަކުރާނީ މަރުގެ މެޗުތަކެއްގައެވެ.