ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގަދަ 16 ގެ ފަހު ދެމެޗު ކާމިޔާބުކޮށް، މިދިޔަ އަހަރު މުބާރާތުގެ ރަނަރަޕް ހދ. ނައިވާދުއާއި އއ. މަތިވެރިންވެސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ގަދަ 16 ގެ މެޗުތައް ރޭ ނިމެން އޮތް ނަމަވެސް، ދެ މެޗެއް ވަނީ މިރެއަށް ފަސްކޮށްފައެވެ. އެއީ ވިއްސާރައިގެ ސަބަބުންނެވެ. ހދ. ނައިވަދުއާއި މ. ދިއްގަރު ވާދަކުރާ މެޗުގެ އިތުރުން ދެން ފަސްކުރީ ލ. އިސްދުއާއި އއ. މަތިވެރި ކުޅެން އޮތް މެޗެވެ.

އެމެޗުތައް މިރޭ ކުޅެފައިވާ އިރު، ނައިވާދޫން ކުއާޓާ ޔަގީންކުރީ ދިއްގަރު ކައިރިން 2-1 އިން މޮޅުވެގެންނެވެ.

ފޯރިގަދަކޮށް ފެނުނު މެޗުގެ ކުރީކޮޅުގައި ނައިވާދުއަށް ލީޑު ނަގައިދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. އޭގެފަހުން ދެވަނަ ހާފުގައި ދިއްގަރުގެ ހުސައިން ފާރިޝް އެއްވަރު ކޮށްދިން ނަމަވެސް، މެޗު ނިމެން ދަނިކޮށް ޝާއްޕެ ނަގައިދިން ކިކް-އިން އެއްގައި ނައިވާދުއަށް މެޗު ކާމިޔާބުކޮށްދިނީ ހުސައިން މައިޝާން ޖެހި ގޯލުންނެވެ.

ނައިވާދޫގެ ޝާއިފް އުފާފާޅުކުރަނީ --- ފޮޓޯ/ އިމޭޖަސް އެމްވީ

މަތިވެރިއާއި އިސްދޫ މެޗުގެ ނަތީޖާ ކަނޑައަޅަން ޖެހުނީ ޕެނަލްޓީއަށް ގޮސްގެންނެވެ. މެޗު 2-2 އިން އެއްވަރުވެ، ޕެނަލްޓީގައި މަތިވެރިން މެޗު ކާމިޔާބުކުރީ 6-4 އިންނެވެ.

މެޗުގައި އިސްދޫގެ އަލީ ހުމޭޒު އެޓީމަށް ލީޑުނަގައިދީފައިވަނިކޮށް، މަތިވެރިއަށް ފުރަތަމަ ހާފުގައި އެއްވަރުކޮށްދިނީ ހައިޝަމް އަލީއެވެ. ދެވަނަ ހާފުގައި ފިޒާން އަބްދުލް ގަފޫރު (ފިޒޭ) މަތިވެރިއަށް ލީޑު ނަގައިދީ، މެޗުން މޮޅުވާން ދަނިކޮށް، އިސްދޫން ފަހުވަގުތު އެއްވަރުކުރީވެސް ހުމޭޒު ޖެހި ގޯލަކުންނެވެ.

ޕެނަލްޓީގައި އިސްދޫގެ ހޫދު އަހުމަދު ފަތުހީއާއި ލޫތު އަހުމަދު ފަތުހީ ފޮނުވާލި ޕެނަލްޓީތައް ނާކާމިޔާބުވި އިރު، މަތިވެރިއަށް ނާކާމިޔާބުވީ ހަމައެކަނި އަހުމަދު ފިރާޝް (ކަހޫ) ފޮނުވާލި ޕެނަލްޓީއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ އާދީއްތަ ދުވަހުގެ ރޭގައެވެ. ކުއާޓާފައި ރ. ދުވާފަރުން ނުކުންނާނީ ބ. އޭދަފުށްޓާ ދެކޮޅަށެވެ. މަތިވެރިން ނައިވާދުއާ ވާދަކުރާ އިރު، ހއ. ދެއްވަދޫން ނުކުންނާނީ ތ.ތިމަރަފުށްޓާ ދެކޮޅަށެވެ. އަދި އަނެއް މެޗުގައި ދ. ކުޑަހުވަދޫ ވާދަކުރާނީ ވިލިމާލެއާއެވެ.

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުން އަންނަ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.