ކ. ތިލަފުށި ވެމްކޯ ސައިޓްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ އަމީން މިއާގެ މަރުގެ ތުހުމަތުގައި ލަންކާ މީހަކު ހައްޔަރުކޮށްފި އެވެ.

ތިލަފުށިން ގެއްލިގެން ހޯދަމުންދިޔަ އަމީން މަރުވެފައި އޮއްވައި ފެނިފައިވަނީ ނިމިދިޔަ މަހުގެ 26 ގައެވެ.

ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުންގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތު މިއަދު މީޑިޔާތަކަށް ހިއްސާކޮށްފައެވެ.

ފުލުހުން ބުނީ ތިލަފުށި ވެމްކޯ ސައިޓްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ އަމީން މިއާ ގެއްލިގެން ހޯދަމުންދަނިކޮށް ނިޔާވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަމީން މިއާ ނިޔާވުމަށް މެދުވެރިވެފައިވަނީ ނިމިދިޔަ މަހުގެ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށްކަމަށެވެ.

"އޭގެ ދަތްގަނޑުން ޖެހި ވެއްޓި، އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ހިނގި ހާދިސާއެއްގައި. އެހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވޭ." ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓްކުރި ފަރާތް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށާއި ހައްޔަރު ކޮށްފައިވަނީ 32 އަހަރުގެ ސްރީލަންކާގެ ރައްޔިތެއް ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން، ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުންދާނެކަމަށް ފުލުހުން ބުންޏެވެ.

ބިދޭސީ މީހާގެ މަރުގެ މައްސަލައާ ގުޅޭ ހަބަރުތައް ގެނެސްދޭއިރު، ރަސްމީ އިދާރާތަކުން ހާމަކުރާ ތަހުގީގީ ހޯދުންތަކަށް އިސްކަންދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އާންމުންގެ މެދުގައި ކުށްހީ އުފެދޭ ފަދަ ނުވަތަ ތަހުގީގަށް ހުރަސްއެޅިދާނެ ފަދަ ގޮތްގޮތަށް މައުލޫމާތު ނުފެތުރުމަށް ފުލުހުން އެދިފައިވެއެވެ.