ޔޫކޭއާއި ކެނެޑާއިން ޗައިނާއެކު ވިޔަފާރި ނުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވައިފިއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އިނގިރޭސިވިލާތާއި ކެނަޑާއިން ޗައިނާއާއެކު ގާތް ގުޅުމެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެ، އެ ދެ ގައުމުން ޗައިނާއާއެކު ވިޔަފާރީގެ ގުޅުމުގެ އިތުރުން ޑިމްލޮމެޓިކް ގުޅުން ވެސް ގާއިމު ނުކުރުމަށް އަންގަވައިފައެވެ.

އިނގިރޭސިވިލާތުން ޗައިނާއާއެކު ވިޔަފާރިއާއި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްބުނެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޓްރަމްޕް ވަނީ ޗައިނާއާއެކު ޔޫކޭއާއި ކެނަޑާއިން ކުރަން އުޅޭ ކަމަކީ އެ ބަޔަކަށް ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

ޓްރަމްޕް ވަނީ ޗައިނާއަކީ އިގުތިސާދީ މައްސަލަތަކަށް އޮތް ހައްލެއް ނޫންކަން ފާހަގަކުރައްވަމުން ފާޑުވިދާޅުވެފައެވެ.

ޓްރަމްޕް އެގޮތަށް ވިދާޅުވެފައިވާ އިރު، އިނގިރޭސި ބޮޑުވަޒީރު ކެއިރް ސްޓާމާ ވަނީ އިއްޔެ ޝަންހާއީ އަށް ވަޑައިގެންފައެވެ. ބޮޑުވަޒީރުގެ ތިން ދުވަހުގެ ދަތުރުފުޅުގައި ޗައިނާއާއެކު ގިނަ ކަންކަމުގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެ ދަތުރުފުޅުގައި އިނގިރޭސި ވިޔަފާރިވެރިންގެ ބޮޑު ޓީމެއް ވެސް ބައިވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.