ޒޯން ހައެއްގެ ފައިނަލް ޔަގީންކޮށް، ފުރަތަމަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަ 16 އަށް ދަތުރުކުރެވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށާއި، މިއީ މުބާރާތުގެ ތަށްޓަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު އުންމީދެއް ކަމަށް ލ. އިސްދޫގެ އެންމެ މުހިންމު ކުޅުންތެރިޔާ އަލީ މީސާގް އީސާ ބުނެފިއެވެ.
އިސްދޫން ހިޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ގަދަ 16 ރޭ ޔަގީންކުރީ ޒޯން ހައެއްގެ ލީގު ބުރުގައި ކުޅުނު އެންމެ ފަހު މެޗުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތ. ތިމަރަފުށި ކައިރިން 2-2 އިން އެއްވަރުކޮށްގެންނެވެ. އިސްދޫން މިހާތަނަށް މުބާރާތުގައި ބަލިވެފައެއް ނުވެއެވެ.
ޖުމުލަ ތިން ފަހަރަށް ލ. ގަން ބަލިކޮށްފައިވާ އިރު، އިސްދޫ އެއްވަރުވީ ދެ މެޗުންނެވެ. އެއީ ޒޯން ބުރުގައި ތ. އަތޮޅުގެ ތިމަރަފުއްޓާއި ކިނބިދުއާ ދެކޮޅަށް ކުޅުނު މެޗުތަކުންނެވެ. އޭގެ އިތުރުން އިސްދޫން ވަނީ އަތޮޅު ބުރުގައި ދަނބިދުއާއި ފޮނަދޫގެ އިތުރުން މުންޑޫވެސް ބަލިކޮށްފައެވެ.
"އެންމެ ފުރަތަމަވެސް އަލްހަމްދުﷲ. ފުރަތަމަ އަތޮޅު ޗެމްޕިއަންކަން ނެގުނު ހިސާބުންވެސް ދެން ބޭނުންވީ ޒޯން ބުރުން ގަދަ 16އަށް މިފަހަރު ދަތުރުކުރަން. އަލްހަމްދުﷲ އެކަން މި ހާސިލުވީ. ބައިވެރިވާތާ ފަސް ވަނަ އަހަރު މިއީ. އަލަށް މިދިޔައީ ގަދަ 16 އަށް، އެހެންވީމަ މިއީ ވަރަށް ބޮޑު ކުރިއެރުމެއް. ދެން އިސްދޫ ރައްޔިތުން އަބަދުވެސް ތިބޭނީ ޓީމާއެކު. އެ ސަޕޯޓަރުން ބޭނުންވަނީ މިހާރު މުބާރާތުގެ ތަށްޓަށް ފައިޓް ކުރަން. އެހެންވީމަ އެކަމުގައި އިތުރު ފިޔަވަޅެއް ކުރިއަށް މި ޖެހިލެވުނީ،" މީސާގް ރޭ "ވަން ސްޕޯޓްސް"އަށް ބުންޏެވެ.
މީސާގު ބުނީ ޓީމުގައި ބައެއް އަނިޔާތައް ހުރި ނަމަވެސް، ޓީމު އެކުގައި ކުރާ މަސައްކަތުން ޓާގެޓަށް ވާސިލުވާން އުންމީދު ބޮޑު ކަމަށެވެ.
މިފަހަރު އަތޮޅު ބުރުގެ އިތުރުން ޒޯންގައިވެސް އިސްދޫން އެޓީމުގެ އެންމެ ވާދަވެރި ލ. ގަން ކައިރިން މޮޅުވެފައިވާ އިރު، މީސާގު ބުނީ ގަމަކީ އަދިވެސް ލ. އަތޮޅުގެ ފެވަރިޓުން ކަމަށެވެ. އެހެން ނަމަވެސް މިފަހަރު ނަސީބުކަން ދިމާކުރި ގޮތުން އިސްދުއަށް ގަމަށްވުރެ ރަނގަޅު ކުޅުމެއް ދެއްކުނު ކަމަށް އޭނާ ފާހަގަކުރިއެވެ.
އިސްދޫން ފުރަތަމަ ފަހަރަށް ނުކުންނަ ޒޯން ފައިނަލުގައި ވާދަކުރާނީ މީގެ ކުރިން މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައިވާ ތ. ތިމަރަފުއްޓާ ދެކޮޅަށެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް