ޝަރީއަތުގެ މަރުހަލާތައް ނިމި، މަރުގެ އަދަބު ތަންފީޒު ކުރަންޖެހޭ ހާލަތަށް ގޮސްފައިވާ ފަރާތްތަކުގެ އަދަބު ހިފެހެއްޓުމަކީ އިސްލާމީ ދައުލަތެއްގެ ވެރިއަކަށް ލިބިގެންވާ ހައްގެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ގިސޯސް ހިފުމަކީ ނުވަތަ މަރުގެ އަދަބު ތަންފީޒު ކުރުމަކީ އެއްވެސް ސަރުކާރަކުން ތަންފީޒު ކުރަން ބޭނުން ނުވެފައި އޮތް ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ، މިއަދު މަޖިލީހަށް ހުށަހެޅި މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލުގައި އޮންނާނީ ދެ ކަމެއް ކަމަށެވެ. އެއީ ގިސޯސް ހިފުމާއި ޑްރަގް ޓްރެފިކިން މިންގަނޑަށް ފެތޭ ފަރާތްތައް އުސޫލުގައިވާ ގޮތަށް މަރުގެ އަދަބު ދިނުން ކަމަށެވެ.

ރައީސް ވިދާޅުވީ، ގިސޯސް ހިފުމަކީ ފުރާނަތައް ސަލާމަތް ކުރަން މަގުފަހިވާ ސަބަބެއް ކަމަށެވެ.

" ސަބަބަކީ އެކަމުގެ ސަބަބުން ކުށްވެރިން މީހުން މެރުމާއި އެކަކު އަނެކަކަށް އަނިޔާވެރިވުމުން ދުރުހެލި ކުރުވާތީ، މީގެ ސަބަބުން އަމާންކަމާއި ފަރުދީ ރައްކާތެރިކަން ކަށަވަރުވެގެންދޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ގިސޯސް ހިފުން ފަރުޟުކުރައްވައި، ބަގަރާ ސޫރަތުގެ 178 ވަނަ އާޔަތުގައި ވަހީކުރައްވާފައިވާ ބަސްފުޅުގެ މާނަވެސް ވިދާޅުވެފައެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! މަރާލެވޭ މީހުންނާމެދު ގިސޯސް ހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟުކުރައްވައިފީމެވެ."

"އެހެންވީމާ މަރުގެ އަދަބު ތަންފީޒުކުރަން ޖެހޭ ހާލަތަށް ގޮސްފައިވާ ފަރާތްތަކާމެދުގައި ހާކިމާއަށް އިސްލާމީ ދައުލަތެއްގެ ރައީސް ދައުލާއަކަށް އޮންނަ ހައްގެއް ނޫން އެހާ ހިސާބަށް ގޮސްފައި އޮތް ކަމެއް ހިފެހެއްޓުމަކީ. އެހެންވީމާ މި ސަރުކާރުގެ ސިޔާސަތަކީ ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން މަރުގެ އަދަބު ތަންފީޒުކުރުން"، ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރުމާ ދެކޮޅުވާ ފަރާތްތަކެއްވެސް އުޅޭނެކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެ މަނިކުފާނަށް އެއީ މައްސަލައެއް ނޫން ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒުކުރުމުގެ ބިލުގައި، މަރުގެ ހުކުމް ތަންފީޒުކުރާނެ ހާލަތްތަކާއި އެކަން ކުރާނެ ގޮތާއި މަރުގެ އަދަބު ލިބޭ ފަރާތްތަކަށް އޮންނަ ހައްގުތައް ބަޔާންކޮށްފައި ހުންނާނެ ކަމަށެވެ.