އެޓަލާންޓާއަށް ކުޅެމުން އަންނަ ނައިޖީރިއާގެ ފޯވަޑް، އަޑެމޯލާ ލުކްމަން ގެންދަން އެތުލެޓިކޯ މެޑްރިޑުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

އެ ކްލަބުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ލުކްމަން މިހާރު ހުރީ ސްޕެއިންގައި ކަމަށާއި، މެޑިކަލްއަށްފަހު އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށެވެ. އެ ބަޔާނުގައި ޓްރާންސްފާގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ސްޕެއިންގެ މީޑިއާތަކުން ބުނީ އެތުލެޓިކޯއިން ލުކްމަންގެ ސޮއި ހޯދަން ޓްރާންސްފާ ފީގެ ގޮތުގައި 41 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށެވެ.

ލުކްމަން، 28، ޖަރުމަނުގެ އާރްބީ ލެއިޕްޒިގުން އެޓަލާންޓާއާ ގުޅުނީ 2022 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ލުކްމަން ހޯދަން މީގެ ކުރިން ޔޫރަޕްގެ ބޮޑެތި ބައެއް ކްލަބުތަކުން މަސައްކަތް ކުރިއެވެ. ލުކްމަން ވަނީ އެޓަލާންޓާއަށް 55 ގޯލް ޖަހައިދީފައެވެ.

ލުކްމަން އެންމެ ބޮޑަށް މަގުބޫލުވެގެން ދިޔައީ ބަޔާން ލެވަކޫސަންއިން ސީޒަނުގައި އެއްކޮށް ބަލި ނުވެ އެޓަލާންޓާއާ ދެކޮޅަށް ކުޅުނު ޔޫރޮޕާ ލީގުގެ ފައިނަލްގައެވެ. 2024 ވަނަ އަހަރު ޔޫރޮޕާ ލީގުގެ ފައިނަލުގައި އެޓަލާންޓާއިން ލެވަކޫސަން ބަލިކުރީ ލުކްމަންގެ ހެޓްރިކުންނެވެ. އެމެޗަށް ލެވަކޫސަން ނުކުތީ 51 މެޗުން ބަލިނުވެ އޮވެއެވެ.