އިދިކޮޅު އެމްޑީޕީން ކައުންސިލުތަކަށް ވާދަކުރަނީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓާލަން ކަމަށާއި އެމްޑީޕީއަށް ވޯޓުދިނުމަކީ ކުރާނެ އެންމެ ބޮޑު މޮޔަ ކަންތައް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި ލޯކަލް ކައުންސިލު އިންތުހާބުގައި ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ މެދުހެންވޭރު ކެމްޕޭން އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ މި ސަރުކާރުން ވަނީ މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހައުސިން އާއި ތަރައްގީގެ އެތައް މަޝްރޫއެއް ފަށާފައި ކަމަށެވެ.
"އެ މަޝްރޫއުތައް ހުއްޓާލަން، އެ ހިދުމަތްތައް ރައްޔިތުންނަށް ދިނުމަށް ދެކޮޅު ހެދުމުގެ ނިޔަތުގައި ނޫނީ ހަގީގަތުގައި އެމްޑީޕީގެ ބޭފުޅަކަށް ކައުންސިލަށް ވެއްދުމަކީ ރައްޔިތުން ކުރާނެ އެންމެ ބޮޑު މޮޔަ. އަޅުގަނޑު ދަންނަވާލަން ބޭނުން ތަކުރާރުކޮށް، އޭގެ ތެރޭގައި ރަނގަޅު ވިސްނުމުގެ ބޭފުޅުން ތިބޭނެ. އެހެންނަމަވެސް އެއީ އެބޭފުޅުންގެ ތެރެއިން ކުރިމަތިލީ އަދަދުތަކަށް ބަލާއިރު، އެ ވެދާނެ ދިހަ ޕަސަންޓު ކަމަށް. އޭގެ ބޮޑު ބަޔަކީ ދެކޮޅު ހަދާނެ ބައެއް،" އޭނާ ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީން ކެމްޕޭން ތެރޭގައި ދައްކާ ވާހަކަތައް ވަރަށް ކަނުލާ އަޑުއަހަން ވާނެ ކަމަށާއި ތިމަންނަމެން އިންތިހާބުކުރުމަށް މި އެދެނީ ސަރުކާރު ޒިންމާދާރުކުރުވުމަށްޓަކައޭ ބުނަމުންދިއުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ތަފްސީލުކޮށް އެ ވާހަކަ ސާފުކޮށްދެއްވާފައިވާ ކަމަށެވެ.
"އެއީ ހަގީގަތުގައި އަޅުގަނޑުމެންނަށް އޮޅުންނުފިލާ އޮތް ވާހަކައެއް. މިހާރު އެކަން އޮޅުންފިލައިފި އިދިކޮޅު ލީޑަރުންނަށް ވެސް. ކައުންސިލުތަކަކީ ސަރުކާރު ޒިންމާދާރުކުރުވަން އިންތިހާބުކުރާ ބައެއް ނޫން. ދިވެހިރާއްޖޭގައި މި ހިނގާ ވެރިކަމުގެ ނިޒާމު، 2008 ވަނަ އަހަރު މި ފާސްކުރެވުނު ގާނޫނުއަސާސީގެ ދަށުން ތިން ބާރު ވަކިކުރެވިފައި މިވަނީ ވަރަށް ފުރިހަމައަށް،" އޭނާ ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ނަމެއްގައެއް ދެން އިތުރު ބާރެއް، ހަތަރުވަނަ ބާރެއް އުފައްދާކަށް ނުޖެހޭނެ ކަމަށެވެ.
އިބްރާހިމް ފަލާހު
އިބްރާހިމް ފަލާހު