ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް މާދަމާ ފައްޓަވާ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފުގެ އިތުރުން ގައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީއާއެކު ރަސްމީ ބައްދަލުވުންތައް ބާއްވާނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ޕާކިސްތާންގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރައީސް މުއިއްޒު ކުރައްވާ މި ފުރަމާނަ ދަތުރުފުޅުގައި "ޕާކިސްތާން-މޯލްޑިވްސް ބިޒްނަސް ފޯރަމް" ގެ ނަމުގައި ފޯރަމެއް ބާއްވާނެ ކަމަށާއި އެ ފޯރަމަކީ، ދެ ގައުމުގެ ވިޔަފާރިވެރިންނާއި އިންވެސްޓްމަންޓު ފުރުސަތުތައް ފަހިކޮށްދޭން ބާއްވާ ފޯރަމެއް ކަމަށެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) "ވަން" އަށް މިއަދު ވިދާޅުވީ، އެ ފޯރަމްގައި އެ ގައުމުގެ އެކި ދާއިރާތަކުން 300 ބައިވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ ރައީސްގެ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ވެރިންނާއެކު ރަސްމީ ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ.

މީގެ އިތުރުން އެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށްވެސް ޕާކިސްތާނު ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އޭގެ ތެރޭގައި، ވިޔަފާރި އާއި އިންވެސްޓްމެންޓް، ސިއްހަތު، ތައުލީމު، ކްލައިމެޓް ޗޭންޖް، ޓޫރިޒަމް، ސިވިލްއޭވިއޭޝަން، ދިފާއީ އަދި އަސްކަރީ ދާއިރާ ހިމެނެއެވެ.

ޕާކިސްތާނުގެ "ސަމާ ނިއުސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ދަތުރުފުޅުގައި 12 ވަރަކަށް އެއްބަސްވުމުގައި ޕާކިސްތާނާއި ރާއްޖެއިން ސޮއިކުރާނެއެވެ.

އެންމެ ފަހުން ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ވަޑައިގަތީ މީގެ 11 އަހަރު ކުރިން 2015 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ.