އެމެރިކާއިން އެއޮތީ އީރާނުގެ ކައިރިޔަށް ބޮޑު އަރުމާދެއް ޖަމާކޮށްފައެވެ. ނަންހުސްކޮށް އެކިޒާތްޒާތުގެ މަތިންދާބޯޓުތަކާއި އަޑިން ދުއްވާ ސަބްމެރީންތަކާއި މަނަވަރުތަކުގެ މައްޗަށް އެކުލެވޭ އަރުމާދެކެވެ. ބޭނުމަކީ އީރާނަށް ބިރު ދެއްކުމެވެ. އެބޭނުން ހާސިލްކުރެވޭ ހެއްޔެވެ. ހާސިލްކުރެވޭ ކަމުގެ ހިލަމެއް ފެނޭހެއްޔެވެ. ޖަވާބުގައި ދަންނަވަން ޖެހެނީ ނޫނެކޭއެވެ. އީރާނު ބިރެެއް ނުގަނެއެވެ. ހޮރުހޮރަށްވަދެ ފިލާ މަންޒަރެެއް ނުފެނެއެވެ. ފެންނަނީ އެމެރިކާއާ ކުރިމަތިލުމަށްޓަކައި ކުރާންޖެހޭ އެންމެހައި ކަންކަން ކުރަމުންދާ މަންޒަރެވެ. މިދިޔަ އަހަރުގެ ޖޫންމަހު އީރާނާ ދެކޮޅަށް އެމެރިކާއިން އުދުވާން ހިންގި ދުވަސްވަރު ނުކުރާ ވަރަށް ގިނަ ކަންކަން މިހާރު އީރާނުން ކުރަމުންދާތީ އެބަފެނެއެވެ. އޭގެތެރެއިން އެއްކަމަކީ ހޮރުމުޒް ކަނޑުއޮޅިޔާއި އޮމާން ގަލްފުގައި ހަގުރާމައިގެ ތަމްރީނުތަކެއް ހިންގުމެވެ. އެމެރިކާގެ އަރުމާދު އެއޮތީ އޮމާން ގަލްފުގައެވެ. އީރާނުގެ ތަމްރީނުތައް ފެންނަ ހިސާބުގައެވެ.
ހަމަ މިހިސާބުގައި މިހަފުތާގެ އާދީއްތަ ދުވަހު މުޅިން އައު ތަމްރީނުތަކެއް އީރާނުން ފަށާނެއެވެ. އަސްލު ވަޒަނާއި މިސައިލްވެސް ބޭނުންކުރާނެއެވެ. މި ތަމްރީނުތަކުގައި ޗައިނާއާއި ރަޝިޔާގެ ޒަމާނީ މަނަވަރުތައްވެސް ބައިވެރިވާނެއެވެ. މި ތިން ގައުމުގެ ގުޅިފައިވާ ތަމްރީނުތަކެއް ޖެނުއަރީމަހުގެ ކުރީކޮޅުވެސް ހަމަ މިސަރަހައްދުގައި ވަނީ ބާއްވައިފައެވެ. އެ ތަމްރީނުތަކަށް އެއްމަސް ނުވަނީސް އަނެއްކާވެސް އެއަށްވުރެ ވަރުގަދަކޮށް ފުޅާކޮށް އައު ތަމްރީނެެއް ފަށަނީއެވެ. އީރާނުގެ ޑްރޯން ކެރިއަރުތަކާއި އެކިވައްތަރުގެ މަނަވަރުތަކާއި ސަބްމެރީންތައް މާކަނޑަށް ނެރެގެންނެވެ. އެތައް ސަތޭކަ ޑްރޯނެއް އެމެރިކާގެ ފްލީޓް ފެންނަ ހިސާބުގައި އުދުއްސައިގެންނެވެ. މި ތަމްރީނުން ދޭން ބޭނުންވާ މެސެޖު ވަރަށް ސާފެވެ. ކެރެންޏާ ހަމަލަދީބަލާށެވެ. މިތިބީ ބިރުން ހަދާނެގޮތް ހުސްވެގެނަކުން ނޫނެވެ. މިތިބީ ކެރިގެން ކުރިމަތިލާން ތައްޔާރަށެވެ. އެއީ އީރާނުގެ މެސެޖެވެ. މި ތަމްރީނުގައި ޗައިނާއާއި ރަޝިޔާގެ ސީދާ އަދި ނުސީދާ ބައިވެރިވުން އޮތުމުގެ މާނަޔަކީ ކޮބައިހެއްޔެވެ.
އެދެގައުމުންވެސް ދޭން ބޭނުންވަނީ މެސެޖެކެވެ. މެސެޖު ވަރަށް ސާފެވެ. އީރާނު އޮތީ ގިނިކަންޏާ ކަމަށް ހީނުކުރާށެވެ. އަހަރެމެންވެސް އެބަތިބީމެވެ. ކަލޭމެން ހިތުހުރިހާ ކުޅިވަރެއް ކުޅެން ދުލެއް ނުކުރާނަމެވެ. ޗައިނާގެ މަގުސަދު އަދި އެއަށްވުރެވެސް ފުޅަލެވެ. ބުނާ ކަހަލައެވެ. އީރާނަކީ ވެނެޒުއެލާއެއް ނޫނެވެ. މިއީ އަހަރެމެންގެ އައްޑާއެވެ. އީރާނަކީ އަހަރެމެންގެ ހަކަތައިގެ ރައްކާތެރިކަމާއި ކަށަވަރުކަމާ ގުޅިފައިވާ ގައުމެކެވެ. އެހެންވީމާ ކަލޭމެން ބޭނުންހާ އެއްޗެއް ހަދާކަށް އަހަރެމެން ފުރުސަތެއް ނުދޭނަމެވެ. ޗައިނާގެ އެކި ފަންތީގެ ވެރިންވެސް ހަމަފާޅުގައި މިމޭރުމުން ވާހަކަ ދައްކަވާފައިވެއެވެ. އީރާނަކީ ޗައިނާގެ ހަކަތައިގެ ކަށަވަރުކަމާ ގުޅިފައިވާ ގައުމެކޭ އެބުނަނީ ޗައިނާއަށް ބޭނުންވާ ތެޔޮ އެންމެ ގިނައިން ފޯރުކޮށްދޭ ގައުމަކީ އީރާނު ކަމަށްވާތީއެވެ. ކުރިން ވެނެޒުއެލާއަކީވެސް އެ ޕޮޒިޝަނުގައި އޮތް ގައުމެކެވެ. ވެނެޒުއެލާގެ ވެރިކަން އެމެރިކާއިން ފުރޮޅައިލީމާ އީރާނުގެ މުހިންމުކަން ޗައިނާއަށް ކުރިއަަށްވުރެވެސް ބޮޑުވެއްޖެއެވެ.
ފާއިތުވި ތިން ހަފުތާގެ ތެރޭގައި ޗައިނާއިން ވަނީ މިލިޓަރީ ކާގޯގެ އެތައްހާސް ޓަނެއްގެ ތަކެތި އީރާނަށް ވައިގެ މަގުން އުފުލައިފައެވެ. އީރާނުގެ ވައިގެ ދިފާއަށް ބޭނުންވާ ތަކެއްޗެވެ. ކޯސްޓަލް ޑިފެންސް ބެޓެރީތަކާއި އެޔާ ގުޅޭ ރާޑަރުތަކާއި އެނޫންވެސް ސާމާނެވެ. މިދެންނެވި މުއްދަތުގެ ތެރޭގައި ރަޝިޔާއިންވެސް އެތައް ބައިވަރެއް އީރާނަށް އުފުލައިފިއެވެ. ސީރިޔާއަށް ވީގޮތް އީރާނަށް ވާން ރަޝިޔާ ނޭދޭތީއެވެ. އެމެރިކާގެ ސައްތައިން ސައްތަ ކޮންޓްރޯލް އޮންނަ ތަނަކަށް މެދުއިރުމަތި ވިޔަނުދިނުމުގެ ގޮތުންނެވެ. ޗައިނާއާއި ރަޝިޔާގެ އެހީ އީރާނަށް ލިބުމަކީ ބަޔަކު ދެކޭ ހުވަފެނެއް ނޫނެވެ. އެއީ ހަގީގަތެކެވެ. ޗައިނާގެ ވައިގެ ދިފާއީ ނިޒާމުގެ ތޫނުފިލިކަމާއި އިތުބާރު ހުސްވިއަހަރުގެ މެއި މަހު އިންޑިޔާއާއި ޕާކިސްތާނުން ކުރި ހަގުރާމައިގެ ތެރޭގައިވަނީ ފެނިފައެވެ. ހުޅަގުގެ އެންމެ އިތުބާރުކަމަށް ކިޔާ ފަރަންސޭސި ރަފޭލް މަރުކާގެ ޖެޓުތައް ޕާކިސްތާނުގެ ވައިގެ ދިފާއީ އައްޑަނައިގެ ކުރިމަތީގައި ހުވަނދަކަށްވެސް ނުވިއެވެ.
ޕާކިސްތާނުން އެފަހަރު ބޭނުންކުރި ސިސްޓަމް ޗައިނާއިން ވަނީ މިހާރު އީރާނަށްވެސް ދީފައެވެ. އީރާނުގެ އެކި ހިސާބުތަކުގައި އެ ނިޒާމު ވަނީ ގާއިމުކޮށްފައެވެ. އެމެރިކާ އެއޮތީ ދެލޯ މަރާލައިގެނަކުން ނޫނެވެ. އެމެރިކާއަށްވެސް މަންޒަރު އެބަފެނެއެވެ. އީރާނުގެ އައްސޭރިޔަށް އަރުމާދެެއް ޖަމާކޮށްގެން ހަގުރާމައިގެ ބެރުޖަހަމުން އެދަނީ މިކަންކަން ނޭގޭތީއެއް ނޫނެވެ. މެދުއިރުމަތީގައި އެމެރިކާއިން ގާއިމުކޮށްފައިވާ ޒަމާންވީ ބާރު މުށުތެރެއިން ދޫވެގެންދާން ބޭނުންނުވާތީ ގޮތް ދައްކަނީއެވެ. މިހާރު އެބަލަނީ ހަމަލައެއް ނުދީ ހަގުރާމައެއް ނުފަށައި މިކަމުން ބޯދަމައިގަނެވޭނެ ކޮންމެވެސް ގޮތެއް ހޯދުމަށެވެ. އެކަހަލަ ފުރުސަތެއް ވާނީ ލަދެެއްގައި ނުބެދި ސަލާމަތް ވުމުގެ ފުރުސަތަކަށެވެ. އެމެރިކާގެ ޚާރިޖީވަޒީރު މާރކޯ ރޫބިއޯ އެތާގެ ގާނޫނު ހަދާ މަޖިލީހަށް މައުލޫމާތު ދެއްވުމުގެ ތެރޭގައި ބޭނުން ކުރެއްވި ބަހުރުވަޔާއި ބަސްމަގުންވެސް މިކަން މޭރުންވެއެވެ. ވިދާޅުވިއެވެ. އަހަރެމެންގެ އަރުމާދު އެއޮތީ އީރާނުގެ ހަމަލާތައް ފޯރާ ހިސާބުގައެވެ.
ކޮންމެއަކަސް އީރާނު އެއޮތީ އެމެރިކާގެ މިސައިލް ރޭންޖުގެ ތެރޭގައޭ އެއްފަހަރުވެސް އޭނާ ވިދާޅެއް ނުވެއެވެ. މިގޮތަށް ރޫބިއޯ ވިދާޅުވުމުގެ މާނަޔަކީ ހަގުރާމައިގެ ހާލަތުގައި އެމެރިކާގެ އަރުމާދަށް ރައްކާތެރިކަން ކަށަވަރު ނޫންކަމަށް އެއްބަސްވުމެވެ. އެހަގީގަތް ގާނޫނުހަދާ މަޖިލީހުގެ މެންބަރުންނަށް އެންގުމެވެ. އީރާނާ ދެކޮޅަށް ހަމަލައެއް ދީފައި ބެޗުމާއި ހަގުރާމައެއްގައި ޝާމިލްވެގެން ދެމިތިބުމަކީ މުޅިން ތަފާތު ދެކަމެކެވެ. ހަގުރާމައެއްގައި ޝާމިލްވެގެން ތިބެންޏާ އެކަމަށް ގާނޫނުހަދާ މަޖިލީހުގެ ރުހުން ބޭނުންވާނެއެވެ. ފެންނަ ފެނުމުގައި ރޫބިއޯ އެދެއްވީ ހަގުރާމައެއް ކުރަން އެމެރިކާ ގަސްތު ނުކުރާ ކަމުގެ ސިގުނަލެކެވެ. މިހައިވަރުގެ ބޮޑު އަރުމާދެއް ޖަމާކޮށްގެން މިހައިވަރަށް ފޮނުއަރުވާފައި މި އަރުމާދު އެހައި އަވަހަށް ގެންދިޔުމަކީ ގާތްކަމެއް ނޫނެވެ. އީރާނާ ގާތުގައި ދުވަސްކޮޅަކަށް ދެމިތިބޭނެއެވެ. އީރާނަށް ޕްރެޝަރު ބޮޑުވެގެން އީރާނުގެ އެތެރެއިން ބަޔަކު ނުކުމެ ސަރުކާރު ވައްޓައިލާނެ ކަމުގެ އިންތިޒާރުގައެވެ.
އެކަމަކު އެއީވެސް ބިލާހެކެވެ. އީރާނުގެ ނިޒާމު ތަރުތީބު ކުރެވިފައިވަނީ ބަޔަކު ހެލިކޮޕްޓަރެއް އުދުއްސައިލީމާ ލުހިގެން އުފުރިގެން ވެއްޓޭ ގޮތަކަށް ނޫނެވެ. އެހެންވީމާ ކިތަންމެ ގިނަދުވަހަކު އޮމާން ގަލްފުގައި ފޮނުއަރުވާން މި އަރުމާދު އޮތަކަސް އީރާނުގެ ސަރުކާރެެއް ނުވެއްޓޭނެއެވެ. އަދި އީރާނުގެ ތެރޭގައި ކޮމާންޑޯ އޮޕަރޭޝަންތަކެއް ހިންގައި އީރާނުގެ ވެރިން ވަގަކަށްވެސް ނުނެގޭނެއެވެ. ނިކޮލަސް މަދޫރޯ ވަގަށް ނެގި ގޮތަށް އީރާނުގެ ރޫހީ ލީޑަރު އަލީ ޚާމަނާއީ ވަގަކަށް ނުނެގޭނެއެވެ. އީރާނުގެ އިންގިލާބީ ގާޑުންނަކީ ވެނެޒުއެލާގެ ރިޔާސީ ގާޑުންނެއްވެސް ނޫނެވެ. ވެނެޒުއެލާގެ ނާއިބުރައީސްގެ އެއްބާރުލުން އެމެރިކާއަށް ލިބުނު ގޮތަށް އީރާނުގެ ރައީސް ޑރ. ޕަޒިޝްކިޔާނަކީ އެމެރިކާގެ އެޖެންޓަކަށްވެސް ނުވާނެއެވެ. ނުހެދޭނެއެވެ. އެހެންވީމާ އޮތް ހަމައެކަނި ގޮތަކީ ފޮނުއަރުވަ އަރުވައިފައި އައިކޮޅަށް އެނބުރި ދިއުމެވެ. މިނޫން އެހެން އެއްވެސް ނަތީޖާއެއް ނެރެވޭނެ ކަމަށް ނުފެނެއެވެ.
އިމާދު ލަތީފު
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ
ޥަރަށްބޮޑުތެދެއް
މުސްލިމްދިވެހިން - 5 މަސް ކުރިން