ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ކުއާޓާ ފައިނަލާ ހަމައަށް އައިއިރު ޓީމުތައް ފެންނަނީ ތަފާތު ވަރުގަދަކޮށް ކަމަށާއި، އެއްވެސް މެޗެއް ދެން ފަސޭހަ ނުވާނެ ކަމަށް، ހއ. ދެއްވަދޫގެ، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ބުނެފިއެވެ.

އިންމި ދާދިފަހުން ގައުމީ ޓީމާއެކު ސާފްގެ ފުރަތަމަ ފުޓްސަލް ޗެމްޕިއަންޝިޕް އުފުލާލައި، ރާއްޖެއަށް ތާރީހީ ކާމިޔާބީއެއް ހޯދައިދިން އިރު، ދެއްވަދުއަށް ލިބިފައިވާ ހިތްހަމަ ޖެހުމަކީ ގައުމީ ޓީމުގައި އޭނާއާއެކު ކުޅުނު އެ ޓީމުގެ ކުޅުންތެރިން އަނބުރާ ޓީމާ ގުޅިފައިވުމެވެ. އަތޮޅު ބުރުގައި ދެއްވަދޫން މުހިއްމު ކުޅުންތެރިންތަކެއް ނުލައި ކުޅެ، އަތޮޅު ފައިނަލަށް ގޮސް ޒޯން ޔަގީންކުރި އިރު، ޒޯންގެ ބައެއް މެޗުތައްވެސް އެޓީމުން ކުޅުނީ އެ ކުޅުންތެރިންނާ ނުލައެވެ.

މުބަރާތުގެ ފައިނަލް ބުރަށް އެ ކުޅުންތެރިން ޓީމާ ގުޅި، ދެއްވަދޫން ވަނީ ގަދަ 16 ގައި ވ. ކެޔޮދޫގެ މައްޗަށް ކުރި ހޯދައިފައެވެ.

އެމެޗަށްފަހު އިންމި ބުނީ ގައުމީ ޓީމަށް ދިޔަ ކުޅުންތެރިން އެނބުރި ޓީމަށް އައިސް، މިހާރު ދަނީ ރަނގަޅު ކުޅުމެއް ފެންނަމުން ކަމަށެވެ.

"ޓީމު އަނެއްހެން ވަރަށް ބަރާބަރު. ގައުމީ ޓީމަށް ދިޔަ ހުރިހާ ކުޅުންތެރިން ޓީމަށް ޖޮއިން ކޮށްލައިގެން ދެމެޗު ނިންމާލެވި، ދެތިން ޕްރެކްޓިސްއެއްވެސް ޖަހާލެވިއްޖެ. އެހެންވީމަ ރަނގަޅަށް ދާނެ ކަމަށް މި ބަލަނީ. ދެން މީގަ އެއްކޮށް ކުޅޭ ކުޅުންތެރިންތަކެއް މިތިބީ. އެހެންވީމަ އެހާ އުނދަގުލެއް ނުވާނެހެން ހީވަނީ ޓީމަށް ފިޓްވާކަށް،" އިންމި ބުންޏެވެ.

ގައުމީ ޓީމުގައި ހިމެނުނު ދެއްވަދޫގެ ކުޅުންތެރިން ޒޯން ތަށްޓާއެކު --- ފޮޓޯ/ ދެއްވަދޫ އެފްސީ

އިންމި ބުނީ ދެއްވަދޫގެ ފުރަތަމަ ޓާގެޓަކަށް މިފަހަރު އޮތީ ޒޯން ތަށި ހޯދުން ކަމަށާއި، އެއީ މިދިޔަ އަހަރު ހާސިލް ނުވި ކާމިޔާބީއެއް ކަމަށެވެ. އަދި އެ ކާމިޔާބީ ހާސިލްކޮށް، މިހާރު ޓީމުގެ ޓާގެޓަކީ މުބާރާތުގެ ތަށި ހޯދުން ކަމަށްވެސް އޭނާ ބުންޏެވެ.

އިންމި އިތުރަށް ބުނީ އެ ޓާގެޓް ހާސިލްކުރުމަކީ މިހާރު ބޮޑު ޗެލެންޖެއް ކަމަށެވެ.

"މިހާރު އެންމެންގެވެސް ޓާގެޓަކީ ގޯލްޑަންގެ ތަށި އުފުލާލުން. ޓީމުތައް އަސްލު ވަރަށް ވަރުގަދަ. ރަނގަޅު ޕްރެކްޓިސްތަކާވެސް އެކު، ގައުމީ ޓީމަށް ދިޔަ ކުޅުންތެރިންވެސް ޓީމުތަކާ ގުޅުމާއެކު ވަރަށް ބޮޑަށް ޓީމުތައް އިތުރަށް ވަރުގަދަވެ، ބަދަލުތަކެއް އެބަ އާދޭ. އެހެންވީމަ ކުރިއަށް ހުރި ހުރިހާ މެޗެއްވެސް ވާނީ ކޮންމެ ޓީމަކަށްވެސް ވަރަށް ވަރުގަދަ މެޗުތަކަކަށް،" އިންމި ބުންޏެވެ.

ގއ. ދެއްވަދޫން ކުއާޓާގައި ނުކުންނާނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ތ. ތިމަރަފުއްޓާ ދެކޮޅަށެވެ.