ރ. އިފުރު އެއާޕޯޓުގެ ރަންވޭގެ މެއިންޓެނެންސް މަސައްކަތެއް ކުރުމަށްޓަކައި، އެ އެއާޕޯޓަށް ކުރާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައި އެއާޕޯޓު ބަންދުކޮށްފިއެވެ.

މޯލްޑިވިއަންއިން މިރޭ ބުނީ ރަންވޭ މަރާމާތު ކުރުމަށް މިއަދު ހަވީރު 16:00 ގައި އެއާޕޯޓު ބަންދުކުރި ނަމަވެސް، މަސައްކަތް ނިންމުމަށްފަހު މާދަމާ ފަތިހު 05:00 އިން ފެށިގެން އަލުން ދަތުރުތައް ފަށާނެ ކަމަށެވެ.

އެ ވަގުތީ މެދުކަނޑާލުމުގެ ސަބަބުން ދަތުރުވެރިންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭކަމަށް މޯލްޑިވިއަންއިން ބުންޏެވެ.

އަދި އެއާޕޯޓު ބަންދުކުރި ވަގުތާ ދިމާވާ ގޮތަށް ކުރިން ޓިކެޓް ނަގާފައިވާ ފަރާތްތަކަށް، ދަތުރުކުރެވޭނެ އެހެން ގޮތްތަކެއް ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވިއަނުން ބުންޏެވެ.

އެކަމާ ގުޅޭ އެއްވެސް މައުލާމާތު ބޭނުންވާ ފަރާތްތަކުން 1671 އަށް ގުޅުމަށް މޯލްޑިވިއަންއިން ވަނީ އެދިފައެވެ.