މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ހާއްސަކޮށްގެން ފެށި "އޮޕަރޭޝަން އަލިމަގު" މި އަހަރު ހުރިހާ އަތޮޅަކަށް ފުޅާކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ގައުމުގެ އަމާންއަމާންކަމާއި ހަމަޖެހުން ގާއިމުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށްޓަކައި ދެ ދާއިރާއަކުން އެއް ފަހަރާ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެއީ މަސްތުވާތަކެތީގެ ސަޕްލައި ނުވަތަ މަސްތުވާތަކެތި މުޖުތަމައު ތެރޭގައި ލިބެން ހުންނަ ހުރުން މަދުކުރުމާއި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރުމަށް ނުވަތަ ރިހެބިލިޓޭޓް ކުރުމަށް މަސައްކަތް ކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ސަޕްލައި ދަށްކުރުމަށްޓަކައި، މިދިޔަ އަހަރު 212 އޮޕަރޭޝަނެއް ހިންގާފައިވާނެ ކަމަށާއި މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ހާއްސަކޮށްގެން "އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި އޮޕަރޭޝަނެއް މުޅި ރާއްޖޭގައި ފަށައިގެން ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި އޮޕަރޭޝަން ފެށީ އެއްފަހަރާ 500 ފުލުހުން ބޭނުންކޮށްގެން މުޅި ރާއްޖޭގައި 100 ތަނެއް ބަލައިފާސްކުރުމުގެ ހާއްސަ މަސައްކަތަކުން. މި މަސައްކަތް މިހާރުވެސް ކުރިއަށް ދާއިރު، މިހާތަނަށް 204 ތަނެއް ބަލައި ފާސްކޮށް، 271 ފަރާތެއް ބަންދުކޮށް، 120 މައްސަލަ ބަލާ ތަހުގީގު ކޮށް، 37 ފަރާތަކަށް ދައުވާ ކުރުމަށްވާނީ ފޮނުވާފައި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ހުރިހާ އޮޕަރޭޝަންތަކެއްގެ ނަތީޖާއެއްގެ ގޮތުން، މަސްތުވާތަކެތީގެ އެކި ބާވާތްތަކުން ޖުމްލަ 712.72 ކިލޯ ގްރާމްގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް މިދިޔަ އަހަރު ގެނެސްފައިވާނެ ކަމަށާއި މީގެ އިތުރުން 7245 ބަނގުރާފުޅި/ ދަޅު އަތުލެވިފައިވާ ކަމަށެވެ. މި ތަކެއްޗަކީ މަގުމަތީގެ އަގުން ބަލާނަމަ އެއް ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތައް ދެނެގަނެ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކުތައް ހުއްޓުވުމަށްޓަކައި އެ ފަދަ ނެޓްވޯކްތަކަށް ސީދާ ޓާގެޓުކޮށްގެން ހާއްސަ އޮޕަރޭޝަންތައް ހިންގަން ފަށާފައިވާ ކަމަށެވެ.

"އެގޮތުން އެކި ސިޓީތަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތަކަށް އަމާޒުކޮށް އޮޕްރޭޝަންތައް ވަނީ ހިންގިފައި. މި ނެޓްވޯކްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި އެ މީހުންގެ ދަށުން އިސްކޮށް މަސައްކަތްކުރާ ފަރާތްތައް ހައްޔަރުކުރެވި، އެ މީހުންގެ މައްސަލަތައް މިހާރު އެ ދަނީ ތަހުގީގުކުރެވެމުން. އިރާދަކުރެއްވިއްޔާ މި އަހަރު މި އޮޕަރޭޝަން މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކޮށް ކުރިއަށްގެންދާން." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ 17 ނޮވެމްބަރ 2023 އިން ފެށިގެން މިހާތަނަށް 1366 ކިލޯގްރާމް ގެ މަސްތުވާ ތަކެތި އަދި 14،825 ބަނގުރާފުޅި އަތުލައިގެންފައިވާ ކަމަށާއި އެއީ މަގުމަތީގެ އަގުން ނަމަ 2.3 ބިލިއަން ރުފިޔާގެ ތަކެތި ކަމަށެވެ. އަދި މިއީ ވޭތުވެދިޔަ ތިން ދައުރުގައިވެސް ފުރަތަމަ ދެ އަހަރު އަތުލެވުނު އެންމެ ގިނަ މަސްތުވާތަކެތި އަތުލެވުނު ދެ އަހަރު ކަމަށްވެސް ވިދާޅުވިއެވެ.