ސައުދީ އަރަބިއާގެ އަލް އިއްތިހާދަށް ކުޅެމުންދިޔަ ފްރާންސްގެ ކަރިމް ބެންޒެމާ، އެ ކްލަބު ދޫކޮށް، އަލް ހިލާލަށް ސޮއިކޮށްފިއެވެ.
އިއްތިހާދުން އެންމެފަހުން ލީގުގައި ކުޅުނު ދެމެޗުގައިވެސް ބެންޒެމާ ފެނިފައި ނުވާ އިރު، އޭނާ ވަނީ އެ ކްލަބުން ހުށަހެޅި އާ އެއްބަސްވުން އާކުރަން ދެކޮޅު ހަދައިފައެވެ. ހަބަރުތައް ބުނާގޮތުގައި، އެ އެއްބަސްވުން އާކުރަން ދެކޮޅު ހެދި ހިސާބުން ހިލާލުން ބެންޒެމާއާ ވާހަކަ ދައްކާފައިވާ ކަމަށެވެ.
ހިލާލުން ނެރުނު ބަޔާނެއްގައި ބުނީ އެ ކްލަބުން ބެންޒެމާގެ ސޮއި ހޯދީ ހިލޭ ޓްރާންސްފާއެއްގައި ކަމަށެވެ. ކްލަބާއެކު ބެންޒެމާ ހަދާފައިވާ އެއްބަސްވުމަކީ އެއް އަހަރާ ބައިގެ މުއްދަތަކަށް ހަދާފައިވާ އެއްބަސްވުމެއް ކަމަށްވެސް ހިލާލުން ބުންޏެވެ.
ބެންޒެމާ ވަނީ އިއްތިހާދާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ. އެގޮތުން އޭނާ ވަނީ ވަނީ މިދިޔަ ސީޒަނުގައި އެ ކްލަބާއެކު ލީގާއި ކިންގްސް ކަޕްވެސް ކާމިޔާބު ކޮށްފައެވެ. އެއީ އިއްތިހާދުގެ ތާރީހުގައިވެސް އެއް ސީޒަނެއްގައި ޑޮމެސްޓިކް ދެ ތަށި ހޯދި ފުރަތަމަ ފަހަރެވެ.
ކްލަބު ދޫކޮށްލުމަށްފަހު ބެންޒެމާ ޓުވިޓާގައި ބުނީ އިއްތިހާދާއެކު ހޭދަކުރި ދުވަސްތަކަކީ އާދަޔާހިލާފު ރަނގަޅު ތަޖުރިބާކަތެއް ކުރެވުނު ދުވަސްތަކެއް ކަމަށެވެ.
ބެންޒެމާ، 14 އަހަރު ދުވަހު ރެއާލް މެޑްރިޑްގައި ހޭދަކުރުމަށް އެ ކްލަބު ދޫކޮށް ސައުދީ އަރަބިއާގެ އިއްތިހާދާ ގުޅުނީ 2023 ވަނަ އަހަރުއެވެ. އުމުރުން 38 އަހަރުގެ ބެންޒެމާ ވަނީ އިއްތިހާދަށް ކުޅުނު 21 މެޗުން 16 ގޯލް ޖަހައިދީފައެވެ.
ބެންޒެމާ ގުޅުނު ހިލާލަކީ މިވަގުތު ސައުދީ ލީގުގެ އެއްވަނައިގައި އޮތް ޓީމެވެ.
މުޙައްމަދު ޝަމްޢޫން
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް