ގޯލްޑަން ފުޓްސަލް ޗެލެންޖްގެ 10 ވަނަ އެޑިޝަނާ ހަމައަށް އައި އިރު، މުބާރާތުން ހޯދި ކުރިއެރުންތައް ވަރަށް ރަނގަޅަށް ހަނދާނުގައި އެބަ ހުރި ކަމަށާއި، މުބާރާތުން ލިބޭ ނަފާ އިތުރު ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް، ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފުޓްސަލްއާއި ފުޓުބޯޅައަށްވެސް ޝައުގުވެރިކަން ބޮޑު ކުރީގެ ނައިބު ރައީސް ފައިސަލް ވަނީ މުބާރާތުގެ ޒޯން ތިނެއްގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވަން ވަޑައިގެންފައެވެ. އެމެޗަށްފަހު ފައިސަލް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، ގޯލްޑަންއަކީ މުހިއްމު މުބާރާތެއް ކަމަށާއި، މުބާރާތުގައި 300 އަށްވުރެ ގިނަ މެޗު ކުޅެވިގެންދާ އިރު، މުޅި ރާއްޖޭގެ ބައިވެރިވުން ފެނިގެންދާ ކަމަށެވެ.
"ތިން ސަތޭކައެއްހާ މެޗު މި ކުޅެވިގެން ދަނީ. މިއީ ވަރަށް ގިނަ ބައެއްގެ ޝާމިލުވުން. ގިނަ ބަޔަކު އެއް ތަނަކަށް މި ގެނެސްދެނީ. އޭގެ ސަބަބުން އެކަކު އަނެކަކަށް ދަސްވެ، ތައާރަފުވެ، އިޖުތިމާއީ ގުޅުން ވަރުގަދަ ވެގެން އެބަދޭ،" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ރާއްޖޭން ސަރަހައްދީ ފުޓްސަލްގެ ރަސްކަން ހޯދުމުގައި މި މުބާރާތުގެ ދައުރު ބޮޑުވިހެން، އެ ކާމިޔާބީއާއި މަގާމު ދަމަހައްޓަން މުބާރާތް އެހީތެރިވެދޭނެ ކަމަށެވެ.
"ދާދިފަހުން ދެކުނު އޭޝިއާ ސަރަހައްދުން ރާއްޖެއަށް ރަން މެޑަލް ލިބިގެން މިދިޔައީ. ސަރަހައްދީ ފުޓްސަލްގެ ޗެމްޕިއަންކަން ލިބިގެން މިދިޔައީ. އަޅުގަނޑަށް ހީވަނީ ރާއްޖޭގެ ފުޓްސަލް ވަރަށް ބާރަށް ކުރިއަށް އެބަދޭހެން. މިފަދަ މުބާރާތެއް ބޭއްވިގެން ދިޔުމަކީ މި ކުޅިވަރު ރާއްޖޭގައި އިތުރަށް ކުރިއަރުވަން ލިބިގެންދާ ފުރުސަތެއް. ޒުވާނުންނަށް މި ލިބެނީ ތަފާތު ބޮޑު ފުރުސަތެއް. ރާއްޖެއަށް މި ލިބިގެން ދިޔަ ރަން ވަނަ ދެމެހެއްޓުމަށާއި، މިއަށްވުރެ ކުރިއަށް ދާން މުބާރާތުގެ މުހިއްމުކަން ބޮޑު،" ކުރީގެ ނައިބު ރައީސް ވިދާޅުވިއެވެ.
ފުރަތަމަ މުބާރާތުގެ ހަނދާންތައް، ފާހަގަކުރެއްވީ ހޯދި ކާމިޔާބީ
"އަޅުގަނޑު ދިޔައިން ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފުރަތަމަ މުބާރާތް، 2015 ވަނަ އަހަރު ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި. ރިލުވާން މޫސާއާއެކު މި ކުރި މަސައްކަތުގައި 10 އަހަރު ކުރިއާ މިހާރުގެ ތަފާތު ވަރަށް ބޮޑަށް ފެނިގެން އެބަދޭ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ރިލުވާން މި މަސައްކަތް ފެއްޓެވީ އަމިއްލަ ރަށް ބިލެތްދޫގައި. އެއަށްފަހު މާލޭގައި މުޅި ރާއްޖެ އެއްތަނަކަށް ގެނެސް، ކުޅިވަރުގެ ކުރިއެރުމަށް މަގުސަދު ހާސިލްކުރަމުންދާތަން މި ފެންނަނީ،" ފައިސަލް މުބަރާތުގެ ތަޖުރިބާއިން ހިއްސާ ކުރެއްވިއެވެ.
ފައިސަލް އިތުރަށް އަލިއަޅުވާލެއްވީ މުބާރާތަށް ހިނގާ މާލީ ހަރަދުތަކުގެ ވާހަކައަށެވެ. އެގޮތުން ތިން މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން ހިންގޭ މުބާރާތެއް 10 އަހަރު ބާއްވަމުން އައި ޖަމިއްޔާއަށް މާލީ ގޮތުން ބުރަ ކުޑަކުރެވޭނެ ގޮތެއް އޮތުން މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ.
"ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާ ހަރަދުކޮށްގެން، ވަރަށް ބޮޑު މަސައްކަތެއް މިކުރަނީ. އަޅުގަނޑު ގަބޫލުކުރަނީ ގައުމީ މަސައްކަތެއްގެ ގޮތުގައި. ދެމެހެއްޓެނި ގޮތެއްގައި މިކަން ކުރުމަށްޓަކައި ސަރުކާރުންވެސް މަސައްކަތްތަކެއް ކުރަން ޖެހޭނެ. އަމިއްލަ ފަރުދަކު، ޖަމިއްޔާއެއް އުފައްދައިގެން މިކަން ކުރާ އިރު، މިކަމުގައި ބައިވެރިވާ ކޮންމެ ޓީމަކުންވެސް އެތައް ލައްކައެއް ހަރަދުކުރޭ. މިލިއަނުން އިންތިޒާމުތަކަށް ހަރަދުކުރާ އިރު، މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ގޮތެއް ހޯދަން ޖެހޭ. މި މުބާރާތުގެ ހަރަދު ލުއިވާނެ ގޮތެއް ހޯދެން ޖެހޭ. 10 ވަރަކަށް އަހަރު މިކަން ކުރި ބަޔަކަށް ދަނޑުތަކެއް ތައްޔާރުކުރެވޭނެ ގޮތެއް ހަމަޖައްސައި، ޓިކެޓް ވިއްކޭނެ ގޮތެއް ހޯދުން ވަރަށް މުހިއްމު،" ފައިސަލް ވިދާޅުވިއެވެ.
ކުރީގެ ނައިބު ރައީސް ފާހަގަކުރެއްވީ ކުޅިވަރަކީ ޒުވާނުންނަށް މުހިއްމު އެއްޗެއް ކަމަށާއި، ކުޅިވަރަށް ލުއި ގޮތްގޮތް ހޯދައި ދިނުމަށް އަބަދުވެސް ސަރުކާރުތަކުން މަސައްކަތް ކުރަން ވާނެ ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް