ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވައިލައްވައިފިއެވެ.

ސަރުކާރުން ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފެށީ މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅުއެވެ. އެ މަސައްކަތް ކުރަނީ އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގިރާވަރުފަޅަށް ބައެއް ވަޒީރުންނާއި މާލެ ދާއިރާގެ މަޖިލިސް މެންބަރުންނާއި އެމްއޭސީއެލްގެ އިސްވެރިންނާއެކު މިއަދު ކުރެއްވި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ ބިން ހިއްކުމުގެ މަސައްކަތް ކުރާ ސައިޓަށް ވަޑައިގެން މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވައިލައްވައިފައެވެ.

އެ ޒިޔާރަތުގެ ތެރެެއިން މީޑިއާތަކަށް ދެއްވި އިންޓަވިޔުއެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް ނިންމާލުމަށް ސަރުކާރުން އިސްކަމެއް ދޭ ކަމަށެވެ.

އެގޮތުން ކުރިއަށްއޮތް ތިން ހަފުތާގެ ތެރޭގައި ބިން ހިއްކައި ނިމޭނެ ކަމަށާއި އެއަށްފަހު ގޯތި ދޫކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށެވެ.

ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ "ބިންވެރިޔާ" ސްކީމުގެ ދަށުން ގިރާވަރުފަޅުން 2،000 ގޯތި، މާލޭ ރައްޔިތުންނަށް ދޫކުރަން ނިންމިއެވެ. ނަމަވެސް އެތަނުން 2،000 ގޯތި ނުނެގޭތީ، ބާކީ ގޯތި ގުޅިފަޅުން ދޭން ސަރުކާރުން ނިންމައި، ގޯތި ބަދަލުކުރުމަށް މި ސަރުކާރުން ހުޅުވާލިއެވެ.

ސަރުކާރުން ހުޅުވާލި އެ ފުރުސަތުގައި ގުޅިފަޅަށް ގޯތި ބަދަލުކޮށްދިނުމަށް 2،210 މީހަކު ވަނީ އެދިފައެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) ކުންފުނިންނެވެ.

ސަރުކާރުން ބުނެފައިވާގޮތުގައި ގިރާވަރުފަޅުން ހިއްކުމަށް ހަމަޖެހިފައިވަނީ 160 ހެކްޓަރުގެ ބިމެވެ.