ގައުމީ ފުޓްސަލް ޓީމާއެކު ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށްފަހު ޓީމާ ގުޅެން ޖެހުނު ނަމަވެސް، އެއީ މާ ބޮޑު ޗެލެންޖެއް ނޫން ކަމަށް ވިލިމާލޭގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަލީ ޝިޔާހް (ޝިިޔާ) ބުނެފިއެވެ.
ވިލިމާލޭން މިފަހަރުވެސް ޒޯން އަށެއްގެ ތަށި ހޯދާފައިވާ އިރު، އެޓީމުން ޒޯން ފައިނަލުގައި ވާދަކުރީ މައްޗަންގޮޅިއާ ދެކޮޅަށެވެ. ޗެމްޕިއަންކަމާއެކު ވިލިމާލެއިން މިދިޔަ އަހަރުގެ ކާމިޔާބީ ތަކުރާރުކުރުމަށް މަސައްކަތް ކުރަމުން އަންނަ އިރު، އެޓީމަށް ލިބުނު އެންމެ ބޮޑު ހިތްވަރަކަށް ވާނީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ޝިޔާހް، ގައުމީ ޓީމުގެ ކާމިޔާބީއަށްފަހު އެނބުރި ޓީމާ ގުޅުމެވެ.
ޓީމަށް ޝިޔާހުގެ މުހިއްމުކަން އޭނާ ޒޯން ބުރުގައިވެސް ދައްކައިދިނެވެ. ޒޯން އަށެއްގެ މޮޅު ކުޅުންތެރިޔަކީ އޭނާއެވެ.
ޒޯން ފައިނަލަށްފަހު ޝިޔާހް "ވަން ސްޕޯޓްސް"އަށް ބުނީ ޒޯން ނެގުމަކީ ހިތްވަރެއް ކަމަށާއި، ޓީމަށް ފިޓްވާން އުނދަގޫތަކެއް ދިމާ ނުވާ ކަމަށެވެ.
"ޒޯން ލިބުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް. އެއީ އެހާ ރަނގަޅަކަށް ނޫން ފެށިގެން ދިޔައީވެސް. އެހެންވީމަ މިއީ ޓީމަށް ވަރަށް ރަނގަޅު ކާމިޔާބީއެއް. ޓީމަށް ހޭނެން އުނދަގޫކަމެއް އެބަހުރި. އެކަމަކު އެއްކޮށް މަސައްކަތް ކޮށްލީމަ ފިޓްވާނެ. އެއީ މިއީ އަބަދުވެސް އެއްކޮށް ކުޅޭ ކުޅުންތެރިން،" ޝިޔާހް ބުންޏެވެ.
ވިލިމާލެއިން މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައިވާ އިރު، އެޓީމު ކެޓީ ޗެމްޕިއަން ކ. ކާށިދޫ ކައިރިންނެވެ. ޝިޔާ ބުނީ އެ ކާމިޔާބީއާ ހަމައަށް ގޮސް، ތަށްޓާ ހަމައަށް ދާން ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
" ކުރީގެ ކާމިޔާބީއާ ހަމައަށް ދާން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. މެޗަކަށްފަހު މެޗެއް ނަގަން އިރާދަކުރެއްވިޔާ މަސައްކަތް ކުރާނީ. މިއީ މިވަގުތު ކެރިއަރުގައި އެންމެ ބޭނުން އެއް ތަށި،" ޝިޔާހް ފާހަގަކުރިއެވެ.
ވިލިމާލެއިން މާދަމާ ރޭ ގަދަ 16 ގައި ނުކުންނާނީ ގާފަރާ ދެކޮޅަށެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް