އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މެސެޖެއް ދިނުމުގެ ގޮތުންވެސް ޖަރުމަނުން މިއަހަރުގެ ވޯލްޑް ކަޕް ބޮއިކޮޓް ނުކުރާނެ ކަމަށް އެގައުމުގެ ފެޑަރޭޝަނުން ބުނެފިއެވެ.
އެމެރިކާގެ ވޯލްޑް ކަޕަށް ޔޫރަޕްގެ އިތުރުން އެފްރިކާގެ ބައެއް ގައުމުތަކުންވެސް އަންނަނީ ފާޑު ކިޔަމުންނެވެ. ހާއްސަކޮށް ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅު ހެދުމަށް ވޯލްޑް ކަޕް ބޮއިކޮޓް ކުރާ ހާލަތަށް ގޮސްފައިވާ ކަމަށް ޖަރުމަނުގެ ބައެއް ސިޔާސީ ފަރާތްތަކުންވެސް ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ޖަރުމަނު ފެޑަރޭޝަންގެ ނައިބު ރައީސް އޮކޭ ގޮޓްލިޗްވެސް ހިމެނެއެވެ.
ގޮޓްލިޗް ވިދާޅުވެފައި ވަނީ މިހާރު އޮތް ހާލަތުން ޖަރުމަނުން ވޯލްޑް ކަޕް ބޮއިކޮޓް ކުރުމަށް ސީރިއަސްކޮށް ވިސްނަން ޖެހިފައިވާ ކަމަށެވެ. އެގޮތަށް ގޮޓްލިޗް ގޮވާލި ނަމަވެސް ޖަރުމަނު ފުޓުބޯޅަ އިދާރާއިން ބުނީ އެކަހަލަ ވާހަކަތަކަކީ އާއްމުކޮށް ދައްކަން ޖެހޭ ވާހަކަތަކެއް ނޫން ކަމަށާއި، އެ ވާހަކަތައް ދައްކަން ޖެހެނީ ފެޑަރޭޝަންގެ އެތެރޭގައި ކަމަށެވެ.
ފެޑަރޭޝަނާ ހަވާލާ ދީ ނޫސްތައް ބުނީ ބޮއިކޮޓަކީ ހައްލެއް ކަމަށް ނުދެކޭ ކަމަށާއި، ވޯލްޑް ކަޕާ ގުޅިގެން ސިޔާސީ ލަފާގެ އިތުރުން ސަލާމަތީ ކަންކަމަށްވެސް ލަފާ ހޯދަމުން އަންނަ ކަމަށެވެ. އަދި ވޯލްޑް ކަޕަށް ނުދާން ޖެހޭ ހާލަތެއް އަދި ނެތް ކަމަށްވެސް ފެޑަރޭޝަނުން ބުނެފައިވެއެވެ.
ޓްރަމްޕާ ދެކޮޅަށް ޔޫރަޕްގައި ވާހަކަތައް ދައްކަމުން އަންނަނީ ބާރުގެ ބޭނުންކޮށްގެންވެސް ގްރީންލޭންޑް ހޯދަން އޭނާ މަސައްކަތް ކުރަމުންދާތީއެވެ. އެކަމުގައި ޓްރަމްޕް މަސައްކަތް ކުރަމުންދާ ގޮތާ ދެކޮޅުވާ ޔޫރަޕްގެ ގައުމުތަކަށް ޓެރިފް މަތިކޮށް، ދަތިކުރަން ޓްރަމްޕް މަސައްކަތް ކުރާ ކަމަށް ނޫސްތައް ބުނެފައިވެއެވެ. އޭގެ އިތުރުން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ، ހައްޔަރުކުރުމާއި، ވެނެޒުއޭލާ އެމެރިކާ ބާރުގެ ދަށަށް ގެނައުމުގައި ޓްރަމްޕް ކަންތައް ކުރާ ގޮތަކީވެސް ގައުމުތަކުން އޭނާއާ ދެކޮޅަށް އަޑު އުފުލާ އެއް ސަބަބެވެ.
ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާވެސް ގޮވާލާފައި ވަނީ މިފަހަރުގެ ވޯލްޑް ކަޕާ ކައިރި ނުވުމަށެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026