ނ. ވިހަފަރުގައި ހެދުމަށް ނިންމާފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ވިހަފަރު ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ އެވެ.

ވިހަފަރުގެ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފެވެ.

އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަދި ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވިހަފަރު ހިއްކުމުގެ މަޝްރޫއުގެ ދަށުން 1.6 މީޓަރުގެ އުސްމިނުގައި 42 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

29 ޖެނުއަރީ 2026، ނ. ވިހަފަރުގައި ހެދުމަށް ނިންމާފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުން -- ފޮޓޯ/ އެމްއޭސީއެލް

ރައީސް މުއިއްޒު، މިދިޔަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު ނ. ހޮޅުދުއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ ނ. ވެލިދޫ ކައިރީގައި އޮންނަ ވިހަފަރުގައި ހަދާ އެއާޕޯޓުގެ އަމަލީ މަސައްކަތް މިއަހަރުގެ ކުރީކޮޅުގައި ފަށާނެ ކަމަށެވެ.

ރައީސް ވިދާޅުވެފައިވަނީ މާފަރު އެއާޕޯޓުގެ އިތުރުން ނ. އަތޮޅުގެ ހޮޅުދޫ، ވެލިދޫ އަދި ފޮއްދޫ ހިމެނޭ ސަރަހައްދަށް ވެސް ޑޮމެސްޓިކް އެއާޕޯޓެއް މުހިންމު ކަމަށެވެ.

"އެހެންވީމާ ވެލިދޫ ކައިރީގައި އޮންނަ ވިހަފަރުގައި އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް މި އަންނަ އަހަރު (2026 ވަނަ އަހަރު)ގެ ކުރީކޮޅު ފެށުމަށް ނިންމާފައިވާކަން، އިރާދަކުރެއްވިއްޔާ އެގޮތަށް އެކަން ފަށާނެކަން ތިޔަބޭފުޅުންނަށް މި ޖަލްސާގައި އަޅުގަނޑު އިއުލާންކުރަން،" އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ އެ އެއާޕޯޓުގެ ފައިދާ ހޮޅުދޫ އާއި ކައިރި ރަށްރަށް އަދި ރިސޯޓުތަކަށް ވެސް ލިބޭނެ ކަމަށާއި އޭގެ ސަބަބުން އިގުތިސާދީގޮތުން ވެސް ވަރަށް ގިނަ ކަންކަން ފަހިވެގެންދާނެ ކަމަށެވެ. އަދި ދުރު ރާސްތާއަށް ބަލާ އިރުވެސް، ނ. އަތޮޅަށް އެ މަޝްރޫއިން ގިނަ ފައިދާތަކެއް ލިބިގެންދާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"މި އަތޮޅުގެ ޓޫރިޒަމް ކުރިއެރުމާއި މި އަތޮޅުގައި އަޅުގަނޑުމެން ކުރިއަށްގެންދަން ނިންމާފައި ހުރި ވަރަށް ގިނަ އެހެން މަޝްރޫއުތައް އެބަހުރި. އަޅުގަނޑުމެން މިހާރު ވާނެ އެސްއީޒެޑް ޕާމިޓް ދިނުމަށް ނިންމައި، ހަވާލުކޮށްފައި ޓައުންޝިޕް ޕްރޮޖެކްޓަކަށް ވެސް. އެހެންވީމާ މިހެން ގޮސް ވަރަށް ގިނަ ކަންކަން އެބަހުރި،" އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ މާފަރު އެއާޕޯޓުގެ ޓާމިނަލުގެ މަސައްކަތާއި އެއާޕޯޓަށް އިތުރު ވަސީލަތްތައް ގާއިމުކޮށްދީ، އެ އެއާޕޯޓަކީ ވަރަށް ފެންވަރު މަތީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި އެ އެއާޕޯޓުގައި ހޮޓެލެއް ގާއިމުކޮށް އިތުރު މަސައްކަތްތައް ވެސް ޕްލޭންކުރެވިފައިވާ ކަމަށެވެ.

ނ. ވިހަފަރުގައި އެއާޕޯޓެއް ހެދުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.