ކްލަބު ގްރީން ސްޓްރީޓްސްގައި މިދިޔަ ހަ އަހަރު މަސައްކަތް ކުރި ކޯޗު އަލީ ނިސްތާރު މުހައްމަދު، އެ މަގާމު ދޫކޮށްލަން ފުރަތަމަ ނިންމި ނަމަވެސް، ކްލަބާއެކު މަޝްވަރާކޮށް އެ ނިންމުން ބަދަލުކޮށްފައިވާ ކަމަށް އޭނާ ބުނެފިއެވެ.
ނިސްތާރު މީގެ ތިން ދުވަސްކުރިން ކުރި ޕޯސްޓެއްގައި ބުނީ އުނދަގޫ ނިންމުމެއް ނަމަވެސް ގްރީން ސްޓްރީޓްސްގެ ކޯޗުކަން ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. އަދި އެ ކްލަބުގައި ހޭދަކުރި ދުވަސްތަކުގައި ކުޅުނު ކުޅުންތެރިންނާއި އެކުގައި މަސައްކަތް ކުރި މެނޭޖުމަންޓަކީ ހާއްސަ ބައެއްކަން ނިސްތާރު ފާހަގަކޮށްފައިވެއެވެ.
ނިސްތާރު ބުނީ ގްރީން ސްޓްރީޓްސް ދޫކޮށްލުމަކީ އުނދަގޫ ނިންމުމެއް ނަމަވެސް، އިންޝާ ﷲ ކުރިއަށްދާނެ ކަމަށެވެ. އަދި އެކުގައި ކުރެވުނު މަސައްކަތް އަބަދުވެސް ހަނދާން ހުންނާނެ ކަމަށް އޭނާ ބުންޏެވެ.
ނިސްތާރު ކްލަބު ދޫކޮށްލަން ނިންމި ނަމަވެސް، ކްލަބުން އެ ނިންމުން ބަލައިގެންފައެއް ނުވެއެވެ. ކްލަބުން ނިންމާފައި ވަނީ ނިސްތާރާ އަލުން މަޝްވަރާކޮށް، ކްލަބުގެ ކުރިމަގަށްޓަކައި އޭނާ ބަހައްޓާށެވެ. އަދި ހާއްސަކޮށް ރެލިގޭޓްވުމަކީ ކްލަބުން ބޭނުންވާނެ ކަމަކަށް ނުވާތީ، ކޮލިފިކޭޝަން މުބާރާތުގައި ނަތީޖާ ނެރެންވެސް ނިސްތާރު ބަހައްޓަން ކްލަބުން ބޭނުންވި ކަމަށް "ވަން ސްޕޯޓްސް"އަށް ކްލަބުން މައުލޫމާތު ދީފައިވެއެވެ.
ކްލަބުގެ ފަރާތުން ބުނީ ނިސްތާރު ކްލަބުގައި ބަހައްޓަން އާ އެއްބަސްވުމެއް ދީފައިވާ ކަމަށާއި، ކްލަބުގެ ހިންގުން ކުރިމަގަށް ވިސްނާފައިވާ ކަމަށެވެ. އަދި އެކަމުގައި ކޯޗާއެކު މަޝްވަރާ ކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ނިސްތާރު "ވަން ސްޕޯޓްސް"އަށް ބުނީ ކްލަބުގެ އެދުމުގެ މަތިން މަޑުކުރަން ނިންމާފައިވާ ކަމަށެވެ. ހާއްސަކޮށް ކްލަބާއެކު އުފެދުނު ހިޔާލުތަފާތުވުމަށް ހައްލު ހޯދިއްޖެ ކަމަށާއި، މިހާރު ކޮލިފިކޭޝަން މުބާރާތަށް ފަރިތަކުރުންތައްވެސް ފަށާފައިވާ ކަމަށެވެ. އަދި ސީނިއާ ކުޅުންތެރިންވެސް ޕްރެކްޓިސްތަކަށް ނުކުމެފައިވާ ކަމަށް ނިސްތާރު ފާހަގަކުރިއެވެ.
ނިސްތާރު އިތުރަށް ބުނީ ގްރީން ސްޓްރީޓްސްގެ މެނޭޖުމަންޓަކީ އަބަދުވެސް އިތުބާރު ކުރާ، ގާތް މެނޭޖުމަންޓެއް ކަމަށާއި، އެ ކްލަބުން އާ ވިސްނުމަކާއެކު މަސައްކަތް ކުރާނަމަ، ކްލަބަށް ނޫނެކޭ ބުނަން އުނދަގޫވާނެ ކަމަށެވެ.
ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮހާއި ށ. ފޯކައިދޫ ޓީމުގައި ވެސް ބިނާކުރަނިވި މަސައްކަތްތަކެއް ކުރި ނިސްތާރު ވަނީ ގްރީން ސްޓްރީޓްސްއާއެކުވެސް ރަނގަޅު މަސައްކަތްތަކެއް ކޮށްފައެވެ.
ގްރީނ ސްޓްރީޓްސްްއިން މިފަހަރުގެ ދިވެހި ޕްރިމިއާ ލީގު ނިންމާލީ އަށް ވަނައިގައެވެ. އެޓީމަށް އަށްވަނަ ލިބުނު އިރު، ފަހު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ވާދަކޮށްފައެއް ނުވެއެވެ. އެމެޗު ދޫކޮށްލީއެވެ. އެމެޗުގައި ތަފާތު ބޮޑުކޮށް ބަލިވި ނަމަ، ގްރީންް ސްޓްރީޓްސް ރެލިގޭޓްވާނެ ކަމުގެ ބިރުވެސް އޮތެވެ. އެހެންނަމަވެސް ގްރީން މެޗަށް ނުދިޔުމުން ވެލެންސިއާ ރެލިގޭޓްވިއެވެ.
އެންމެފަހު މެޗަށް ހާޒިރުނުވި މައްސަލައިގައި އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން ވަނީ ގްރީނ ސްޓްރީޓްސްް 50،000 ރުފިޔާގެ ޖޫރިމަނާކޮށްފައެވެ. އޭގެ އިތުރުން ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ޓްރާންސްފާ ބޭންއެއް ދޭން އެފްއޭއެމްއިން ނިންމާފައިވެއެވެ. އެފްއޭއެމްގެ ނިންމުމުގައި ޕޮއިންޓް އުނިކުރުން ނެތުމުގެ ސަބަބުން ވެލެންސިއާއިން ވަނީ ހިތްހަމަ ނުޖެހުންވެސް ފާޅު ކޮށްފައެވެ.
ގްރީނ ސްޓްރީޓްސްއަށް ކުރިއަށް އޮތީ ހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނެވެ. ކޮލިފިކޭޝަންގެ ހަތަރު ޖާގައެއް މިހާރު ވަނީ ޔަގީންވެފައެވެ. އެއީ ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ ޓީސީ ސްޕޯޓްސް ކްލަބާއި، އަށްވަނަ ގްރީން ސްޓްރީޓްސްގެ އިތުރުން، މާލެ ރީޖަން ލީގުގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސްއާއި ނޯތު ރީޖަންގެ ޗެމްޕިއަން ހއ. ދިއްދޫއެވެ. ބާކީ ދެ ޖާގަ ލިބޭނީ ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަނަށާއި ސައުތު ރީޖަން ލީގުގެ ޗެމްޕިއަނަށެވެ. އެ ހަޓީމު ކުޅޭ މުބާރާތުން ހަތަރު ޓީމު އަންނަ ސީޒަނުގެ ލީގަށް ކޮލިފައިވާނެއެވެ.
މުޙައްމަދު ޝަމްޢޫން
ކްލަބު ގްރީން ސްޓްރީޓްސް
ކްލަބު ގްރީން ސްޓްރީޓްސް
ކްލަބު ގްރީން ސްޓްރީޓްސް