ސްޕެއިން ތަރި ލެމީން ޔަމާލްގެ ތަފާތާއެކު ބާސެލޯނާއިން ރޭ ލަލީގާގައި ކުޅުނު މެޗުގައި އެލްޗޭގެ މައްޗަށް ކުރި ހޯދައިފިއެވެ.
ރޭ ބާސާއިން ރަށުން ބޭރުގައި އެލްޗޭ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑުން 21 މެޗުން 51 ޕޮއިންޓާއެކު އޮތް އިރު، ރޭ ވި ބައްޔާއެކު އެލްޗޭ އޮތީ 12 ވަނައިގައެވެ. އެއީ 22 މެޗުން 24 ޕޮއިންޓާއެކުގައެވެ.
މެޗުގެ ހަވަނަ މިނެޓުގައި ބާސާއިން ލީޑު ނެގިއެވެ. ޔަމާލް ގޯލް ޖަހައިދިނީ ޑެނީ އޮލްމޯގެ ޕާހަކުން ގޯލްކީޕަރުވެސް ނައްޓާލުމަށްފަހު ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. ފުރަތަމަ ހާފުގައި ހަމަލާތައް ގިނަކޮށް ފެނިގެން ގޮސްފައިވާ އިރު، އޭގެފަހުން އޮލްމޯ ފޮނުވާލި ބޯޅައެއް ދަނޑިއަށް އަމާޒުވިއެވެ. އަދި އިރުކޮޅެއްފަހުން އަނެއްކޮޅުން މެޗު އެއްވަރުކުރިއެވެ.
އެލްޗޭން މެޗު އެއްވަރުކުރީ އަލްވާރޯ ރޮޑްރިގޭޒް ޖެހި ގޯލަކުންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި ރޮޑްރިގޭޒް ގޯލް ޖެހީ އޭރިއާ ތެރެއިން ލިބުނު ބޯޅަ ގޯލްގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.
ހާފު ނިމުމުގެ ކުރިން ބާސާއިން މެޗު އެއްވަރުކުރިއެވެ. ފެރާން ޓޮރޭސް ފުރަތަމަ ފޮނުވާލި ހަމަލާ ގޯލްގެ ދަނޑިއަށް އަމާޒުވި ނަމަވެސް، ދެވަނަ ފަހަރަށް ފޮނުވާލި ބޯޅަ ގޯލަށް ވައްދާލި އިރު، ދެވަނަ ހާފުގައި ބާސާއަށް މެޗު ޔަގީން ކޮށްދިނީ މާކަސް ރަޝްފޯޑު ޖެހި ގޯލަކުންނވެ. އެ ގޯލަށް އެސިސްޓް ކޮށްދިނީ ޔަމާލެވެ.
މުޙައްމަދު ޝަމްޢޫން
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ