ފަލަސްތީނުގެ ގައްޒާގައި އިޒްރޭލުގެ އަނިޔާވެރި ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރިމާތަކާ ދެކޮޅަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަނެއްކާވެސް އަޑުއުފުލައިފިއެވެ.

ގާޑިއޯލާ ފަލަސްތީނުގެ ދިފާއުގައި ކުރިންވެސް ފާޅުގައި ވާހަކަދައްކާފައިވާ އިރު، މިފަހަރު އޭނާ އަޑުއުފުލީ ބާސެލޯނާގައި ބޭއްވި ޗެރިޓީ ކޮންސެޓެއްގައެވެ. ގާޑިއޯލާ، 55، ޗެރިޓީ ކޮންސެޓުގައި ވާހަކަދައްކާފައި ވަނީ ފަލަސްތީނަށް ހާއްސަ ސްކާފެއް ކަމަށްވާ ކެފިޔާއެއްވެސް އަޅައިގެން ހުރެއެވެ.

ގާޑިއޯލާ ބުނީ މިދިޔަ ދެ އަހަރެއްހާ ދުވަހު، ސޯޝަލް މީޑިއާއާއި ޓީވީން ގައްޒާގެ އެތައް ކުދިންނެއް، ވީރާނާވެފައިވާ ހިރަފުސްތަކުގެ ތެރެއިން މަންމައާއި ބައްޕަ ހޯދަން ރޯ ރުއިމުން އަސަރުކުރާ ކަމަށެވެ. އަދި އޭގެ މަންޒަރެއް ފެންނަ ކޮންމެ ފަހަރަކު ހިތަށް އަރަނީ އަހަރެމެން އެ ކުދިން ދޫކޮށްލިކަމުގެ އިހުސާސް ކަމަށްވެސް ގާޑިއޯލާ ބުންޏެވެ.

އޭގެ އިތުުރުން ގާޑިއޯލާ ބުނީ، އަހަރެމެން ކޮބައިތޯ އެކުދިން އަހާ ކަހަލަ އިހުސާސެއް އަބަދުވެސް ކުރެވޭ ކަމަށެވެ. އަދި މިވީހާތަނަށްވެސް އެ ކުދިންނަށް ލިބެމުންދާ ނާއިންސާފަށް، ދުނިޔެއަށް ޖަވާބު ހޯދައިދެވިފައިވާ ނުވާ ކަމަށް އޭނާ ބުންޏެވެ. ގާޑިއޯލާ އިތުރަށް ބުނީ އެ ޖަވާބު ނުހޯދި އޮތީ ބާރާއި ނުފޫޒުގައި ތިބި އެތައް ބައެއްގެ ފިނޑިކަމުން ކަމަށެވެ. އަދި އެ ހުރިހާ ފަރާތްތަކެއް ފިޔަވަޅެއް ކުރިއަށް ޖެހި، އަނިޔާވެރިކަމާ ދެކޮޅަށް ތެދުވަން ގާޑިއޯލާ ގޮވާލިއެވެ.

މީގެ ކުރިންވެސް ގައްޒާގެ ދިފާއުގައި ގާޑިއޯލާ ވާހަކަދައްކާފައިވާ ވީޑިއޯއަށް ބޮޑު ސަމާލުކަމެއް ލިބިފައިވެއެވެ. އެ ވީޑިއޯގައި އޭނާ އަސަރުން ފުރިގެންވާ ވާހަކަތަކެއް ދައްކާފައިވެއެވެ. އުފަން ރަށް ކަޓަލޫނިއާއަކީ މިނިވަން ގައުމެއް ގޮތުގައި ހަދައިދިނުމަށްވެސް އަޑުއުފުލި ގާޑިއޯލާ ބުނީ ގާޒާއަށް ދެމުންދާ ލާ އިންސާނީ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލަން ނުކެރުމަކީ ފިނޑިވުން ކަމަށެވެ.