ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރަން ބާއްވާ ރިޔާސީ އިންތިހާބާ އެކު، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަން ގާނޫނު އަސީސާއަށް އިސްލާހު ގެންނަން ހުށަހެޅި ބިލާ ބެހޭގޮތުން، ސިޔާސީ ޕާޓީތަކާ ބައްދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުން އިދިކޮޅު އެމްޑީޕީ ވަކިވެއްޖެއެވެ.

ސިޔާސީ ޕާޓީތަކާއެކު މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ އިސްލާހާބެހޭގޮތުން ވާހަކަ ދައްކަން އެންމެ ފުރަތަމަ ފުރުސަތު ދިނީ ވެރިކަން ހިންގާ ޕީއެންސީއަށެވެ.

ޕީއެންސީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި، ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމަކީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމެއް ކަމަށެވެ.

ޕީއެންސީގެ ވިސްނުމާއި ރައީސް ޑރ. މުއިއްޒުގެ ވިސްނުންފުޅަކީ، ހަރަދު ކުޑަކުރުމާއި އިގްތިސާދު ކުރުމުގައި ގައުމުގެ ހާލަތަށް ވިސްނާއިރު ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުން ކަމަށެވެ. މިހާރު ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ ބަދަލުތައް ގެނެސްފިނަމަ އެކަންކަން ކާމިޔާބު ވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކެވި، ތުޅާދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ހިސާން ހުސެއިން ވިދާޅުވީ، ގާނޫނުއަސާސީއަށް މިހާ ބޮޑު އިސްލާހެއް އަވަސް އަރުވާލައިގެން ގެންނަނީ ކީއްވެގެންކަމެއް ނުވިސްނޭ ކަމަށެވެ.

"މަޖިލިސް ރިސެސްގަ އޮއްވައި ކުއްލިއަކަށް މިގޮތަށް އެއްވެލައިގެން ގާނޫނުއަސާސީއަށް މިކަހަލަ ބޮޑު، އަދި މުޅި ރައްޔިތުންނާއި މުޅި ގައުމުގެ ވެރިކަމުގެ ނިޒާމާ ގުޅިފައިވާ ކަމަކަށް ބަދަލު ގެންނާން މަޝްވަރާކޮށް، ލޯކަލް ކައުންސިލްގެ އިންތިހާބުގެ ތެރެއަށް މި ރެފަރެންޑަމް ލައިގެން ކުރިއަށް ގެންދާން ޖެހޭ ސަބަބެއް އޮތްކަމަކަށް ގަބޫލެއް ނުކުރެވޭ، މިގޮތަށް އަމަލު ކުރުމުގެ ނަތީޖާއަކީ ހަގީގަތުގައި ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ)ގައި ބުނާ ބަދަލު ގެނައުމަށް ރައްޔިތުންގެ ކައިރިއަށް ގެންދާންޖެހޭ ޒާތުގެ ކަންތައްތަކަށް ރައްޔިތުންނަށް އިންފޯމްޑް ޑިޒިޝަނެއް ނެގުމުގެ ފުރުސަތު ނުދިނުން،" ހިސާން ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ)ގައި ބުނަނީ ގާނޫނުއަސާސީގެ އަންނަނިވި މާއްދާތަކަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެއްވެސް ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރާން ވާނީ އެއިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލުހޯދުމުގެ އާންމު ވޯޓެއްގައ،ި އެ އިސްލާހެއް ގެނައުމަށް ވޯޓުދިން މީހުންގެ އަގުލަބިއްޔަތު ލިބިއްޖެ ނަމަ ކަމަށެވެ. އެ އިސްލާހެއް ގެނައުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓު ދިން މީހުންގެ އަގުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާތިލުވީ ކަމަށްވެސް ބުނެފައިވެއެވެ.

ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ ރައްޔިތުން ބޭނުންވާ ކަމެއްކަމަށް ޕީއެންސީގެ ފަރާތުން މިނިސްޓަރު ޝަރީފް ވިދާޅުވުމުން ރައްދު ދެއްވައި ހިސާން ވިދާޅުވީ، އެއީ ރައްޔިތުން ބޭނުންވާ ކަމެއްކަމަށް އެ ކޮމިޓީގައި ތިބެގެން ނުނިންމޭނެ ކަމަށެވެ.

"ގާނޫނުއަސާސީ ބުނަނީ އަޅުގަނޑުމެން ގޮސް ރައްޔިތުން ގާތު އަހަން އެބަޖެހެއޭ މިއީ ރައްޔިތުން ބޭނުންވާ ގޮތްތޯ، އެ ފުރުސަތު ރައްޔިތުންނަށް ލިބިދޭން މި ޖެހެނީ މި އިސްލާހާ ގުޅޭ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް އަރުވާފަ، އެހެންވީމާ އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި މި ގޮތަށް އަވަސް އަރުވާލައިގެން، ކުރުގަޅުވާލައިގެން ގާނޫނުއަސާސީ އިސްލާހު ކުރުމަކީ އަދި ހާއްސަކޮށް ގާނޫނުއަސާސީގެ 262 މާއްދާގެ (ށ) ގައި މި ބުނާ ޒާތުގެ ކަންތައްތައް އިސްލާހު ކުރުމަކީ އެއްގޮތަކަށްވެސް ކުރެވިގެން ވާނެ ކަމެއްނޫން،" ހިސާން ވިދާޅުވިއެވެ.

ނަމަވެސް ހިސާން ވިދާޅުވީ އެކަމުގައި ސިޔާސީ ޕާޓީތައް ބައިވެރި ކުރުވުމުގެ ގޮތުން މަޖިލީހުން އެޅި ފިޔަވަޅުތައް ރަނގަޅުކަން ފާހަގަ ކުރައްވާ ކަމަށެވެ.

"ނަމަވެސް އަޅުގަނޑުމެނަށް އިއްޔެނޫން އިހައްދުވަހު މި ފޮނުވަނީ ނުރަސްމީ ގަޑީގަ ސިޓީ، މިކަމާބެހޭގޮތުން މަޝްވަރާ ކުރަން އަންނަން، އެމްޑީޕީއަކީ ޕާޓީގެ ލީޑަރު ގިނިކަންޏާ ގޮތް ނިންމާ ޕާޓީއެއްނޫން،"

އެމްޑީޕީއަކީ ޕާޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކޮށްގެން މެންބަރުންގެ ހިޔާލު ހޯދައިގެން ގޮތް ނިންމާ ޕާޓީއެއް ކަމަށާއި، ގައުމީ މަސްލަހަތާ ގުޅޭ ބޮޑެތި ކަންކަމުގައި ރަށު ހިންގާ ކޮމިޓީތަކާއި ގައުމީ މަޖިލީހުގައި މަޝްވަރާކޮށް ކަށަވަރު ކުރާން ޖެހޭ ކަަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ކަންކުރި ގޮތުން ޕާޓީތަކާ މަޝވަރާކޮށް ގޮތް ނިންމުމުގެ ފުރުސަތެއްވެސް އަދި ރަނގަޅު މައުލޫމާތު ލިބިގެން އެކަމަށް ގޮތް ނިންމުމުގެ ފުރުސަތު ރައްޔިތުންނަށް ވެސް ލިބިފައި ނުވާކަމަށް ވިދާޅުވެ، ބިލްގެ މި ޕްރޮސެސްގައި ބައިވެރިވުމަށް އުޒުވެރިވާ ކަމަށް ވިދާޅުވެ ބައްދަލުވުން ދޫ ކުރައްވައި ހިސާނު ވަޑައިގެންނެވިއެވެ.