ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 އަށް މިފަހަރު މަތިވެރިން ނުކުތީ ޗެލެންޖެއް ނަގައިގެން، މުޅި ގޭމް ބަދަލުކުރަން ކަމަށާއި، އެ ޗެލެންޖް ނެގީ ބަދަލަކާއެކު ނޫނީ މުބަރާތުގެ ތަށި ނެގެން ނެތުމުން ކަމަށް ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އިސްމާއިލް ނަސީމް (ބޯވަ) ބުނެފިއެވެ.
މިދިޔަ ދެ އަހަރުވެސް މުބާރާތުގެ ގަދަ 16 ފަހަނައަޅައި ކުއާޓާ ފައިނަލްގައި ކުޅެފައިވާ މަތިވެރިއަށް މިއީ މުޅިން އާ ޗެލެންޖަކާއެކު މުބާރާތަށް ނުކުތް ފަހަރެކެވެ. ކޯޗު އަހުމަދު ތޯހާ ކުރިންވެސް ފާހަގަކުރިހެން މަތިވެރިން މިފަހަރު ނުކުތީ ކުޅުމަށް ބަދަލުތަކެއް ގެނެސްގެންނެވެ. ވަކި ހުނަރުވެރި ކުޅުންތެރިންނަށް ބަރޯސާވުމުގެ ބަދަލުގައި އެޓީމުން ވިސްނުން ގެންގުޅުނީ ޓެކްޓިކަލް ގޭމަކަށް ގޭމް ބަދަލުކުރުމަށެވެ.
ތޯހާ ކޯޗުގެ އެ ވާހަކަތަކާ ގުޅިގެން ބޯވަވެސް "ވަން ސްޕޯޓްސް"އަށް ވާހަކަ ދައްކާފައިވާ އިރު، އޭނާ ބުނީ އެއީ ނެގި ޗެލެންޖެއް ނަމަވެސް، ކުޅުންތެރިންގެ ހިތްވަރާއެކު އެ ގޭމަށް ހޭނެމުން އަންނަ ކަމަށެވެ.
"ވަރަށް ރަނގަޅު އިރާދަކުރެއްވިއްޔާ. މިކަމަށް ކުޅުންތެރިންވެސް ވަރަށް ބުރަކޮށް މަސައްކަތްކުރި، ތަފާތު ޓެކްޓިކަލް ގޭމެއް މިހާރު މިކުޅެނީ. ކުޅުންތެރިން އެ ކުޅުންތެރިއެއްގެ އެންމެ ބެސްޓް ދައްކަމުން އެދަނީ. މިހާރު ޓީމް ގޭމަކަށް މުޅި ގޭމް ބަދަލުކުރެވެމުން މިދަނީ. ދެން މަޑުމަޑުން އެކަމަށް ހޭނެމުން މިދަނީ،" ބޯވަ ބުންޏެވެ.
މަތިވެރިން އަތޮޅު ތަށްޓާއި ޒޯން ތަށިވެސް ހޯދާފައިވާ އިރު، ބޯވަ ފާހަގަކުރީ މަތިވެރިން ނެގި ޗެލެންޖްގެ ބޮޑު ކަމާއި އެޗެލެންޖްގެ މުހިއްމު ކަމެވެ.
"މިއީ ވަރަށް ވަރަށް ބޮޑު ޗެލެންޖެއް. ފުރަތަމަކޮޅުގައި ގެޓް ނުވެގެން ވަރަށް ގިނަ ކަންތައްތައް ދިޔަ. ދެން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކާ ވާހަކަ ދައްކައިގެން، އަދި ކޯޗާވެސް ވާހަކަ ދައްކައިގެން ކަންކަން ރަނގަޅު ކުރަމުން މިދިޔައީ. މިކުޅޭ ގޭމްގައި ކޮންމެ ކުޅުންތެރިއަކަށްވެސް މި އޮންނަ ޓާސްކް މިއީ ބޮޑު އެއްޗަކީ. ބޯޅަ ނޯންނަ ގަޑީގައިވެސް ތިންވަނަ މީހާއާއި ހަތަރު ވަނަ މީހާ ކުރަން ޖެހޭ މަސައްކަތް ވަރަށް ބޮޑު. އެކަމަކު މިހާރު އެއަށް ކުޅުންތެރިން ހޭނެމުން މިދަނީ،" ބޯވަ ބުންޏެވެ.
ބޯވަ އިތުރަށް ބުނީ ގޭމް ބަދަލު ނުކޮށް، މުބާރާތް ނެގޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
"މިޗޭންޖް، ޓީމް ޓެކްޓިކަލް ފުޓްސަލްއަކަށް ބަދަލު ނުކޮށް، ގޯލްޑަން ފުޓްސަލް ޗެލެންޖް ނެގޭނެ ކަމަކަށް ގަބޫލެއް ނުކުރަން. އެއީ ޓެކްނިކަލް ގޭމެއްގައި އަންނަ ހާލަތްތަކުގައި ދިމާވާ ކަންތައްތައް އެންމެންނަށްވެސް ކުރަން އެނގިގެން މިކަން ކުރެވޭނީ. ތަށި ބޭނުންވެއްޖެއްޔާ މިކަން ކުރަން ޖެހޭނެ. އިތުރު ގޮތެއް ނޯންނާނެ،" އޭނާ ބުންޏެވެ.
ބޯވަ ފާހަގަކުރީ ކޮންމެ ޓީމެއްގައިވެސް ތިބޭ އިންޑިވިޖުއަލް ކުޅުންތެރިންނަށް އިދިކޮޅު ޓީމުން ފޯކަސްކޮށް، އެ ކުޅުންތެރިޔާ ހުއްޓުވާނެ ކަމަށާއި، އިންޑިވިޖުއަލް ހުނަރަށް ބަރޯސާވުން ކުޑަކޮށް، ޓީމު ގޭމަކަށް ދާން ޖެހޭ ސަބަބަކީ އެއީ ކަމަށެވެ.
އޭގެ އިތުރުން ބޯވަ ބުނީ ގޭމް ބަދަލުކުރަން ކުޅުންތެރިން ކުރި ބުރަ މަސައްކަތް ފާހަގަކުރާ ކަމަށެވެ.
"ވަރަށް ވަރަށް މަސައްކަތް މިއީ. މި ގޭމަށް ޗޭންޖްވާން ޒުވާން ކުޅުންތެރިންވެސް ވަރަށް ބުރަކޮށް މަސައްކަތް ކޮށްފި. ކޯޗު ބުނި ގޮތަށް މަސައްކަތް ކުރަމުން މިއައީ. އުނދަގުލާވެސް އެކު އެކަން ކުރީ. އެކަމަކުވެސް މިހާ ހިސާބަށް އައިއިރު މިދަނީ އޭގެ ފައިދާ މަޑުމަޑުން ފެންނަމުން،" ބޯވަ ބުންޏެވެ.
އެއާއެކު ބޯވަ ވަނީ މީގެ ކުރިން ޓީމަށް ކޯޗުކޮށްދިން ކޯޗުންނަށްވެސް ޝުކުރު އަދާކޮށްފައެވެ.
"ކުރީގެ ކޯޗުންނަށް މި ޓީމުގެ ނަމުގައާއި އަމިއްލަ ނަމުގައިވެސް ޝުކުރު އަދާކުރަން ބޭނުން. އައްސަދު ކޯޗުގެ އިތުރުން ދެން މިދިޔަ ދެ އަހަރު މަސައްކަތް ކުރި ނައުފަލް ކޯޗު. ނައުފަލް ކޯޗަކީ ޒުވާން ކުޅުންތެރިން ނެރުމުގެ އިތުރުން މި ހޯދާ ކާމިޔާބީތަކުގައިވެސް މުހިއްމު ރޯލެއް އަދާކުރި ކޯޗެއް. ދެން މިހާރުގެ ކޯޗު، ތޯހާ ކޯޗުވެސް އުންމީދު ކަނޑާނުލައި، އިތުބާރު ދީގެން މި މަސައްކަތް ކުރަނީ. އުނދަގޫވެސް މަސައްކަތެއް،" ބޯވަ ބުންޏެވެ.
އޭގެ އިތުރުން އޭނާ ވަނީ މަތިވެރީގެ ސަޕޯޓަރުން ކުރާ މަސައްކަތަށްވެސް ވަރަށް ބޮޑަށް ސާބަސް ދީފައެވެ. މަތިވެރިން ގަދަ 16 ގައި ނުކުންނަން ޖެހޭނީ ލ. އަތޮޅުގެ ޗެމްޕިއަން އިސްދޫއާ ދެކޮޅަށެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް