ސަރުކާރުން ރަށްރަށުގައި ފަށައިފައިވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ކައުންސިލްތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް މުހިންމުވާނެކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުޅުދުއްފުށިން ވާދަކުރާ ޕީއެންސީ ކެންޑިޑޭޓުންގެ ކެމްޕޭން އިފްތިތާހުކުރުމުގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، އެމްޑީޕީގެ ދެ ވެރިކަމުގައިވެސް ރާއްޖޭގެ އިގްތިސޯދަށް ފައިދާވާނެ ކަމެއް ކޮށްފައިނުވާ ކަމަށެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ތަރައްގީގެ އެއްވެސް ބޮޑު މަޝްރޫއެއް ކުރިއަށް ގެންގޮސްފައިނުވާ ކަމަށާއި، ނިމުނު މަޝްރޫއެއްވެސް ނެތްކަމަށް ފަލާހު ވިދާޅުވިއެވެ. ތިލަމާލޭގެ ބުރިޖުގެ މަސައްކަތް ފެށި ނަމަވެސް އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދިޔައީ ރޭވުންތެރިކަމެއްނެތް ބީދާއަކުންކަމަށް ފަލާހު ވިދާޅުވިއެވެ.

އެއާ ހިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރު ވެގެންދާނީ ތަރައްގީގެ އާ ޒައާމަތަކަށްކަމަށް ފަލާހު ވިދާޅުވިއެވެ. އެކަން ކުޅުދުއްފުށި ރައްޔިތުންވެސް ގަބޫލުކުރާނެކަމަށް ފަލާހު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިއްޒަތެރި ރައީސުލްޖުމްހޫރިއްޔާއަކީ ތަކުރާރުކޮށް ދަންނަވާލަން ޖެހޭނީ އެ މަނިކުފާނަކީ ރައްޔިތުންނަށް ވައުދުވެވަޑައިގަންނަވާ ވައުދުފުޅު، ފުއްދައިދޭ ހިތުން، ފުއްދައިދިނުމުގެ މަގުސަދުގައި، ނިޔަތުގާ، ހެޔޮ ނިޔަތުގާ އެކަން ކުރައްވާ ބޭފުޅެއް. އެހެންވީމާ އެ މަނިކުފާނު މި ތަރައްގީއަށްޓަކާ، ރާއްޖޭގެ އެކި ކަންކޮޅުތަކުގަ، މިފަދަ ސިޓީތަކުގަ ފައްޓަވާފަ މިހިރަ މަޝްރޫއުތައް، ބޮޑެތި ބިޔަ މަޝްރޫއުތައް ނިންމުމަށްޓަކާ ކައުންސިލްތަކުގެ އެހީ ވަރަށް ބޮޑަށް ބޭނުންވާނެ" ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ 2008 ވަނަ އަހަރު އެކުލަވާލެވުނު އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ބޭއްވި ހުރިހާ ކައުންސިލް އިންތިހާބެއްގައި ކުޅުދުއްފުށީގެ މެޖޯރިޓީ ލިބިފައިވަނީ އެމްޑީޕީއަށް ކަމަށެވެ. ފާއިތުވި 17 އަހަރު ކުޅުދުއްފުށި ރައްޔިތުންވަނީ އެމްޑީޕީ ޓެސްޓު ކޮށްފައި ކަމަށާއި، މިފަހަރު އޭނާ އެދެނީ ޕީއެންސީގެ ކައުންސިލެއް އިންތިހާބުކޮށްދިނުމަށްކަމަށް ފަލާހު ވިދާޅުވިއެވެ.

ޕީއެންސީގެ ކެންޑިޑޭޓުން، ރަށުގެ ރައްޔިތުންގެ މާޔޫސް ނުކުރާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ފަލާހު ވިދާޅުވިއެވެ.