ގިރާވަރުފަޅު އަލުން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ "ބިންވެރިޔާ" ސްކީމުގެ ދަށުން ގިރާވަރުފަޅުން 2،000 ގޯތި، މާލޭ ރައްޔިތުންނަށް ދޫކުރަން ނިންމިއެވެ. ނަމަވެސް އެތަނުން 2،000 ގޯތި ނުނެގޭތީ، ބާކީ ގޯތި ގުޅިފަޅުން ދޭން ސަރުކާރުން ނިންމައި، ގޯތި ބަދަލުކުރުމަށް މި ސަރުކާރުން ހުޅުވާލިއެވެ.

އެ ފުރުސަތުގައި ގުޅީފަޅަށް ގޯތި ބަދަލުކޮށްދިނުމަށް 2،210 މީހަކު ވަނީ އެދިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފައިވާ ކަމަށެވެ. އެ މަނިކުފާނު ވަނީ ގިރާވަރުފަޅު ހިއްކަމުންދާ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯވެސް ހިއްސާކުރައްވައިފައެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) ކުންފުނިންނެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ގިރާވަރުފަޅުން ހިއްކުމަށް ހަމަޖެހިފައިވަނީ 160 ހެކްޓަރުގެ ބިމެވެ. އޭގެ ތެރެއިން 54 ހެކްޓަރުގެ ބިން ހިއްކުމަށްފަހު، އެތަން ހިއްކުމުގެ މަސައްކަތްވަނީ މަޑުޖެހިފައެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަލުން މިއަދު ފެށިއިރު ހައުސިން މިނިސްޓްރީން މިދިޔަ ހަފުތާގައިވަނީ ގިރާވަރުފަޅުގެ ލޭންޑް ޔޫޒް ޕްލޭން އާންމުކޮށްފައެވެ.