ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި އޮޑި ސްޕޯޓްސް ކްލަބުވެސް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ވަނީ އެއްވެސް މެޗަކުން ބަލި ނުވެ، ލީގުގެ އައްޑަނަ އުފުލާލައިފިއެވެ. އެންމެފަހު ދެމެޗަށް ނުކުތުމުގެ ކުރިން މާޒިޔާއިން ވަނީ ލީގު ޗެމްޕިއަންކަން ޔަގީންވެފައެވެ. މާޒިޔާ އިން ޖެހިޖެހިގެން ފަސް ވަނަ ސީޒަނުގައި ރާއްޖޭގެ ލީގު ޗެމްޕިއަންކަން ހޯދި އިރު، މިއީ އެ ޓީމުން ލީގު ކާމިޔާބުކުރި ހަވަނަ ފަހަރެވެ. އެންމެ ފުރަތަމަ ލީގު ނެގީ 2016 ވަނަ އަހަރުއެވެ.

މާޒިޔާއިން މީގެ ކުރިންވެސް ވަނީ ބަލިނުވެ ދެފަހަރު ލީގު ކާމިޔާުބު ކޮށްފައެވެ. އެއީ މިއަހަރުގެ އިތުރުން 2020-21 ސީޒަނާއި 2023 ވަނަ އަހަރުގެ ލީގެވެ.

"އަހަރެމެން ވަރަށް އުފާވޭ، މާޒިޔާގެ ސަޕޯޓަރުންނާއި މެނޭޖުމަންޓަށް އަދި ކުޅުންތެރިންނަށްވެސް. އަހަންނަށްވެސް މިއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. އަހަރެމެންގެ ފަރާތުން ފެނުނު ތަފާތު ރޫހެއް. މެޗަކުން ބަލިނުވެ ތަށި ނެގުނީ އެހެންވެ. އެކަމަށް ކުޅުންތެރިން ބޭނުންވެގެން މަސައްކަތް ކުރީމަ. އަހަރެމެންނަށް ޗެމްޕިއަންކަން ޔަގީންވެފައި އޮތް ދެމެޗުގައި ދެއްކި ރޫހުންވެސް އެކަން ފެނިގެންދާނެ. އެހެންވީމަ މި ލީގު ތަށްޓަށް އެހީވެދިން ހުރިހާ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ލީގު ޗެމްޕިއަންކަން ލިބުމާއެކު "ވަން ސްޕޯޓްސް"އަށް ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު، ލުއިސްމާ ހެނާންޑޭޒް ބުންޏެވެ.

ބާސެލޯނާއާއި ރެއާލް މެޑްރިޑް އެކަޑެމީތަކުގެ ޓެކްނިކަލް ޑިރެކްޓަރުންގެ ތެރޭގައި މަސައްކަތްކުރުމުގެ އިތުރުން ލިތުއޭނިއާ، އުޒްބެކިސްތާން، ކުވެއިތު އަދި ދެކުނު ކޮރެއާގައި ފުޓްބޯޅައިގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ލުއިސްމާ ބުނީ، ލީގުގައި ޓީމުތައް ދަނީ ވާދަވެރިވަމުން ކަމަށާއި، އެ ލެވެލްގައި ފުޓުބޯޅަ އޮތުން އެއީ ހިތްހަމަ ޖެހުމެއް ކަމަށެވެ.

"އަހަންނަށް ހީވަނީ ލީގުގައި މިފަހަރު ފެނުނު ހަތަރު ފަސް ޓީމެއް ކުރިއަށް އޮތްތާ އަދި ރަނގަޅުކުރާނެހެން. ނިއު ރޭޑިއަންޓް، ބުރު އޮޑީގެ އިތުރުން ވިކްޓްރީންވެސް ފެނުނީ ތަފާތުތައް. ދެވަނަ ބުރަށް ދިޔައިރު މި ހުރިހާ ޓީމުތައްވެސް ތަފާތު. އޭގެ އިތުރުން ހަމަ ގްރީންއާއި ޓީސީ މެޗުވެސް އަހަރެެމެންނަށްވެސް އުނދަގޫވި. ލީގުގެ ފެންވަރު ދަނީ ރަނގަޅުވަމުން. ފުޓުބޯޅަ މި ލެވެލްގައި އޮތުމަކީ ހިތްހަމަ ޖެހުމެއް،" ލުއިސްމާ ބުންޏެވެ.

https://www.facebook.com/reel/904743418971672

ލުއިސްމާ އިތުރަށް ބުނީ ރާއްޖޭގެ ފުޓުބޯޅަ ވަރުގަދަވަމުންދާތަން ފެންނަ ކަމަށާއި، އެއީ ގައުމީ ޓީމަށް ފައިދާ ކުރާނެ ކަމެއް ކަމަށެވެ.

"ފުޓުބޯޅަ އެނބުރި އަންނަމުން މިދަނީ. އެއީ ރާއްޖޭގެ ލީގުން އެބަ ފެނޭ އެ މަންޒަރު. ޓީމުތަކުން ޓެކްނިކަލް ސްޓާފުންނާއި ކުޅުންތެރިންވެސް ރަނގަޅުކޮށް، ވާދަކުރަން މި މަސައްކަތް ކުރަނީ. އެހެންވީމަ އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. އަދި މި ލީގުން އަހަރެމެން މި އުންމީދުކުރަނީ ގައުމީ ޓީމަށް ފައިދާ ކުރާނެ ކަމަށް. އެއީ ވާދަވެރިކަން ފެނިގެންދާތީ،" ލުއިސްމާ ބުންޏެވެ.

ކޯޗު ލުއިސްމާ ބުނީ މާޒިޔާއިން ހުރިހާ މުބާރާތަކަށްވެސް ނުކުންނާނީ މޮޅުވެ، ތަށި ހޯދުމަށް ކަމަށާއި، ކުރިއަށް އޮތް ޕްރެސިޑެންޓްސް ކަޕަށްވެސް ނުކުންނާނީ މުބާރާތް ކާމިޔާބުކުރުމަށް ކަމަށެވެ. އަދި ލީގުގައި މި ފެނުނު ވާދަވެރިކަން ކުޅުންތެރިންގެ ފަރާތުން ފެންނާނެކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށްވެސް އޭނާ ބުންޏެވެ.